ނޭޝަނަލް އިންޓެގްރެޓީ ކޮމިޝަން (އެންއައިސީ) ގެ ރައީސް އަހުމަދު ސުލައިމާން އެ ކޮމިޝަނުން ވަކި ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއަށް ލަފައެއް އަރުވަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
އަހުމަދު ސުލައިމާން ވަކި ކުރަން ރައީސް ސޯލިހްއަށް ލަފާއެއް އަރުވަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރީ 58 މެންބަރުންގެ ވޯޓުންނެވެ. އޭނާ ވަކިކުރަން ލަފާ އަރުވަން ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވަ އެވެ.
އެންއައިސީގެ ގާނޫނު ބުނާ ގޮތުން އެންއައިސީގެ މެންބަރުން ވަކިކުރުމުގެ ބާރު އޮންނަނީ ރައީސްއަށެވެ. އެހެންކަމުން މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމީ ސުލައިމާން އާއި އިތުރު ތިން މެންބަރަކު ވަކިކުރަން ރައީސްއަށް މަޖިލީހުން ލަފާ ދިނުމަށެވެ.
އަހުމަދު ސުލައިމާން ވަކިކުރަން މަޖިލީހުން ފާސްކުރިއިރު، ސުލައިމާން އެ ކޮމިޝަނަށް އައްޔަން ކުރީ މާޗު 1، 2018 ގަ އެވެ. އޭގެ ކުރިން އޭނާ ހުންނެވީ އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް ކަމުގެ މަގާމުގަ އެވެ. އެންއައިސީއަށް އޭނާ އައްޔަން ކުރީ އީސީން އޭރު އިސްތިއުފާ ދިންތާ ގާތްގަނޑަކަށް މަސް ދުވަސް ފަހުންނެވެ.
މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ވަކިކުރަން ނިންމި އަނެއް ތިން މެންބަރުން ވަނީ އެ ކޮމިޝަނުން އިސްތިއުފާ ދެއްވައިފަ އެވެ. އެއީ އެ ކޮމިޝަންގެ ނައިބު ރައީސް ކަމުގައި ހުންނެވި ހައްސާން ހަމީދުއާއި، މެންބަރު ކަމުގައި ތިއްބެވި އަހުމަދު އަމީންއާއި، ހަދީޖާ އަބްދުﷲ އެވެ.
އެންއައިސީގައި މިހާރު އިންނަވާނީ މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދުގެ ފިރިކަލުން އަހުމަދު ޖިހާދު އެކަންޏެވެ. ސިފައިންގެ ހިދމެންބަރު ޖިހާދަކީ މި ސަރުކާރުގައި އެ ކޮމިޝަނަށް އައްޔަން ކުރި މެންބަރެކެވެ. ވަކި ކުރަން ނިންމި ހަތަރު މެންބަރުންނަކީ ކުރީ ސަރުކާރުގެ ދުވަސްވަރު އެ ކޮމިޝަނަށް އައްޔަން ކުރި މެންބަރުންނެވެ.
އެންއައިސީއަކީ ކަސްޓްމްސް އާއި ފުލުހުންނާއި ކަރެކްޝަންސްގެ އިތުރުން އިމިގްރޭޝަންގެ މުވައްޒަފުން ކުރާ ގާނޫނާއި ގަވާއިދާ ހިލާފު އަމަލުތައް ތަހުގީގު ކުރުމަށާއި އެފަދަ ކަމަކަށް ތުހުމަތުކުރެވި މައްސަލައެއް ހުށަހަޅައިފިނަމަ އެ ކަން ތަހުގީގު ކުރަން އުފައްދާފައިވާ ކޮމިޝަނެކެވެ. އެ ކޮމިޝަން އުފެއްދީ 2015 ވަނަ އަހަރެވެ.