ހަބަރު

ހައްޖު ދުވަހަކީ ޖުލައި 30، އީދަކީ 31

މި އަހަރުގެ ހައްޖު ދުވަހަކީ މި ހިނގާ ޖުލައި މަހުގެ 30 ވަނަ ދުވަސް ކަމަށް ސައުދީ އަރަބިއްޔާއިން ކަނޑައަޅައިފި އެވެ.

ސައުދި އަރަބިއްޔާގެ ސަރުކާރުން ކަނޑައަޅާފައިވާ ގޮތުގައި ޒުލްޣައިދާ މަހުގެ އެންމެ ފަހު ދުވަހަކީ މާދަމާއެވެ. ހައްޖު މަހުގެ އެއްވަނަ ދުވަހަަކީ ބުދަ ދުވަހެވެ. ހައްޖު ދުވަހަކީ ޖުލައި މަހުގެ 30 ވަނަ ދުވަހުއެވެ. އަދި އަލްހާ އީދު ދުވަހަކީ 31 ވަނަ ދުވަހެވެ. އީދު ދުވަސް މިފަހަރު ދިމާވަނީ ހުކުރު ދުވަހަށެވެ.

ސައުދީ ސަރުކާރުން މިރޭ ބުނީ ހަނދު ފެނިފައިނުވާތީ މާދަމާއަކީ ޒުލްޣައިދާ މަހުގެ ފަހު ދުވަހުގެ ގޮތުގައި ކަނޑައަޅާފައިވާ ކަމަށެވެ.

ހައްޖު މަހުގެ ފުރަތަމަ ދިހަ ދުވަހަކީ މާތްވެގެންވާ ދުވަސްތަކެކެވެ. އެ މަހުގެ ފުރަތަމަ ނުވަ ދުވަހު ރޯދަ ހިފުމަކީ ގަދަވެގެންވާ ސުންނަތެވެ.

މިއަހަރު ހައްޖު މޫސުން މުސްލިމުންނާ ބައްދަލްކޮށްފައިމިވަނީ ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން މުޅި ދުނިޔެ ބޮޑު ހާސްކަމެއްގެ ތެރޭގައިވަނިކޮށެވެ. އެހެން ކަމުން ސައުދީގައި މިވަގުތު ތިބި ބަޔަކަށް ނޫނީ ހައްޖުވުމުގެ ފުރުސަތު ނުދޭން ވަނީ ނިންމާފައެވެ. އަދި އެހެން އަހަރުތަކާ ހިލާފަށް މިއަހަރު ހައްޖުވުމުގެ ފުރުސަތު ލިބޭނީވެސް 10،000 ވުރެ މަދު އަދަދެއްގެ ބަޔަކަށް ކަމަށް ސައުދީން ވަނީ ބުނެފައެވެ.

މީގެ ކުރިން ކޮންމެ އަހަރަކު ދެ މިލިއަނަށްވުރެ ގިނަ މުސްލިމުން ހައްޖުގެ އަޅުކަން އަދާކުރެއެވެ.