ފިނޭންސް މިނިސްޓްރީ

އަންދާޒާކުރި ވަރަށްވުރެ އިންފްލޭޝަން މަތިވާނެ

ކުރިން އަންދާޒާކުރި މިންވަރަށްވުރެ މި އަހަރު ނިމޭއިރު އިންފްލޭޝަން ރޭޓު އުފުލޭނެ ކަމަށް މަރުކަޒީ ބޭންކް-- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ލަފާކޮށްފި އެވެ.

އެމްއެމްގެ މާލީ ލަފާކުރުންތަކާ ހަވާލާދީ ފިނޭންސް މިނިސްޓްރީގެ ފިސްކަލް ސްޓްރެޓެޖީގައި ބަޔާނުގައިވާ ގޮތުން މިއަހަރު ނިމޭއިރު އަހަރުގެ އިންފްލޭޝަން ރޭޓު ހުންނާނެ ކަމަށް އަންދާޒާ ކުރެވެނީ ތިނެއް އިންސައްތައިގަ އެވެ.

ކުރިން ލަފާކުރި މިންވަރަށްވުރެ އިންފްލޭޝަން އިތުރުވާނެ ކަމަށް ބެލެވެނީ ރަޝިއާ އާއި ޔޫކްރޭން ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލާއި ކާބޯތަކެތީގެ އަގުތައް ފާއިތުވި 20 އަހަރުގެ ތެރޭގައި އުފުލިފައި ނުވާ މިންވަރަށް އުފުލިފައިވާތީ ކަމަށް ބުނެފައިވެ އެވެ.

މިއަހަރުގެ ކުރިއަށް ހުރި މަސްތަކުގައިވެސް ދުނިޔޭގެ ބާޒާރުގައި ތެލާއި ކާބޯތަކެތީގެ އަގު އުފުލިފައި ހުންނާނެ ކަމަށް ލަފާކުރެވޭ ކަމަށާއި އެހެން ކަމުން ރާއްޖެ ފަދަ އިމްޕޯޓަށް ބަރޯސާވާ ގައުމެއްގައި އިމްޕޯޓެޑް އިންފްލޭޝަންގެ ސަބަބުން އަގުތައް އުފުލިގެންދާނެ ކަމަށް ބުނެފައިވެ އެވެ.

ފިނޭންސް މިނިސްޓްރީން ބުނާ ގޮތުން މިއަހަރުގެ ފުރަތަމަ ހަތަރު މަހު އަގުތައް މަތިވާ މިންވަރު ވަނީ އިތުރުވެފަ އެވެ. އަގުތައް އެންމެ ބޮޑަށް އުފުލުނީ ކާބޯތަކެތީގެ ބައިންވެ. މިއަހަރުގެ އެޕްރީލް މަހު ކާބޯތަކެތީގެ އަގު 3.7 އިންސައްތަ އުފުލުނެވެ.

ކާބޯތަކެތީގެ އަގުތައް މަތިވި ނަމަވެސް މިއަހަރުގެ ތެރޭގައި އަގުތައް އެވަރެޖްކޮށް މަތިވާ މިންވަރު ކާބޯތަކެތީގެ އަގު އިތުރުވާ މިންވަރާ އެއް މިންވަރަށް އިތުރުނުވަނީ 2021 ވަނަ އަހަރުގެ ފަހުކޮޅު މުވާސަލާތީ ހިދުމަތުގެ އަގުތައް ހެޔޮކޮށްފައިވާތީ އަންނަ ބޭސްއިފެކްޓުގެ ސަބަބުން ކަމަށް ފިނޭންސް މިނިސްޓްރީގެ ފިސްކަލް ސްޓްރެޓެޖީ އަންގައިދޭ ބަޔާނުގައި ބުނެފައިވެ އެވެ.