ޑރ. މުހައްމަދު މުއިއްޒު

ބޯހިޔާވަހި ސިޔާސަތުތަކަށް މުއިއްޒުގެ ފާޑުކިޔައިފި

މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވަަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

މުއިއްޒު ވަނީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އެޅި ހިޔާ ފްލެޓްތައް ދިނުމުގައި ސަރުކާރުން އަމަލުކުރި އުސޫލު ތައް ރަނގަޅު ނޫން ކަމެވެ. ހިޔާ ފްލެޓް ލިބުނު މީހުންގެ ދާއިމީ ލިސްޓަށް ބަދަލު ގެނެސްމ ސަރުކާރު މުވައްޒަފުންގެ ތެރެއިން 50 ޕަސެންޓްގެ ދަށުން މާކްސް ލިބުނު މީހުންނަށް ފްލެޓު ނުދޭން ސަރުކާރުން ނިންމާފައިވާތީ ކުރީގެ މިނިސްޓަރު މުއިއްޒު ވަނީ ފާޑު ވިދާޅުވެފަ އެވެ.

މުއިއްޒު ވިފާޅުވީ ސިވިލް ސާވިސް މުވައްޒަފުންގެ އަތުން ފްލެޓު އަތުލުމަކީ އެއްގޮ ތަކަށް ވެސް ކޮށްގެންވާނެ ކަަމެއް ނޫން ކަމަށެވެ.

"ސިވިލް ސާވިސް މުވައްޒަފުން ސަރުކާރުގެ ސިޔާސަތުތައް ތަންފީޒް ކުރުމުގައި އެންމެ ބުރަަކޮށް މަސައްކަތް ކުރާ ފަރާތްތައް. އެ ފަރާތްތަކާ ދޭތެރޭ މިފަދަ އިހާނަތި ގޮތަސް ހެދުމަކީ ކޮށްގެންވާނެ ކަަމެއް ނޫން" މުއިއްޒު ވިދާޅުވި އެވެ.

ސިވިލް ސާވިސް ކެޓަގަރީން ފްލެޓް ދިނުމުގައި ބަލާފައި ވަނީ ސަރުކާރުގައި އުޅުނު މުއްދަތަަށާއި، ވަޒީފާގެ ގިންތިއާއި ދަރިންގެ އަދަދާއި ނުކުޅެދުންތެރި ކުދިން ތިބޭ ތިިބުމަށެވެ. އެ ކެޓަގަރީން ފްލެޓް ދިނުމުގައި ދިރިއުޅުމުގެ ހާލަތަ ބެލުން ޝަރުތެއްގެ ގޮތުގައި ކަނޑައަޅާފައެއް ނުވެ އެވެ. ނަމަވެސް އެހެނިހެން ކެޓަގަތީ ތަކުން ފްލެޓް ދިން އިރު ދިރިއުޅުމުގެ ހާލަތައް ބަލައި އެންމެ ދަށްވެގެން 50 މާކްސް ލިބެން ޖެހޭނެކަމަށް ކަނޑައަޅާފައި އޮތެވެ.

މި ސަރުކާރުގެ ކުރީ ދުވަސްކޮޅު އަތޮޅުތަކުގެ ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ ފޮނި އުއްމީދުތަކެއް ދިނެވެ. ރަށްރަށުގައި ހުރި އަމިއްލަ ގޯތިތަކުގައި ހައުސިން ޔުނިޓް އިމާރާތްކުރުމަށް އެދޭ ފަރާތްތަަކުން ޝައުގުވެރިކަން ފާޅުކުރަން ކުރިން ހުޅުވާ ވެސް ލިއެވެ. ނަމަވެސް އެކަމާ ގުޅޭ އެއްވެސް އަމަލީ މަސައްކަތެއް މިހާތަނަށް ވެސް ފަށާފައިނުވާޔީ އެމްޑީޕީގެ މަޖިލިސް މެމްބަރުން ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ.

މިނިސްޓަރު އަސްލަމް މަޖިލީހަށް ހާޒިރު ކުރީ ވެސް އެހެންވެ އެވެ. އެކަމާ ގުޅޭ ގޮތުން އަސްލަމް ވިދާޅުވީ މީހަކަށް ގެއެއް އަޅާދޭނެ ކަމަށް އެއްވެސް ނިޔަތެއްގައި ވިދާޅުވެފައި ނުވާނެކަމަށާއި ހައުސިން ޔުނިޓްތައް އިމާރާތްކުރަން ޝައުގުވެރިންކަން ފާޅުކުރަން ހުޅުވާލީ ހަމައެކަނި ޑިމާންޑަށް ބެލުމުގެ ގޮތުން ކަމަށެވެ.

އަސްލަމް އަށް ރައްދު ދެއްވައި، މުއިއްޒު ވިދާޅުވީ ގެދޮރުވެރި ކަމަކީ ކޮންމެ ރައްޔިތެއްގެ ވެސް އިންސާނީ ހައްގެއް ކަަމަށާ ރައްޔިތުންނަށް ހެޔު އެދޭނަމަ ހަމައެކަނި ވިޔަފާރީގެ އުސޫލުން ބޯހިޔާވަހިކަން ކުރިއަށް ނުގެންދާނެ ކަަމަށެވެ. އަދި އެކަން ރައްޔިތުން ބަލައިނުގަންނާނެކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

ކުރިއަށް ކައުންސިލް އިންތިހާބްގައި މާލޭގެ މޭޔަރު ކަމަށް ވެސް ވާދަކުރައްވަމުންދާ މުއިއްޒު އޭނާގެ ކެމްޕޭން ލޯންޗްކުރައްވަމުން ވެސް އެންމެ ބޮޑަށް ބޮޑަށް އަލިއަޅުވާލެއްވީ ގެދޮރިވެރިކަމާ ގުޅޭ ގޮތުން ނެވެ. އަދި ރައްޔިތުންނަށް ގެދޮރުވެރިކަމުގެ ހައްގު ހޯދައިދޭން ރެޔާ ދުވާލު ހުއްޓާ ނުލާނެކަމުގެ ވައުދު އެ ދުވަހު ވެލެއްވި އެވެ.

މާލޭގައި މިހާރު ހުރި އެންމެ ދުވަސްވީ މާލޭ ހިޔާ އަދި ސިނަމާލެ ފްލެޓްތައް މަރާމާތުކުރުމާ ގުޅޭގޮތުން އަސްލަމް އިއްޔެ މަޖިލީހުގައި ދެއްކެވި ވާހަކަތަކާމެދު ވެސް މުއިއްޒު ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.