ރައީސް މުހައްމަދު ނަޝީދު

ވާހަކަ ފުރޮޅައި ނުލައި ސާފުކޮށްދޭން ޖެހޭނެ!

ސަރުކާރުގެ ފަރާތުން އިމިގްރޭޝަން ގާނޫނަށް ހުށައެޅި އިސްލާހުގެ ބިލް މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކާބެހޭ ކޮމިޓީން ފާސް ކުރުމަށް ފަހު މަޖިލީހުގެ ތަޅުމަށް ފޮނުވި އެވެ. ނަމަވެސް މަޖިލީހުގެ ތަޅުމުގައި އެ ބިލް ފާސް ކުރަން ވޯޓަށް އެހުމުގެ ބަދަލުގައި މަޖިލީހުގައި ރިޔާސަތުން ރައީސް މުހައްމަދު ނަޝީދު ބޭފުޅުންވެ ވަޑައިގެންނެވީ އެ ބިލަށް އިތުރު ބަދަލުތަކެއް ގެންނަވާށެވެ. އިތުރު އިސްލާހުތަކެއް ގެންނާށެވެ. އެހެން ކަމުން އެ މަނިކުފާނު އެ ބިލު އަނބުރާ ކޮމެޓީއަށް ފޮނުވާ ލެއްވީ އެވެ.

އިމިގްރޭޝަން ގާނޫނުގެ އެ ބިލަށް ގެނައުމަށް ރައީސް ނަޝީދުގެ ފަރާތްޕުޅުން ތިން އިސްލާހެއް ހުށައަޅާފައި ވެއެވެ. އެމަނިކުފާނު އެދިވަޑައިގެންނެވީ ބިލްގެ ހަތްވަނަ މާއްދާގެ ކުރިއަށް މާއްދާއެއް އިތުރު ކުރައްވާށެވެ. އަދި ބިދޭސީންނަށް ރެޒިޑެންޓް ވިސާ ލިބިދާނެ ތިން ގޮތެއް ބިލްގައި ހިމަނާށެވެ.

އެގޮތުން ރެސިޑެންޓް ވިސާއަކީ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ދިވެއްސަކާ ކައިވެނި ކޮށްގެން އުޅޭ ބިދޭސީންނަށް ލިބޭ އެއްޗެއްގެ ގޮތުގައި ހެއްދެވުމަށް ހުށައެޅުއްވި އެވެ. އަދި ސަރުކާރުގެ ކަމާބެހޭ އިދާރާއެއްގެ ހުއްދަ ލިބިގެން އެ އިދާރާއިން ގަބޫލު ކުރާ ވިޔަފާރިއެއް ނުވަތަ މަސައްކަތެއް ކުރަން އެއްލައްކަ ރުފިޔާއަށްވުރެ ބޮޑު އިންވެސްޓްމަންޓެއް ކުރާ ބިދޭސީއަކަށް ވެސް ރެސިޑެންޓް ވިސާ ލިބޭނެ ކަމަށް ބިލްގައި ހިމެނުމަށް އެދިވަޑައިގެންނެވި އެވެ. ފަހު ކަމަށް ހުށައެޅުއްވީ ދިވެހިރާއްޖޭގައި 10 އަހަރަށްވުރެ ދިގު މުއްދަތަކަށް ގެއެއް ކުއްޔަށް ހިފާފައިވާ ބިދޭސީއަކަށް ވެސް ރެސިޑެންޓް ވިސާ ލިބޭ ގޮތް ބިލްގައި ހިމެނުމެވެ.

ނަޝީދުގެ އެ ހުށައެޅުއްވި ގޮތާގުޅޭގޮތުން މަޝްވަރާ ކުރުމަށް މިދިޔަ ބުދަ ދުވަހު ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކާބެހޭ ކޮމިޓީގެ ބައްދަލްވުމެއް ބޭއްވި އެވެ. އަދި އެ އިސްލާހުތަކާމެދު މެންބަރުންނަށް ފެނިވަޑައިގަންނަވާ ގޮތަކާމެދު މަޝްވަރާ ކުރި އެވެ. ގިނަ މެންބަރުން މި އިސްލާހުތަކާމެދު ކަންބޮޑުވުން ފާޅުކުރެއްވި އެވެ. ހާއްސަކޮށް ރާއްޖޭގެ ރެސިޑެންޓް ވިސާ އެހާ ފަސޭހައިން ލިބޭނެ ގޮތްތަކެއް ބިލް ފާސް ކޮށްފިނަމަ އެކަމުގެ ނާޖައިޒު ފައިދާ ނަގާނެ ކަމަށް ވިދާޅުވަމުން ގެންދެވި އެވެ.

