ވިޔަފާރި

އިމޯޖީ ބޭނުން ކުރުމުން ދިރާގުން 5ޖީބީ ޑޭޓާ

Jul 18, 2020

"އިމޯޖީ" ބޭނުން ކޮށްގެން މުއާމަލާތްތައް ކުރުމުން ފަސް ޖީބީ ލިބުމުގެ ފުރުސަތު ދިރާގުން ދީފި އެވެ.

"ދުނިޔޭގެ އިމޯޖީ ދުވަސް" ފާހަގަ ކުރުމުގެ ގޮތުން ދިރާގުން ކުރިއަށް ގެންދާ ޕްރޮމޯޝަންގައި ފޭސްބުކް ޕޭޖް ނުވަތަ އިންސްޓަގްރާމްގައި ތިން އިމޯޖީއެއް ބޭނުން ކޮށްގެން އެންމެ ގާތް އެކުވެރިޔާ ސިފަކޮށް ދިނުމުން ބައިވެރިވެވެ އެވެ. މިގޮތަށް ސިފަކޮށް ދިނުމުން ގުރުއަތުން ހޮވޭ ފަރާތަކާއި އެ ފަރާތެއްގެ އެންމެ ގާތް އެކުވެރިޔާ، އެއިން ކޮންމެ މީހަކަށް ފަސް ޖީބީ ޑޭޓާ ހިލޭ ދެއެވެ.

ދިރާގުގެ ކަސްޓަމަރުންނަށް ހުޅުވާލައި މި ޕްރޮމޯޝަން މިރޭ 12:00 ޖެހުމާ ހަމައަށް ކުރިއަށް ދާނެ އެވެ.

އިމޯޖީއަކީ ބުނަން ބޭނުންވާ އެއްޗެއް ތަސްވީރުން ދޭހަވާ ގޮތަށް ދޭ މެސެޖެކެވެ. މިހާރު އިމޯޖީ ވެފައިވަނީ ޝޯޝަލް މީޑިއާ ބޭނުން ކުރާ މިހުންގެ މެދުގައި މަގުބޫލު އެއްޗަކަށެވެ. އިމޯޖީ ފުރަތަމަ ތައާރަފު ކުރީ ޖަޕާނުގެ އާޓިސްޓެއް ކަމަށްވާ ޝިގެޓާކާ ކުރިޓާ 1999 އެވެ.

ދުނިޔޭގައި އިމޯޖީ ދުވަސް ފާހަގަ ކުރަނީ ޖުލައި 17 ވަނަ ދުވަހު އެވެ. ދުނިޔޭގައި އެންމެ ގިނަ ބަޔަކު ބޭނުންކުރާ އިމޯޖީއަކީ "އުފަލުގެ ކަރުނަ" ދައްކުވައިދޭ އިމޯޖީ އެވެ. ދެވަނަ އަށް އެންމެ ގިނަ ބަޔަކު ބޭނުން ކުރަނީ ރޯ މަންޒަރު ދައްކުވައިދޭ އިމޯޖީ އެވެ. ނަމަވެސް ކޮވިޑް-19 ގެ ހާލަތާ ގުޅިގެން މެޑިކަލް މާސްކް އަޅައިގެން ހުރި މޫނުތައް ސިފަވާ އިމޯޖީ ބޭނުން ކުރުންވަނީ އިތުރުވެފަ އެވެ.