ފިނިޕޭޖް

"ގަންގޫބާއީ" އިން އާލިއާގެ ގައިގޯޅި މަންޒަރު އުނިކޮށްފި

ސަންޖޭ ލީލާ ބާންސާލީ ޑައިރެކްޓްކުރާ "ގަންގޫބާއީ ކަތިއާވަޅީ" ގެ މަސައްކަތް ކޮރޯނާވައިރަހުގެ ބަލިމަޑުކަމާ ހެދި ހުއްޓިފައި އޮންނަތާ ހަތަރު ވަރަކަށް މަސް ފަހުން އެ ފިލްމުގެ ޝޫޓިން ފަށަން ތައްޔާރު ވެއްޖެ އެވެ.

މި ފިލްމުގެ ސްކްރިޕްޓްގައިވާ ގޮތުން ފިލްމުގެ ބަތަލާ އާލިއާ ބަޓް އަށް ފިލްމުގެ މުހިއްމު ފިރިހެން ކެރެކްޓާ އަކާ އެކު ވަރަށް ގައިގޯޅިވާ މަންޒަރެއް ކުޅެން ޖެހެ އެވެ. ނަމަވެސް މިހާރު ސްކްރިޕްޓަށް ބަދަލު ގެނެސް އެ މަންޒަރު ނުކުޅޭ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. ސަބަބަކީ ފިލްމުތައް ޝޫޓް ކުރުމުގެ ހުއްދަދޭ ގައިޑްލައިންގައި ގައިގޯޅި މަންޒަރުތައް ކުޅުން މަނާ ކޮށްފައި ވާތީ އެވެ.

ގައިޑްލައިން ބުނާ ގޮތުގައި ފިލްމުގެ ޝޫޓިންގްގައި ބައިވެރިވާ އެންމެން ވެސް ގައިދުރުކޮށް ތިބެން ޖެހެ އެވެ. އެހެންވީމާ އެއްވެސް ވަރަކަށް އެކަކު އެނަކަކާ ގައިގޯޅިވާ މަންޒަރެއް މިހާރުގެ ހާލަތުގައި އަދި ޝޫޓް ކުރެވޭ ގޮތެއް ނެތެވެ.

އާލިއާ އާއެކު މި މަންޒަރު ކުޅޭގޮތަށް އޮތީ މަޝްހޫރު ނެށުންތެރިޔާ އަދި އެކްޓަރު ޝަންތާނޫ މަހޭޝްވާރީ އެވެ.

ފިލްމު ޔުނިޓުގައި މަސައްކަތްކުރާ މީހަކު އިންޑިޔާގެ ނޫހަކަށް ދީފައިވާ އިންޓަވިއު އެއްގައި ބުނީ ފަހުން ހިތާމަކުރަން ޖެހޭ ވަރުގެ ކަމެއް ވުމަށް ވުރެ ދުރާލާ ރައްކާތެރިކަމާއެކު މަސައްކަތްކުރުން މާ ރަނގަޅުކަމަށް ބާންސާޅީ އަށް ވެސް ގަބޫލު ކުރެވޭ ކަމަށެވެ. އެހެންވީމާ ހަމަ ގައިމުވެސް ބާންސާލީގެ މި ފިލްމުގައި އެއްވެސް އެކްޓަރަކު ލައްވާ ގައިގޯޅި މަންޒަރެއް އޭނާ ނުކުޅުވާނެ އެވެ. ދެ ލޯބިވެރިން ލޯބިން އުޅޭ ގޮތް ގޮތް ދައްކަން ވެސް ކޮންމެވެސް އެހެން މޮޅު ގޮތެއް ބާންސާލީ ވިސްނާނެ އެވެ.