ހަބަރު

ހިޔާ ފްލެޓްގެ މައްސަލަ: މުއިއްޒު ކޮމިޓީއަށް ހާޒިރު ކުރަނީ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ކުރިއަށް ގެންދިޔަ "ހިޔާ މަޝްރޫއު" ގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަޅާފައިވާ ފްލެޓްތަކުގެ މައްސަލާގައި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަށް ހާޒިރުވާން އަންގައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިއުޝާ ސޮއި ކުރައްވައި މުއިއްޒަށް ފޮނުއްވި ސިޓީއެއްގައި ވަނީ އެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން ހިޔާ ފްލެޓްތަކާ ގުޅޭ ގޮތުން މައުލޫމާތު ސާފު ކުރަން މުއިއްޒާ ބައްދަލު ކުރާން ބޭނުންވާ ކަމަށެވެ.

އެ ގޮތުން އަންނަ ހަފުތާގެ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ގައި ބާއްވާ އެ ކޮމިޓީގެ ބައްދަލުވުމަށް މުއިއްޒު ހާޒިރުވުމަށް އެ ސިޓީގައި އަންގާފައިވެ އެވެ.

ނަވާރަވަނަ ރައްޔިތުންގެ މަޖިލިސް ފެށުނު ފަހުން މަޖިލީހުގެ ކޮމިޓީއަކަށް މުއިއްޒު ހާޒިރު ކުރާ މިއީ ދެވަނަ ފަހަރެވެ. މީގެ ކުރިން އޭނާ ހާޒިރުކޮށްފައިވަނީ، މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަަށެވެ. މިހާތަނަށް ކުރީގެ ސަރުކާރުގެ ވަޒީރުންގެ ތެރެއިން މި މަޖިލީހަށް ހާޒިރު ކޮށްފައި ވަނީ ވެސް މުއިއްޒު އެކަންޏެވެ.

މާލިއްޔަތު ކޮމިޓީއަށް މުއިއްޒު އޭރު ހާޒިރު ކޮށްފައި ވަނީ ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސަސްއިން ނެދަލޭންޑްގް ދަ ހޭންގްގައި ހުންނަ ޕާމަނަންޓް ކޯޓް އާބިޓްރޭޝަނަށް އެ ކުންފުނިން ހުށަހެޅި މައްސަލާގައި ދައުލަތަށް ގެއްލުންވާ ގޮތަށް މުއިއްޒު ބަޔާން ދީފައިވާ ކަމަށް ބުނެ އެވެ.