ވިޔަފާރި

އިގްތިސޯދީ ގެއްލުމުން އަރައި ގަންނާނެ މަގު ޗާޓެއް ބޭނުން

Jul 24, 2020
1

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިގްސޯދަށް ލިބިފައިވާ ގެއްލުމުން އަރައި ގަންނަން، އެންމެން ގުޅިގެން މަގު ޗާޓެއް އެކުލަވާލަން ޖެހޭ ކަމަށް ކުރީގެ ގަވަރުނަރު އަދި ފިނޭންސް މިނިސްޓަރު މުހައްމަދު ޖަލީލް ވިދާޅުވެއްޖެ އެވެ.

ނޭޝަނަލް ފެޑެރޭޝަން އޮފް މޯލްޑިވިއަން އެމްޕްލޮޔާސް (އެންއެފްއެމްއީ) އިން ބޭއްވި ވެބިނާގައި ވާހަކަ ދައްކަވަމުން ޖަލީލް ވިދާޅުވީ ކޮވިޑް-19 ގެ ބަލިމަޑުކަމުން އިގްތިސޯދު އަރައި ގަންނަން މަސައްކަތްތެރިންނާއި ސަރުކާރާއި ރައްޔިތުން ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަަށާ އެކަމަށް އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށެވެ.

"ސަރުކާރާއި ޕްރައިވެޓް ސެކްޓާ ގުޅިގެން އިގްތިސޯދު ކުރިއަށް ގެންދާނެ އަވަސް ޕްލޭނެއް އެކުލަވާލަން ޖެހޭ. ވަރަށް ރަނގަޅަށް ގުޅިގެން ރަނގަޅު މަގު ޗާޓެއް އެކުލަވާލަން ޖެހޭ މިކަމުން އަރައި ގަންނާނެ މަގެއް ހޯދަން ޖެހޭ،" ޖަލީލް ވިދާޅުވި އެވެ.

ރާއްޖޭގެ އިގްތިސޯދަށް އެންމެ ދަތިވި ދުސްވަރު ކަމަށްވާ ސުނާމީ ކާރިސާގެ ދުވަސްވަރު ފިނޭންސް މިނިސްޓަރުކަން ކުރެއްވި ޖަލީލް ވިދާޅުވީ ކޮވިޑް-19 އިން އިގްތިސޯދު ކޮޅަށް ޖަހަން އެކުލަވާލާ މަގު ޗާޓުގައި ވަރަށް ފަރުވާތެރިކަމާއެކު ޕްރައިވެޓް ސެކްޓާ އާއި މާލީ ސިނާއަތްތަކާއި މާލީ ދާއިރާގެ ރޯލް ސާފުވާން ޖެހޭ ކަމަށެވެ.

"މި ފަދަ ޕްލޭނެއްގައި [މަގު ޗާޓެއް] ދިގު މުއްދަތެއްގައި ކުރިއަށް ދާނެ ގޮތަކާއި ކުރުން މުއްދަތެއްގައި ކުރާނެ ކަންކަން ސާފު ވާން ޖެހޭ. އެކުލަވާލާ ޕޮލިސީތަކުގެ އިތުބާރު އޮންނަން ޖެހޭ، ޔަގީންކަން އޮންނަން ޖެހޭ، ވަރަށް ރަނގަޅަށް އެކަން ބެލެހެއްޓޭނެ އުސޫލުތައް ހުންނަން ޖެހޭ،" ޖަލީލް ވިދާޅުވި އެވެ.

މި ފަދަ ޕްލޭނެއްގައި [މަގު ޗާޓެއް] ދިގު މުއްދަތެއްގައި ކުރިއަށް ދާނެ ގޮތަކާއި ކުރުން މުއްދަތެއްގައި ކުރާނެ ކަންކަން ސާފު ވާން ޖެހޭ. އެކުލަވާލާ ޕޮލިސީތަކުގެ އިތުބާރު އޮންނަން ޖެހޭ، ޔަގީންކަން އޮންނަން ޖެހޭ، ވަރަށް ރަނގަޅަށް އެކަން ބެލެހެއްޓޭނެ އުސޫލުތައް ހުންނަން ޖެހޭ
މުހައްމަދު ޖަލީލް | ކުރީގެ ގަވަރުނަރު އަދި ފިނޭންސް މިނިސްޓަރު

ރާއްޖެ އަށް ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް (އެފްޑީއޭ) ގެންނަން ކުރެވޭނެ ގިނަ މަސައްކަތްތަކެއްވެސް ޖަލީލް ވަނީ ވިދާޅުވެ ދެއްވާފަ އެވެ.

