ބޮލީވުޑް

ކާރްތިކްގެ އެންމެ ލަވައަކަށް ހަތް ކްރޯޑު ހަރަދުކޮށްފި

ކާރްތިކް އާރްޔަންގެ އާ ފިލްމު "ސަތުޔަޕްރޭމް ކީ ކަތާ"ގެ ޝޫޓީންގް މީގެ ހަފުތާއެއްހާ ދުވަސް ކުރިން ވަނީ ނިމިފަ އެވެ. ކިއާރާ އަދުވާނީ ބަތަލާގެ ބައި ކުޅޭ މި ފިލްމުގެ ޝޫޓިން ނިންމާލީ ފިލްމުގައި ކާރްތިކް ފުރަތަމަ ފަހަރަށް ފެންނައިރު ދައްކަން ހަމަޖެހިފައިވާ ވަރަށް ވަރުގަދަ ލަވައަކުންނެވެ.

މި ލަވައިގައި ހަތަރު ވައްތަރެއްގެ ކައިވެނީގެ މަންޒަރުތައް ފެންނާނެ އެވެ. އެއީ ގުޖްރާތީ، ސައުތު އިންޑިއަން، މުސްލިމް އަދި ކްރިސްޓިއަން ކައިވެންޏެކެވެ.

އިންޑިއާގެ ނޫސްތަކުން ބުނި ގޮތުގައި މި ލަވައިގެ އަގު ހަތް ކްރޯޑަށް އަރަ އެވެ. އެހެންވެ މިފަދަ ލަވައެއް ފިލްމުގައި ހިމަނާނީތޯ ނުވަތަ ނޫންތޯ ޕްރޮޑިއުސަރުން ވެސް ތިބީ ދެ ހިޔާލެއްގަ އެވެ. ނަމަވެސް ކާރްތިކް ބޭނުންވެގެން އޭނާ ކިޔާވަރުން މި ލަވަ ޝޫޓް ކުރަން ނިންމީ އެވެ.

މި ލަވައިގައި ކާރްތިކްގެ ކެރެކްޓާ ސަތުޔަޕްރޭމް ކައިވެނީގެ ހުވަފެންތައް ދެކޭ ތަން ދައްކަ އެވެ. އެގޮތުން އޭނާ ކައިވެނިކުރާނެ ގޮތުގެ ހުވަފެންތަކުގެ ތެރޭގައި ހަތަރު ވައްތަރެއްގެ ކައިވެނީގެ މަންޒަރުތައް ހިމަނާފައި ވަނީ އެވެ.

މި އަގުބޮޑު ލަވައިގެ ޝޫޓިންއަށް މުމްބައިގެ ސްޓޫޑިއޯ އެއްގައި ދެ ސެޓެއް ވަރަށް ފުރިހަމައަށް ތައްޔާރުކޮށްފައި ހުއްޓެވެ. މީގެ ތެރެއިން އެއް ސެޓު ތައްޔާރުކޮށްފައި ހުރީ ގުޖްރާތީ ކައިވެނިތައް ކުރާއިރު ހުންނަ ގޮތަށެވެ. އަދި ދެވަނަ ސެޓު ހުރީ މުސްލިމުންގެ ކައިވެނި ހަފުލާތައް ތައްޔާރުކޮށްފައި ހުންނަ ގޮތަށެވެ.

އަނެއް ދެ ސެޓު ތައްޔާރުކޮށްފައި ހުރީ މަޑް އައިލެންޑްގަ އެވެ. އެތަނުގައި ހުރީ ސައުތު އިންޑިއާގެ ކައިވެނިތައް ކުރާއިރު އެމީހުންގެ ސަގާފަތާއި އާދަކާދަތަކާ އެއްގޮތަށް ތައްޔާރުކޮށްފައި ހުރި ސެޓަކާއި ކްރިސްޓިއަން ކައިވެނިތައް ކުރާއިރު ހުންނަ ގޮތަށެވެ.

"ސަތުޔަޕްރޭމް ކީ ކަތާ"ގެ ބައެއް ލަވަތައް މިހާރު ރިލީޒްކޮށްފައިވާއިރު އެ ލަވަތަކަށް އިންޓަނެޓުގައި ވަރަށް ބޮޑު ތަރުހީބެއް ލިބިފައި ވެއެވެ. ފިލްމު ރިލީޒްކުރަން ހަމަޖެހިފައިވަނީ މިހިނގާ ޖޫން މަހުގެ 29 ވަނަ ދުވަހު އެވެ.