ދައުލަތުގެ ދަރަނި

ދަރަނި މެނޭޖުކުރަން ދެ އެނަލިސްޓުން ހޯދަނީ

Aug 16, 2022
4

ރާއްޖޭގެ ދަރަނި ބަހަލައްޓާ ފިނޭންސް މިނިސްޓްރީގެ ޑިޕާޓްމަންޓަށް ދެ ދަރަނި އެނިލިސްޓުން ހޯދަން ފަށައިފި އެވެ.

ފިނޭންސް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނީ ގިނަ އެލަވަންސް ތަކެއް ހިމެނޭ "ޑެޓް އެނަލިސްޓް"ގެ މަގާގަށް ދެ މީހަކު ބޭނުންވާ ކަމަށެވެ.

މި ދެ މަގާމަށް ކުރިމަތިލާން ޖެހެނީ މިމަހުގެ 23ގެ ކުރިންނެވެ.

ރާއްޖޭގެ ދަރަނި މެނޭޖު ކުރާ ޑިޕާޓްމަންޓަށް ދެ އެނައިލިސްޓުން ހޯދަން އިއުލާނު ކުރިއިރު ރާއްޖޭގެ ދަރަނި މަތިވުމުގެ މައްސަލަ ދުނިޔޭގެ ގިނަ މާލީ އިދާރާތަކުން ފާހަގަކޮށްފައިވެ އެވެ.

ރާއްޖޭގެ ޖުމްލަ ދަރަނި މިހާރު ވަނީ 100 ބިލިއަން ރުފިޔާއަށް އަރާފަ އެވެ. މިދިޔަ އަހަރު ނިމުނުއިރު ރާއްޖޭގެ ބޭރުގެ ދަރަނި ހުރީ 31.5 ބިލިއަން ރުފިޔާގަ އެވެ. މި ދަރަނީގެ ތެރޭގައި ހިމެނެނީ ނަގާފައިވާ ލޯނުތަކާއި ސަރުކާރުން އިންޓަނޭޝަނަލް މާކެޓަށް ހާއްސަކޮށް ވިއްކި ބޮންޑެވެ. ބޭރުގެ ދަރަނި 2020 ނިމުނުއިރު ހުރީ 25 ބިލިއަން ރުފިޔާގަ އެވެ.

ދަރަނި މަތިވަމުންދާތީ އެ މައްސަލައަށް ހައްލެއް ހޯދަން ސަރުކާރުން ވަނީ ދަރަނި މެނޭޖު ކުރުމަށް ސިޔާސަތެއް އިއުލާނުކޮށްފަ އެވެ.

ދަރަނީގެ ތަސައްވުރުގައިވާ ގޮތުން 2023 ނިމެންވާއިރަށް ދައުލަތުގެ ޑައިރެކްޓް ދަރަނި ޖީޑީޕީގެ ނިސްބަތުން 105 ޕަސެންޓަށް ތިރިކުރުމަކީ އަމާޒެކެވެ. މީގެ އިތުރުން 2023 ނިޔަލަށް ޕްރައިމަރީ ބަޖެޓު ޑެފިސިޓް ޖީޑީޕީގެ ނިސްބަތުން ފަސް ޕަސެންޓަށް ތިރިކުރުމާއި ބަޖެޓު ޑެފިސިޓް އަދި ދައުލަތުގެ ދަރަނި އަހަރަކަށްފަހު އަހަރެއް ކުޑަވަމުންދާ މިސްރާބެއްގައި މެދުރާސްތާގައި ބެހެއްޓުމަކީ ވެސް އަމާޒެކެވެ.