ޑރ. މުހައްމަދު މުއިއްޒު

ޕްލޭން ކުރީ ހައްގު މިންވަރަށް، އުނިކުރީ މި ސަރުކާރުން: މުއިއްޒު

ކުރީގެ ސަރުކާރުން ރޭވި ގޮތަށް ހިޔާ މަޝްރޫއު ކުރިއަށް ގެންދިޔަ ނަމަ ރައްޔިތުންނަށް އެންމެ ހައްގު މިންވަރު ދެވުނީސް ކަމަށާއި އެ މިންވަރު އުނިވާ ގޮތަށް މަޝްރޫއުއަށް މި ސަރުކާރުން ބަދަލުތައް ގެނެސްފައިވާ ކަމަަށް އެ މަޝްރޫއު ފެށިއިރު ހައުސިން މިނިސްޓަރު ކަމުގައި ހުންނެވި ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ހިޔާ މަޝްރޫއުގެ ފްލެޓްތަކާ ގުޅޭ ގޮތުން މައުލޫމާތު ސާފުކުރުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ކުރީގެ ސަރުކާރުގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އާއި މި ސަރުކާރުގެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ހާޒިރުކުރި އެވެ.

ކޮމިޓީގައި މިނިސްޓަރު އަސްލަމް ވިދާޅުވީ، 527 އަކަ ފޫޓަށް ފްލެޓްތައް ހެދިއިރު އެއީ ރައްޔިތުންނަށް އެންމެ ހައްގު މިންވަރު ނޫން ކަމަށެވެ. އެއީ ސޯޝަލް ހައުސިންގައި އާންމުކޮށް އޮންނަ ޖާގައިގެ މިންގަނޑަށްވުރެ ވެސް ކުޑަ މިންގަނޑެއް ކަމަށެވެ. މުޅި މަޝްރޫއު ވެސް ހަވާލު ކުރީ އަގު ހެޔޮކޮށް ކުރެވެން އޮއްވައި ބޮޑު އަގުގައި ކަމަށެވެ.

ކޮމިޓީގެ މެންބަރަކު ދެން ވަނީ ފްލެޓްގައިވާ ޖާގައަކީ ރައްޔިތުންނަށް އެންމެ ހައްގު މިންވަރު ކަމަށް ގަބޫލު ކުރައްވަންތޯ މުއިއްޒަށް ސުވާލު އަމާޒުކޮށްފަ އެވެ.

އެ ސުވާލުގެ ޖަވާބުގައި މުއިއްޒު ވިދާޅުވީ ކުރީގެ ސަރުކާރުން ރޭވި ގޮތަށް މަޝްރޫއު ކުރިއަށް ގެންދިޔަ ނަމަ ރައްޔިތުންނަށް އެންމެ ހައްގު މިންވަރު ދެވުނީސް ކަމަށެވެ. ނަމަވެސް ސަރުކާރުން މަޝްރޫއަށް ގެނައި ބަދަލުތަކުގެ ސަބަބުން މިހާރު އެންމެ ހައްގު މިންވަރަށް ނުދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ސަރުކާރުން ރާވާފައިވާ ގޮތުންނަމަ ފްލެޓްގެ އަގު މިއަށްވުރެ ކުޑަކޮށް އެބަ ޖެހޭ، ފިނިޝިން މަސައްކަތް ވެސް ނިންމާ ގޮތަށް އޮތީ، ޓައިލްސްއާއި ފަންކާއާއި ދޮރާ ހުރިހާ ކަމެއް ނިންމާފައިދޭ ގޮތަށް، އެހެން ނަމަވެސް މި ސަރުކާރުން އެ ބަޔަށް އުނިތަކެއް ގެނައިމަ މިހާރު ދެން ހައްގު މިންވަރަކަށް ނޫން އެ ދެވެނީ،" މުއިއްޒު ވިދާޅުވި އެވެ.

ކުރީގެ ސަރުކާރުން 7،000 ޔުނިޓް އެޅުމަށް ޗައިނާގެ ކުންފުންޏާ ހަވާލުކުރެވުނުއިރު، ނިމިފައި އޮތީ 6،720 ޔުނިޓް ކަމުން އެ އަދަދު އުނިވި ސަބަބަކާ ގުޅޭ ގޮތުން ވެސް ބައެއް މެންބަރުން ސުވާލު ކުރެއްވި އެވެ. އެއަަށް ޖަވާބު ދެއްވަމުން މުއިއްޒު ވިދާޅުވީ އޭނާ ފްލެޓްތަކަށް ޒިޔާރަތް ކުރުމުން ތިރީ ފަންގިފިލާގައި އެއްވެސް ފްލެޓެއް ނެތްކަން ފާހަގަކުރެވުނު ކަމަށާއި އޭގެ ސަބަބުން ފްލެޓްތަކެއް މަދުވާނެ ކަމަށެވެ.

"އަޅުގަނޑުމެން ވެސް ފްލެޓްތަކަށް ޒިޔާރަތް ކުރުމުން ފާހަގަކުރެވުނު އެންމެ ގްރައުންޑް ފްލޯގައި އެއްވެސް ހައުސިން ޔުނިޓްއެއް ނެތް ކަން، ދެން އެ ތަނުގައި އޭރު ތިބި އެޗްޑީސީގެ މުވައްޒަފުން ކައިރިން ސާފުކުރުމުން އެނގުނީ އެއީ މި ސަރުކާރުން ގެނައި ބަދަލަކުން ގްރައުންޑް ފޯލާގައި ޔުނިޓްތައް ނެތި ހުސްކުރީ ކަމަށް،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒުގެ އެ ވާހަކަތައް މިނިސްޓަރު އަސްލަމް ދޮގު ކުރެއްވި އެވެ. އަސްލަމް ވިދާޅުވީ ފްލެޓްގެ މަސައްކަތްތައް ކުރިއަށް ގޮސްފައި ވަނީ މިދިޔަ ސަރުކާރުން ކޮންޓްރެކްޓަރާއި މަސައްކަތް ހަވާލު ކުރި ގޮތަށް ކަމަށެވެ. އޭގައި ފްލެޓްތަކުގެ ފިނިޝިން މަސައްކަތްތަކެއް ނުހިމެނޭ ކަމަށެވެ.

"ނޫން، އެއީ މި ސަރުކާރުން ނިންމި ކަމެއް ނޫން، ކުރީގެ ސަރުކާރުން ހަވާލުކުރި ގޮތަށް އެ އޮތީ ގެންގޮސްފައި،" އަސްލަމް ވިދާޅުވި އެވެ.

ހިޔާ މަޝްރޫއުގެ ފްލެޓްތައް ކުރީގެ ސަރުކާރުން ދޫކޮށްފައިވާ ގޮތް ދިރާސާކޮށް ފްލެޓްތައް ލިބެން ޖެހޭ މީހުން ކަނޑައެޅުމަށް ރައީސް އޮފީހުގައި ކޮމިޓީއެއް މި ސަރުކާރުން އެކުލަވާލި އެވެ. އެ ކޮމިޓީން ބުނެފައިވާ ގޮތުގައި އަންނަ މަހުން ފެށިގެން ފްލެޓް ލިބޭ މީހުންގެ ނަންތައް އާންމުކުރަން ފެށޭނެ ކަމަށެވެ. އަދި އެ ފްލެޓްތަކަށް މީހުން ވަންނަން އަދި އަށް މަސް ނަގާނެ ކަމަށް މިނިސްޓަރު އަސްލަމް ވިދާޅުވެފައިވެ އެވެ.