އިންވެސްޓްމަންޓް ގެނެވޭނީ އިތުބާރު

ރާއްޖޭގެ އެންމެ ތަޖުރިބާކާރު، އެއް އިކޮނިމިސްޓް ކަމަށްވާ ޖަލީލް ވިދާޅުވި ގޮތުގައި ކޮވިޑް-19 އަށްފަހު ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް (އެފްޑީއައި) އަށް ޝައުގުވެރި ކުރުވަން ގިނަ މަސައްކަތް ތަކެއް ކުރަން ޖެހޭ ކަމަށެވެ. މީގެތެރޭގައި ގައުމުގައި ސިޔާސީ ހަމަ ޖެހުން ބޭއްވުމާއި ރާއްޖޭގެ ދަރަނި ކުޑަ ކުރުން ފިޔަވަޅު އެޅުން ވެސް ހިމެނޭ ކަމަށެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމް ސެކްޓާގެ ވިޔަފާރިތަކުގައި އިންވެސްޓަރުން ހަރަކާތްތެރިވާ ކަމަށާ ނަމަވެސް ރާއްޖެއަށް އިތުރު ދާއިރާތަކުން އިވެސްޓަރުން ގެންނަން ޖެހޭ ކަމަށެވެ.

"ފޮރިން އިންވެސްޓަރުން އައިސް އަމިއްލަ ވިޔަފާރިތަކުގައި އިންވެސްޓް ކުރެވޭނެ ގޮތެއް ބޭނުންވޭ. ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ގެންނާނަމަ އެއްވަނަ، ދެވަނަ، އަދި ތިންވަނަ އަށް ވެސް އަހަމިއްޔަތުކަން ދޭންވީ މެކްރޯ އިކޮނޮމިކް ސްޓެބިލިޓީ ގާއިމް ކުރުން،" ޖަލީލް ވިދާޅުވި އެވެ.

"ދަރަންޏަށް ޒިންމާވުން ދަންނަ ބަހެއް ނޫން"

މި އަހަރު ނިމޭ އިރު ދިވެހި ދައުލަތުގެ ދަރަނި 70 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ހިސާބު ތަކުން ދައްކަ އެވެ. ވޯލްޑް ބޭންކް އިން ލަފާކޮށްފައިވާ ގޮތުގައި މި އަހަރު ނިމޭ އިރު ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނީގެ މިންވަރު 79 ޕަސެންޓުގަ އެވެ.

އޭނާ ވަނީ އެކި ސަރުކާރުން ތަކުން ދަރަނި މެނޭޖު ކުރުމާއި ދަރަނީގެ ސިޔާސަތު ގެންގުޅޭ ގޮތަށް ފާޑު ވިދާޅުވެ މި ވެބިނާގައި ވާހަކަ ދައްކަވާފަ އެވެ.

ޖަލީލް ވިދާޅުވީ ދަރަންޏަށް ޒިންމާވުމަކީ ސަރުކާރު ތަކުން ދަންނަ ބަހެއް ނޫން ކަމަށާ ނަމަވެސް އެ ވިސްނުން ބަދަލު ކުރަން ޖެހޭ ކަމަށެވެ.

"އަޅުގަނޑެއް ނުދެކެއް އެއްވެސް ސަރުކަރުގެ ލިޔެކިއުމެއްގައި ދަރަނީގެ މިންވަރު ޖީޑީޕީގެ 60 ޕަސެންޓަށް ކުޑަ ކުރަން ވިސްނައި އެކަން ހާސިލު ކުރަން މަސައްކަތް ކުރާ ތަނެއް. ނޫނީ ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭ ޖީޑީޕީގެ 60 ޕަސެންޓަށް ދަރަނި އަރާނެ ކަމަށް ލަފާކޮށް އެފަދަ ޕްލޭނެއް ވެސް ފެންނާކަށް ނެތް،" ޖަލީލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދަރަނި ކުޑަ ކުރުމުގެ މަސައްކަތުގައި ދައުލަތުން ސީރިއަސްކޮށް ވިސްނަން ޖެހޭ ކަމަށެވެ.

"މިއީ ވަރަށް ސީރިއަސް މައްސަލައެއް. ސަރުކާރާއި ރައްޔިތުންގެ މަޖިލީސް ވެސް މިކަމުގެ މުހިންމުކަން ދެނެ ގަންނަން ޖެހޭ. އެނގެން ޖެހޭ. ދަރަންޏަށް ޒިންމާވުމުގެ ގާނޫނެއް އޮވޭ، އެކަމަކު ދަރަނި މައްޗަށް ދަރަނި، ދަރަނި މައްޗަށް ދަރަނި ނަގަމުން މިދަނީ. އެއްވެސް ބަޔަކު ޒިންމާއެއް ނުވޭ،" ޖަލީލް ވިދާޅުވި އެވެ