އަދި މިހާރު ވެސް ރެސިޑެންޓް ވިސާ ލިބޭނެ ގޮތްތަކެއް ގާނޫނުގައި ހަމަޖެހިފައި ވާއިރު އިތުރު ގޮތްތަކެއް ހަމަޖައްސަން ހުށައެޅި ސަބަބުތަކާމެދު ވެސް ބައެއް މެންބަރުން ސުވާލު އުފެއްދި އެވެ.

ނަޝީދު ހުށައެޅުއްވި އެ އިސްލާހުތަކުގެ މައުލޫމާތު އާންމުންނާ ހާމައަށް ތިލަ ވެގެން އައީ އިއްޔެ އެވެ. އެއާއެކު އާންމުންގެ ރުޅިގަނޑު ފަޅައިގެން ދިޔަ އެވެ. ސިޔާސީ އެތައް ބަޔަކާއި އެތައް ބޭފުޅުންގެ ފަރާތުން ރައީސް ނަޝީދަށް ފާޑުވިދާޅުވި އެވެ. އަދި މިފަދަ އިސްލާހުތަކެއް ގެނައުމުގެ ބޭނުމަކީ ކޮބައިތޯ ވަރަށް ގިނަ ބަޔަކު ސުވާލު ކުރިއެވެ.

ކުރީގެ ނާއިބު ރައީސް އަދި އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރު ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވި ގޮތުގައި އިމިގްރޭޝަން ގާނޫނަށް ހުށައަޅާފައިވާ އިސްލާހަކީ ދިވެހި ގައުމިއްޔަތު ނައްތާލަން ރާވާ ރޭވުމެކެވެ. އަދި މިއީ ދިވެހި ރާއްޖޭގެ ހުރިހާ ލީޑަރުން އެކުގައި އެކަމާ ދެކޮޅަށް ތެދުވަން ޖެހޭ ކަމެކެވެ.

"މިހާ ފަސޭހަކޮށް މިކަން ދޫކޮށްލައިފިނަމަ މާދަމާ ދިވެހިރާއްޖެ ކިޔާނެ ތަނެއް ނޯންނާނެ. އަބަދުވެސް [ރައީސް މުހައްމަދު ނަޝީދު] ދިވެހިންނަށް ގެއްލުން ދޭން ރާވަނީ ކީއްވެބާ؟" ޖަމީލް ސުވާލު ކުރެއްވި އެވެ.

މިހާ ފަސޭހަކޮށް މިކަން ދޫކޮށްލައިފިނަމަ މާދަމާ ދިވެހިރާއްޖެ ކިޔާނެ ތަނެއް ނޯންނާނެ! އަބަދުވެސް ދިވެހިންނަށް ގެއްލުންދޭން ރާވަނީ ކީއްވެބާ؟
ޑރ. މުހައްމަދު ޖަމީލް އަހުމަދު | ކުރީގެ ނާއިބު ރައީސް

އިދިކޮޅުން ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވި ގޮތުގައި ދިވެހި ރައްޔިތުންނަށް އެންމެ އަސާސީ ހައްގުތައް ވެސް ކަށަވަރުކޮށް ނުދީ، އަވަށްޓެރި ގައުމެއްގެ ނުބައި ރޭވުންތަކުގެ ތެރެއިން ގާނޫނު އަސާސީއާ ހިލާފަށް ބޭރު މީހުންނަށް ދާއިމީ ރަށްވެހިކަން ދިނުމަކީ ސައްތައިން ސައްތަ އިސްލާމީ މި ގައުމަށް އޮތް ބޮޑު ނުރައްކަލެކެވެ.

"ލޮބުވެތި ރައްޔިތުން ހޭލާ!" އާންމުކޮށް ވަރަށް އަޑު ހަރުކޮށް ވާހަކަފުޅު ދައްކަވާ ޝިޔާމް ގޮވާލެއްވި އެވެ.

މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު އުމަރަކީ ކުރީގެ ޑިފެންސް މިނިސްޓަރެވެ. އޭނާ ވިދާޅުވި ގޮތުގައި ރައީސް ނަޝީދުގެ އިސްލާހުތަކުގެ އަމާޒު ހުރި ކަމަށް ފެންނަނީ ބިދޭސީން މެދުވެރިކޮށް ވެރިކަން ފުރޮޅައިލުމެވެ. އަދި 2023 ގައި ބިދޭސީންނަށް ވޯޓް ލެވޭނެ ގޮތަށް ގާނޫނު ބަދަލު ކުރުމުގެ ބިރު ވެސް މިހާރު އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

"މިފަހަރު 6485 އަށް ރެސިޑެންސް ވިސާ... 2023 ގައި ބިދޭސީންނަށް ވޯޓް ލެވޭނެ ގޮތަށް ގާނޫނުތައް ބަދަލު ކުރުމުގެ ބިރު މިހާރު ވެސް އެބައޮތް... [އަޅުގަނޑުމެން] ފަހު ނޭވަޔަށް ދަންދެން މި ގައުމު ހިޔާމަތް ކުރާނަން!" ޝަރީފު ވިދާޅުވި އެވެ.

