މިދިޔަ އަހަރު ރާއްޖޭގެ ދަރަންޏަށް ގާތްގަނޑަކަށް 13 ބިލިއަން ރުފިޔާ އިތުރުވެފައިވާ ކަމަށް ދައްކައިފި އެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ އަހަރީ ރިޕޯޓް ދައްކާ ގޮތުން މިދިޔަ އަހަރު ނިމުނުއިރު ރާއްޖޭގެ ޖުމްލަ ދަރަނި ހުރީ 80 ބިލިއަން ރުފިޔާގަ އެވެ. ނަމަވެސް އޭގެ ކުރީ އަހަރު ނިމުނުއިރު ރާއްޖޭގެ ޖުމްލަ ދަރަނި ހުރީ 66.6 ބިލިއަން ރުފިޔާގަ އެވެ. އެކަމަކު ޖީޑީޕީގެ ނިސްބަތުން ދަރަނި މަތިވަމުން ދިޔަ ނިސްބަތް ވަނީ ކޮވިޑް-19 އަށްފަހު އިގްތިސޯދު ރަނގަޅުވާން ފެށުމާއެކު ދަށްވެފަ އެވެ.
އެގޮތުން 2020 ގައި ޖީޑީޕީގެ ނިސްބަތުން ދަރަނި 116 ޕަސެންޓުގައި ހުރި ނަމަވެސް މިދިޔަ އަހަރު މި އަދަދު ހުރީ 104 ޕަސެންޓުގަ އެވެ. ގެރެންޓީ ދީފައިވާ ދަރަނި އެއްކޮށް ބަލާނަމަ ރާއްޖޭގެ ޖުމްލަ ދަރަނި ވަނީ ޖީޑީޕީގެ ނިސްބަތުން ބަލާނަމަ 150 ޕަސެންޓުން 122 ޕަސެންޓަށް ވެއްޓިފަ އެވެ.
މި ރިޕޯޓް ދައްކާ ގޮތުގައި ރާއްޖޭ އެތެރޭގެ ދަރަންޏާއި ބޭރުގެ ދަރަނި ވެސް ވަނީ މަތިވެގެން ގޮސްފަ އެވެ. ނަމަވެސް ރާއްޖޭގެ ޖުމްލަ ދަރަނީގެ ބޮޑު ޕަސެންޓެއް ގާތްގަނޑަކަށް 61 ޕަސެންޓް ހިއްސާވަނީ އެތެރޭގެ ދަރަންޏެވެ. އަދި ބޭރުގެ ދަރަނީގެ ނިސްބަތް ހުރީ 39 ޕަސެންޓުގަ އެވެ. ގެރެންޓީ ދީފައިވާ ދަރަނި އެއްކޮށް ބަލާނަމަ ރާއްޖޭގެ ޖުމްލަ ދަރަނި ވަނީ ޖީޑީޕީގެ ނިސްބަތުން ބަލާނަމަ 150 ޕަސެންޓުން 122 ޕަސެންޓަށް ވެއްޓިފަ އެވެ.
ދަރަނި އެތެރެ އާއި ބޭރު
- އެތެރޭގެ ދަރަނި: 2021 ގައި 48.5 ބިލިއަން
- އެތެރޭގެ ދަރަނި: 2020 ގައި 41.6 ބިލިއަން
- ބޭރުގެ ދަރަނި: 2021 ގައި 30 ބިލިއަން
- ބޭރުގެ ދަރަނި 2020 ގައި 25 ބިލިއަން
އެތެރޭގެ ދަރަނި މަތިވަމުން ދިއުމުގެ މައިގަނޑު ސަބަބަކީ ސަރުކާރުގެ ފައިނޭންސް ހަމަޖެއްސުމަށްޓަކައި ކޮންމެ ހަފުތާއަކު ވިއްކަމުން ގެންދާ ޓްރެޒަރީ ބިލް (ޓީބިލް) އެވެ. ވިއްކާ ޓީބިލްގެ 60 ޕަސެންޓް ހިއްސާވަނީ މާލީ އިދާރާތަކަށް- ބޭންކް- ތަކަށް ވިއްކާ ޓީބިލް އެވެ. ޓީބިލްގެ ދަރަނި 2020 ގައި 54 ޕަސެންޓް ހިއްސާގައި ހުރިނަމަވެސް 2021 ގައި 59 ޕަސެންޓަށް އިތުރުވެފަ އެވެ. ނަމަވެސް ޓްރެޒަރީ ބޮންޑުން ދަރަނީގެ ހިއްސާވަނީ 30 ޕަސެންޓުން 26 ޕަސެންޓަށް ދަށްވެފަ އެވެ.
މިދިޔަ އަހަރު ނިމުނުއިރު ރާއްޖޭގެ ބޭރުގެ ދަރަނި ހުރީ 31.5 ބިލިއަން ރުފިޔާގަ އެވެ. މި ދަރަނީގެ ތެރޭގައި ހިމެނެނީ ނަގާފައިވާ ލޯނުތަކާއި ސަރުކާރުން އިންޓަނޭޝަނަލް މާކެޓަށް ހާއްސަކޮށް ވިއްކި ބޮންޑެވެ. ބޭރުގެ ދަރަނި 2020 ނިމުނުއިރު ހުރީ 25 ބިލިއަން ރުފިޔާގަ އެވެ.