މުވައްޒަފުން ކަނޑާ ހޫރާ ނުލާނެ ގޮތެއް ރާވަން ޖެހޭ

ކޮވިޑް-19 އާ ގުޅިގެން ގިނަ ބަޔަކަށް ވަޒީފާ ގެއްލުމުގެ މައްސަލާގައި ވާހަކަ ދައްކަވަމުން ޖަލީލް ވިދާޅުވީ އިގްތިސޯދީ ކޮންމެ ޝޮކެއް އަންނައިރަށް އެންމެ އާދައިގެ ވަޒީފާގައި އުޅޭ މީހާ އެއްލާނުލެވޭނެ އުސޫލެއް ގާއިމް ކުރަން ޖެހޭ ކަމަށެވެ.

"މި ފަދަ [އިގްތިސޯދީ ދަތިކަމަމުން] އެންމެ އަވަހަށް އަސަރު ކުރާނީ އާދައިގެ މީހާ އަށް. އާމްދަނީ އެންމެ މަދުން ލިބޭ ފަރާތް ތަކަށް. އެންމެ ކުރިއަރާ ފައިވާ ގައުމުތަކުގައި ވެސް އެހެން ގައުމުތަކުގައި ވެސް އެކަން އޮތީ އެގޮތަށް. ލެބަ އެމްޕޯއިމަންޓް ޑޭޓާއަކީ އެންމެ ވީކް ދާއިރާ ރާއްޖޭގަ. އެހެންވެ މުސްތަގުބަލުގައި ވިސްނަން އެބަޖެހޭ މަސައްކަތްތެރިންގެ ހިމާޔަތް ކުރެވޭނެ ގޮތެއް ހަދަން. އިންޝުއަރެންސް ބޭނުންވޭ. ކަމެއް ވާއިރަށް އެމީހުން ނަގާ އެއްލާލެވިގެން ނުވާނެ. މުއްސަނދި މީހާގެ ފައިސާ ރައްކާކޮށްފަ ސޭވިންގް ހުންނާނެ. އެ މީހުންނަށް އެ މީހުންގެ ދިރިއުޅުން ކުރިއަށް ގެންދެވޭނެ. އެނބުރި އައިސް ފަށައި ގަނެވޭނެ. އެކަމަކު ލޭބަރަށް އެކަން ނުވާނެ،" ޖަލީލް ވިދާޅުވި އެވެ.

މި ފުރުސަތު ނަގާ ނުލާތި!

އޭނާ ވިދާޅުވީ ކޮވިޑް-19 އަކީ ދުނިޔޭގެ އެއްވެސް ބަޔަކު ލަފާކުރި ކަމެއް ވެސް ނޫން ކަމަށާ މިކަމުން ރާއްޖެ އަށް ދުނިޔޭގެ އެހެން ގައުމު ތަކަށް ވުރެ ގޮން ޖެހުން ބޮޑު ކަމަށެވެ. ނަމަވެސް މިކަމުން އަރައި ގަނެވޭނެ ކަމަށާ ކުރަން ޖެހޭ ކަމަކީ ފުރުސަތު ނަގާނުލައި ވިސްނުންތެރިކަމާއެކު މަސައްކަތް ކުރުން ކަމަށެވެ.

އޭނާ ވިދާޅުވީ ރާއްޖެއަކީ 1980 ގައި ދުނިޔޭގެ އެންމެ ފަގީރު އެއް ގައުމު ނަމަވެސް މިއަދު ބައެއް ލަފާ ކުރުން ތަކުން އެނގެން ހުރި ގޮތުގައި ޖީޑީޕީގެ ނިސްބަތުން ދިވެހިންގެ ބޮލަކަށް ޖެހޭ ނިސްބަތް 15،000 ޑޮލަރަށް މަތިވެފައިވާ ކަމަށެވެ.

"މި ވޭތުވެދިޔަ 14 އަހަރު ތެރޭގައި އިގްތިސޯދީ 15 ލޮޅުން އިގްތިސޯދަށް އައިސްފައިވޭ. ކޮރޯނާ ވައިރަސްއަކީ 16 ވަނަ ލޮޅުން. ކޮންމެ ދެ ނޫނީ ތިން އަހަރަކުން މީގެ ޝޮކްސް އެބަ އާދެ. މީގެ ކޮންމެ ފަހަރު ހާލަތުން އަރައިގަތުން ވެސް ފައިދާ ތަކެއް ކުރި، އަޅުގަނޑުމެން މީގެ ކުރިން ދުނިޔެ އަށް ދައްކާ ދެވިއްޖެ އަޅުގަނޑުމެންގެ ކާމިޔާބީތައް އެތަށް ގޮތަކުން،" ޖަލީލް ވިދާޅުވި އެވެ.