ހުނަރުވެރި ބަތަލާ ތައްބޫ މިހާރު ވަނީ ކާރްތިކް އާރްޔަން އާއި ކިއާރާ އަދުވާނީގެ "ބޫލް ބުލައްޔާ 2"ގެ ޝޫޓިންގްގައި ބައިވެރިވާން ފަށާފަ އެވެ. މި ޝޫޓިންގަށް ހާޒިރުވިއިރު ތައްބޫ އައީ އޭނާގެ އަމިއްލަ "ޒެޑްޕްލަސްޕްލަސް ބައޯބަބްލް"އެއް ހިފައިގެންނެވެ.
ކާރްތިކް އިންސްޓަގްރާމްގައި ޝެއާކުރި ފޮޓޯއަކުން ފެންނަނީ އޭނާ އާއި ކިއާރާ އަދި ޑައިރެކްޓަރު އަނީސް ބަޒްމީ ފޮޓޯއަކަށް މަޑުކޮށްލައިގެން ތިބިއިރު ތައްބޫ ހުރީ ބިއްލޫރި ސްކްރީނެއްގެ ފަހަތުގައި ރައްކާތެރިކަން ހޯދައިގެންނެވެ.
ކާރްތިކް ބުނި ގޮތުގައި ކޮވިޑް-19ގެ ކޭސްތައް މުމްބައިގައި މާ ބޮޑަށް އިތުރުވެފައިވާތީ ބަބްލް ތެރެއިން ނުކުންނަން ތައްބޫ ބޭނުން ނުވާ ކަމަށެވެ.
ތައްބޫ "ބޫލް ބުލައްޔާ 2" ކުޅެން އެއްބަސްވެފައިވީ ނަމަވެސް ފިލްމުގެ ޝޫޓިންގަށް ހާޒިރުވާން ދެކޮޅު ހަދާފައިވާ ކަމަށް މިއަހަރު ފެށުނުތަނާ ޚަބަރުތައް ފެތުރުނެވެ. އަދި މިކަމުގެ ސަބަބުން ފިލްމުގެ ޝޫޓިންގް ވަރަށް ބޮޑަށް ލަސްވެގެން ގޮސްފައިވާ ކަމަށް ވެސް އޭރު އިންޑިޔާގެ ނޫސްތަކުން ވަނީ ބުނެފަ އެވެ.
ނަމަވެސް ޑައިރެކްޓަރު ބުނި ގޮތުގައި އެއީ ދޮގު ވާހަކަ ތަކެކެވެ. ތައްބޫ އެއް އިރެއްގައި ވެސް ޝޫޓިންގަށް ދާން ދެކޮޅެއް ނަހަދަ އެވެ.
"އެކަންވީ އެހެނެއް ނޫން. ޚުދް އަހަރެން ވެސް މުމްބައިގައި ނެތި 10 ވަރަކަށް މަސް ހިނގައްޖެ. ކޮވިޑް-19ގެ ވަބާ ފެތުރެން ފެށުމުން އަހަރެން އާއިލާ ގޮވައިގެން ލޯނާވާލާގައި ހުރި ފާމްހައުސް އެއްގައި 10 ވަރަކަށް މަސް ހުރިން،" ޑައިރެކްޓަރު އަނީސް ބުންޏެވެ.
ދާދިފަހުން ކާރްތިކް އާއި ކިއާރާ ވަނީ މަނާލީގައި ވެސް މި ފިލްމުގެ ބައެއް މަންޒަރުތައް ޝޫޓްކޮށްފަ އެވެ.
"ބޫލް ބުލައްޔާ 2" ރިލީޒްކުރާނީ މިއަހަރުގެ ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހު ކަމަށް ވެސް ކާރްތިކް ވަނީ އިއުލާން ކޮށްފަ އެވެ.
"ބޫލް ބުލައްޔާ 2" އަކީ ސައިކޮލޮޖިކަލް ކޮމެޑީ ތުރިލާ އެކެވެ. މިއީ 2007ގައި ރިލީޒްކުރި ހިޓް ފިލްމު "ބޫލް ބުލައްޔާ"ގެ ސީކުއަލް އެކެވެ. ޕްރިޔަދަރްޝަން ޑައިރެކްޓްކުރި ފުރަތަމަ ފިލްމުގައި ބަތަލުގެ ބައި ކުޅުނު އަކްޝޭ ކުމާރެވެ. ބަތަލާގެ ރޯލު އަދާކުރީ ވިދްޔާ ބާލަން އެވެ. އަދި އެކްޓަރު ޝައިނީ އަހޫޖާ ވެސް މި ފިލްމުގައި މުހިއްމު ބައެއް އަދާކުރި އެވެ.