ފިނިޕޭޖް

"ސަތުޔަމޭ ވަޖައިތޭ 2": ކޮރަޕްޝަނާ ދެކޮޅު ހަނގުރާމައެއް

ލޮކްޑައުން ވީއިރު ނުފެށި ހުރި ފިލްމުތަކުގެ ސްކްރިޕްޓް އިތުރަށް ފުރިހަމަ ކުރުން ފަދަ ކަންތައްތައް ވަރަށް ގިނަ ލިޔުންތެރިންނާއި ޑައިރެކްޓަރުން ކޮށްފައި ވެއެވެ. މިލަޕް ޒަވޭރީ ޑައިރެކްޓްކުރާ "ސަތުޔަމޭވް ވަޖައިތޭ 2"ގެ ސްކްރިޕްޓު ވެސް މިހާރު ވަނީ ކުރިޔަށް ވުރެ ބޮޑަށް އޮފުދާރުކޮށް ފުރިހަމަ ކޮށްފަ އެވެ. ޖޯން އެބްރަހަމް މި ފިލްމުގައި ފެންނާނީ ކޮރަޕްޝަނާ ދެކޮޅަށް ހަނގުރާމަކުރާ މީހެއްގެ ގޮތުގަ އެވެ.

ފިލްމުގެ ޝޫޓިންގް ސެޕްޓެމްބަރު މަހު އިންޑިޔާގެ ލަކަނޫގައި ފަށާ ގޮތަށް މިހާރު ވަނީ ހަމަޖެހިފަ އެވެ. ޑައިރެކްޓަރު ބުނި ގޮތުގައި ލޮކްޑައުން ކުރިން ސްކްރިޕްޓް އޮތް ގޮތާ މިހާރު އޮތް ގޮތާ ވަރަށް ތަފާތު ވާނެ އެވެ. މިހާރު މިއީ މުޅިން އާ ސްކްރިޕްޓެއް ކަމަށް މިލަޕް ބުންޏެވެ.

މި ފިލްމު ޕްރޮޑިއުސްކުރަނީ ބޫޝަން ކުމާރާއި މަދޫ ބޮޖާނީ ގުޅިގެންނެވެ. ޕްރޮޑިއުސަރު ބޮޖާނީ ބުނީ ކުރިން އޮތް ގޮތުން މުމްބައިގައި ފިލްމު ޝޫޓް ކުރެވޭ ގޮތަށް އޮތް ނަމަވެސް މިހާރު މުޅި ފިލްމު ބިނާ ކޮށްފައިވަނީ ލަކަނޫގެ ކޮރަޕްޝަންގެ މައްސަލަ ތަކަކަށް ކަމަށް ވާތީ ލަކަނޫގައި ޝޫޓްކުރަން ނިންމީ އެވެ. މި ފިލްމުގެ ބަތަލާ އަކީ ބޫޝަންގެ އަންހެނުން ދިވްޔާ ކޯސްލާ ކުމާރެވެ.

ލޮކްޑައުންގެ ފަހުން ޖޯން އެންމެ އަވަހަށް ޝޫޓްކުރަން ހަމަޖެހިފައިވަނީ "މުމްބައި ސާގާ" ކިޔާ ފިލްމެކެވެ. އޮގަސްޓް މަހު މި ފިލްމުގެ ޝޫޓިން ކުރިޔަށް ގެންދިއުމަށްފަހު "ސަތުޔަމޭވް ޖައިތޭ"ގެ ޝޫޓިން ކުރިޔަށް ގެންދާނީ ސެޕްޓެމްބަރުގަ އެވެ.

ޖޯންގެ އިތުރު ފިލްމެއް ވެސް ފަށަން ތައްޔާރުވެފައި ވެއެވެ. "ރޭ" ނަމަކަށް ކިޔާ މި ފިލްމަކީ ވަރަށް ވަރުގަދަ އެކްޝަން މަންޒަރުތަކެއް ހިމެނޭ ފިލްމެކެވެ.