މިފަހަރު 6485 އަށް ރެސިޑެންސް ވިސާ... 2023 ގައި ބިދޭސީންނަށް ވޯޓް ލެވޭނެ ގޮތަށް ގާނޫނުތައް ބަދަލު ކުރުމުގެ ބިރު މިހާރު ވެސް އެބައޮތް... [އަޅުގަނޑުމެން] ފަހު ނޭވަޔަށް ދަންދެން މި ގައުމު ހިޔާމަތް ކުރާނަން!
އާދަމް ޝަރީފް އުމަރު | މަޑުއްވަރީ ދާއިރާގެ މެންބަރު

ކުރީގެ އިސްލާމިކް މިނިސްޓަރު އަދި އިސްލާމިކް ޔުނިވާސިޓީގެ ކުރީގެ ޗާންސެލާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވި ގޮތުގައި ފަލަސްތީނުގެ މިނިވަންކަން ނިގުޅައިގަނެ ގުދުސް އަޅުވެތި ކުރުމަށް އެންމެ ފުރަތަމަ ކުރެވުނު ކަމަކީ އެ ގައުމުގެ ބިން ވިއްކުމާއި ޔަހޫދީންނަށް ދާއިމީ ގޮތެއްގައި އެތާ ތިބެވޭނެ ގޮތް ހެދުމެވެ.

"މިއީ ގައުމެއް އަޅުވެތިކޮށް ހަރާބު ކޮށްލަން ކުރާ ފުރަތަމަ ކަންތައް. މިފަދަ ކަންކަމާމެދު ސަމާލުވާން ޖެހޭ،" ނަޝީދު ހުށައެޅުއްވި އިސްލާހުތަކާމެދު ކަންބޮޑުވުން ފާޅުކޮށް ޝަހީމް ވިދާޅުވި އެވެ.

ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ގޮތުގައި ރައީސް ނަޝީދުގެ ފަރާތްޕުޅުން އިމިގްރޭޝަން ގާނޫނަށް ހުށައަޅާފައިވާ އިސްލާހުތަކަކީ ރާއްޖޭގެ ގައުމިއްޔަތަށް ލިބިދާނެ ފޫނުބެދޭވަރުގެ ގެއްލުމެކެވެ. އަދި އެއީ ދިވެހިންގެ އެއްބައިވަންތަކަމާއި މިނިވަންކަމާ އިސްލާމީ ވަހުދަތަށް ސީދާ ގޮތުން ގެއްލުންވާނެ އިސްލާހުތަކެކެވެ.

މިއީ ގައުމެއް އަޅުވެތިކޮށް ހަރާބު ކޮށްލަން ކުރާ ފުރަތަމަ ކަންތައް. މިފަދަ ކަންކަމާމެދު ދިވެހިން ސަމާލުވާން ޖެހޭ،
ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު | ކުރީގެ އިސްލާމިކް މިނިސްޓަރު

މަޖިލީހުގެ ކޮމެޓީގައި ވާހަފުޅު ކަދެއްކެވި އެމްޑީޕީގެ މެންބަރުން ވެސް ވަނީ އެ އިސްލާހުތަކާމެދު ސުވާލުތައް އުފައްދާފަ އެވެ. ނަމަވެސް އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހަކީ ރައީސް ނަޝީދު ކޮންޓްރޯލް ކުރައްވާ މަޖިލީހަކަށް ވުމުން ދިމާވެފައި ވަނީ ކިތަންމެ ކަންބޮޑުވުމެއް އޮތް ހައްސާސީ މައްސަލައެއް ކަމަށް ވިތަސް ފާޅުގައި ފާޑުވިދާޅުވާން އެމްޑީޕީގެ ބައެއް މެންބަރުންނަށް ކެރިވަޑައެއް ނުގެންނެވި އެވެ.

އެހެން ކަމުން އެ ކޮމެޓީން ނިންމީ އެ މައްސަލާގައި ކަމާބެހޭ އިދާރާތަކުގެ އިސް ބޭފުޅުންނާ މަޝްވަރާ ހޯދާށެވެ. އެގޮތުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް އެ ކޮމެޓީއަށް ހާޒިރު ކުރަން ނިންމުމަށްފަހު މިވަގުތަށް އެއޮތީ ކޮމެޓީ ހިމޭން ވެފައެ އެވެ.

