ސުޝާންތު ސިންގް ރާޖްޕޫތުގެ އެންމެ ފަހު ފިލްމު "ދިލް ބޭޗާރާ" ޖުލައި 24 ގައި ވަނީ އޮންލައިންކޮށް ރިލީޒްކޮށްފަ އެވެ. މި ފިލްމަކީ އުފެއްދުމުގެ މަރުހަލާގައި ގިނަ ދުވަސްތަކެއް ވެފައިވާ ފިލްމެއް ނަމަވެސް ސުޝާންތު ދުށުމުގެ ފުރުސަތު ދެން އެހެން ފިލްމަކުން ނުލިބޭނެ ކަން ޔަގީން ވާތީ ގިނަ ބަޔެއްގެ ސަމާލުކަން މި ފިލްމަށް ލިބިގެން ދިޔަ އެވެ.
އޯޓީޓީ ޕްލެޓްފޯމްގައި ފިލްމު ބަލާލަން ލިބެން ފެށީއްސުރެ ސުޝާންތުގެ ފޭނުންނާއި އަދިވެސް ދުނިޔޭގެ ކަންކޮޅުތަކުން ވަރަށް ގިނަ ބަޔަކު ހީވީ މޮޔަވި ހެންނެވެ. މި އެންމެން ފިލްމު ބެލުމާއި ފިލްމަށާއި ސުޝާންތަށް ތައުރީފު ކުރުމުގެ މަސައްކަތް ފެށި ފެށީނުން އިންޓަނެޓަށް ތޫފާނެއް ގެނުވި އެވެ.
އެއްބަޔަކު ބުނީ މިއީ ސުޝާންތުގެ ފަހު ފިލްމުކަން ޔަގީން ކުރެވުމުން ވަރަށް ހިތްދަތި އިހްސާސެއް ކުރެވުނު ކަމަށެވެ. ފިލްމު އުފެއްދި ފަރާތުން ވަނީ ފިލްމުގެ ފެށޭ ތަނަށް ކުޑަ ކްލިޕެއް އިތުރުކޮށް ސުޝާންތަށް ވަރަށް ރަނގަޅު ޓްރިބިއުޓެއް ވެސް ދީފަ އެވެ. މި ކްލިޕްގައި ފެންނަނީ ވަރަށް ރީއްޗަށް ހިނިތުން ވެލައިގެން އިނދެ ސުޝާންތު ގިޓާ ކުޅޭ ތަނެވެ.
ފިލްމު ބެލި ގިނަ ބަޔަކު ބުނަނީ މިއީ ވަރަށް އަސަރުގަދަ އަދި އެހާމެ މޮޅު ފިލްމެއް ކަމަށާއި ސުޝާންތުގެ ހުނަރު މި ފިލްމުން ވެސް ވަރަށް ރަނގަޅަށް ހާމަވާ ކަމަށެވެ.
"ދިލް ބޭޗާރާ" އަށް ބެލުންތެރިން ދިން ތަރުހީބުގެ ބޮޑުކަމުން 24 ގަޑިއިރު ތެރޭގައި މި ފިލްމު ވަނީ ރެކޯޑެއް ގާއިމް ކޮށްފަ އެވެ.
މުކޭޝް ޗަބްރާ ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ އައިއެމްޑީބީގައި އެންމެ މައްޗަށް ރޭޓް ކުރެވުނު ހިންދީ ފިލްމުގެ ރެކޯޑް މިހާރު އޮތް ފިލްމަށް ވަނީ ވެފަ އެވެ. އައިއެމްޑީބީ އަކީ ބެލުންތެރިންގެ ވޯޓާއެކު ފިލްމުތަކަށް 1-10 އާ ދެމެދުގެ ރޭންކެއް ދީގެން އެ ފިލްމެއް ރޭޓް ކުރާ އޮންލައިން ޕްލެޓްފޯމެކެވެ.
ބޮލީވުޑް ރިޕޯޓުތައް ބުނާ ގޮތުގައި "ދިލް ބޭޗާރާ" އަކީ އެންމެ މޮޅު ފިލްމުތަކަށް 21،000 މީހުން ވޯޓު ދީފައި ވެއެވެ. އެހެންވެ މި ފިލްމުގެ މިހާރުގެ ރޭޓިން އަކީ 10 އަކުން 9.8 އެވެ. މިއީ މިހާތަނަށް އެއްވެސް ހިންދީ ފިލްމަކަށް ލިބިފައިވާ ރޭޓިން އެއް ނޫނެވެ.
ކުރިން އައިއެމްޑީބީ ލިސްޓުގެ އެއްވަނައިގައި އޮތީ ކަމަލް ހަސަން އާއި އާރް. މާދަވަން 2003 ގައި ކުޅުނު "އަންބޭ ސިވަމް" ކިޔާ ތަމަލަ ފިލްމެކެވެ.
ހަގީގަތުގައި 9.8 އަކީ ފިލްމަކަށް ލިބިދާނެ ކަމަށް މިހާތަނަށް މީހަކު ގަބޫލު ވެސް ނުކުރާ ވަރުގެ މަތީ ރޭޓިން އެކެވެ. މިކަމުން ވެސް ޔަގީން ކުރެވުނީ ސުޝާންތާއި އޭނާގެ އެންމެ ފަހުގެ ފިލްމު ބެލުންތެރިންނަށް ކަމުދިޔަ މިންވަރާއި އެ ފިލްމު ރީތިކަމަށް ގަބޫލުކުރި މިންވަރެވެ.