މި މައްސަލަ ރަށުތެރެއަށް ނުކުމެ ރައްޔިތުންގެ ރުޅިވެރިކަން ކޮޅުންލައި އެންމެނަށްމެ ބަސް ބުނެވޭ ސޯޝަލްމީޑިއާގައި ނުރުހުމުގެ ބަސްތައް އަމާޒުވުމުން ނަޝީދަށް ވަފާތެރި ބައެއް މެންބަރުން ވަނީ އެފަދަ އިސްލާހުތަކެއް މަޖިލީހަށް ހުށަނާޅާ ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ. އޭގެ ސަބަބުން ވެސް އާންމުންގެ ނުރުހުން ނަޝީދާއި އެމްޑީޕީއަށް އަމާޒުވުން ފިޔަވައި އިތުރު ކަމެއް ނުވި އިރު މި ކަމުގައި ސަރުކާރުގެ ބައިވެރިވުމެއް އޮތްތޯ ނުވަތަ ނޫންތޯ ވެސް ދަނީ ސުވާލު ކުރަމުންނެވެ.

"ސަރުކާރުން ސާފު ކޮށްދޭން ޖެހޭ މިއީ ސަރުކާރުގެ ވިސްނުމާ އެއްގޮތަށް ހުށައަޅާފައިވާ އިސްލާހުތަކެއްކަން ނުވަތަ ނޫންކަން. ނޫނީ މިއީ ރައީސް ނަޝީދު އަމިއްލަފުޅަށް ހުށައެޅި އިސްލާހުތަކެއްކަން،" އާންމުންގެ އެތައް މީހަކު މި ސުވާލުކޮށްފައި ވެއެވެ.

މިފަދަ އިސްލާހުތަކެއް ހުށައެޅުމުގެ މަގުސަދު ވަރަށް ސާފުވާން ޖެހޭ ކަމަށް ގިނަ ބަޔަކު މިހާރު އެބަ ބުނެ އެވެ. ނަޝީދުގެ އިސްލާހުތަކަކީ ރާއްޖޭގެ ރަށްވެހިކަން ބޭނުން މީހަކަށް ހޯދައިން ހުޅުވާލެވޭ ދޮރެކެވެ. މަހަކު ވަރަށް ކުޑަކުޑަ ކުއްޔަކަށް ތަނެއް ހިފައިގެން 10 އަހަރު ހަމަ ކުރުމުން ރަށްވެހިކަން ލިބުނީ އެވެ. ލައްކައެއްހާ ރުފިޔާގެ ކުޑަކުޑަ އިންވެސްޓްމަންޓަކުން ދިވެހި ރަށްވެހިކަން ލިބެނީ އެވެ.

މިހާރު ވެސް ރެސިޑެންޓް ވިސާ ދެވޭނެ ދެ ގޮތެއް ގާނޫނުގައި ބުނެފައި ވެއެވެ. އެއީ ބިދޭސީއަކު ދިވެއްސަކާ ކައިވެނި ކުރުމާއި ސަރުކާރުން ގަބޫލުކުރާ މިންގަނޑަކަށް ރާއްޖޭގައި ބޮޑެތި އިންވެސްޓްމަންޓެއް ކުރުމެވެ.

ކަން މިހެން އޮތްއިރު ކުއްލި ގޮތަކަށް ރެސިޑެންޓް ވިސާ ލިބޭނެ އުސޫލުތައް ވަރަށް ބޮޑަށް ފަސޭހަކޮށް ގިނަ ބަޔަކަށް އެ ފުރުސަތު ދިނުމުގެ ބޭނުމެއް ނިޔަތެއް އޮންނާނެ އެވެ. އެފަދަ އިސްލާހުތަކެއް ގެންނަން މަސައްކަތް ކުރަން ޖެހޭ ސަބަބުތަކެއް ފަހަތުގައި ވާނެ އެވެ. އެހެން ނޫންނަމަ ސަރުކާރުގެ ފަރާތުން އިމިގްރޭޝަން ގާނޫނަށް ހުށައެޅި އިސްލާހުގެ ބިލްގެ ކޮމެޓީ މަރުހަލާ ނިމި ތަޅުމަށް ފޮނުވުމުން އާ އިސްލާހެއް ފޮނުވާ ބިލް ކޮމެޓީއަށް ފޮނުވައެއް ނުލީހެވެ. އެ އިސްލާހުތަކާ ދެކޮޅަށް ރައްޔިތުން އަޑުއުފުލާ ރުޅިވެރިކަން ފާޅުކުރަން ފެށުމުން ވާހަކަ އެހެން ދިމާއަކަށް ފުރޮޅާލައި އެއީ ނުހިނގާ ކަމަކަށް ނުހެދޭ އެވެ. އަދި އެކަން ކުރަން އުޅުނު ހަގީގީ މަގުސަދު ސާފުކޮށްދޭން ވެސް ޖެހޭނެ އެވެ. މިކަމުގައި ރައީސް ނަޝީދުވެސް ދިވެހި ސަރުކާރު ވެސް އަދި މަޖިލި ވެސް ޖަވާބުދާރީވާން ޖެހޭނެ އެވެ.