ރާއްޖޭގެ މިނިވަން ކަމަށް 55 އަހަރު ފާހަގަ ކުރުން އިއްޔެ ފާހަގަ ކުރި އެވެ. އެއީ އެންމެންވެސް ހަނދާނުގައި ހުންނަ ޖުލައި ސަައްބީހެވެ. އެ މުނާސަބާގައި ލަވަތަކާއި ފޮޓޯ އަދި ވީޑިއޯވެސް ނެރެ އެވެ. އާޓިސްޓުން ސޯޝަލް މީޑިއާއަަށް ދޫކުރި އެކި ފޮޓޯތަކުގެ ތެރެއިން ހއ. އިހަވަންދޫން ދެއްކި ތަފާތު ފޮޓޯތަކުން ދިނީ ވަރަށް މުހިއްމު ނަސޭހަތެކެވެ.
ކުޅުދުއްފުށީގެ "އޭއެސްޕީ ސްޓޫޑިއޯ" އިން އިސްްވެ އިހަވަންދޫގައި ޝޫޓްކޮށް ސޯޝަލް މީޑިއާއަށް ރޭ ދޫކޮށްލި މި ފޮޓޯތަކުގެ ސްޓޯރީއަކީ މިއީއެވެ: މިނިވަން ދުވަސް ފާހަގަ ކުރާ އިރު ހަނދާން ކުރަންޖެހޭ ކަމެއް އެބަ އޮތެވެ. އަަހަރުމެންގެ ކާބަފައިން އަހަރުމެންނަށް ހަވާލުކޮށްފައި ދިޔައީ ލޮބުވެތި ގައުމެއް އެކަންޏެއް ނޫނެވެ. މާތްވެގެންްވާ އިސްްލާމް ދީނާއި ގައުމެކެވެ. ހަވާލު ކުރި އަމާނާތް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށް ދިނުމަކީ އަހަރުމެންގެ ކޮނޑުގައި އެޅިފައި އޮތް ޒިންމާ އެކެވެ. އިހަވަންދޫން މި ވާހަކަ ގެނެސްދީފައި ވަނީ ހިޔާލީ ފޮޓޯ ސްޓޯރީއަކުންނެވެ.
އިހަވަންދޫގެ މަގެއްގެ ފިނި ހިޔަލުގައި ކުޑަ ކުއްޖަކު ޖޯއްޔެއްގައި އިށީންދެގެން އިންނަނީ އެކުއްޖާ ގެންގުޅޭ ޓެބްލެޓަކާ ކުޅޭށެވެ. އޭނާގެ އެއްވެސް ހިޔާލެއް ފިކުރެއް ވެސް ނެތެވެ. އެކަމަކު މިނިވަން ދުވަސް އައުމުން އާ ހެދުމެއް ލައިގެން ވަރަށް ރީތިވެލައިގެނެވެ.
އެ ކުއްޖާގާތަށް ދަނީ އިހުގެ މީހެކެވެ. އޭނާ އަނދެގެން ހުރި ފޭއްޔާއި ބޮލުގައި އޮތް ފަަގުޑިން އެކަން އެނގެ އެވެ. އެމީހަކީ ކާކު ކަން ނޭނގުނަސް އެއީ ރާއްޖޭގެ ގައުމީ ދިދަ ހިިފައި، އެ ދިދައިގެ ހިމާޔަތުގައި ހުރި މީހެއްކަން އަންގައިދެ އެވެ. އަދި އެމީހަކީ ގައުމަށްޓަކާ ލޭ އޮހޮރާލައި ހެޔޮހިތުން ގުރުބާންވީ މީހެއްކަން ވެސް ވަނީ ދައްކުވައިދީފަ އެވެ.
އޭނާ ހިނގާލާފަައި ގޮސް ޖޯލިފަތީ އިން ކުޑަ ކުއްޖާއަށް ދިއްކޮށްލީ އަތުގައި އޮތް ދިދަ އެވެ. އެ ދިދަަ އޮތީ ރީއްޗަށް ފަތް ޖަހާފަ އެވެ. އެ ކުޑަ ކުއްޖާ އަތުގައި އޮތް ޓެބްލެޓް އުނގުމަތީ ބޭއްވުމަށް ފަހު ދިއްކޮށްލިި ދިދައިގައި ދެ އަތުން ހިފި އެވެ. ދިދައިގެ ވަށައިގެން އައްސާފަައި އޮތް ވާފަށް މޮހެލި އެވެ.
އެތެރޭގައި އެ އޮތީ ހަތިމެކެވެ. ގައުމާއެކު ހިމާޔަތް ކުރުމަށް އެ ކުޑަ ކުއްޖާ އަށް ދިއްކޮށްލީ އަހަރުމެންގެ އިސްލާމް ދީނެވެ. ގައުމު އިސްލާމީ ގައުމެއްގެ ގޮތުގައި ބޭއްވުމަށް، ގައުމުގެ ދިފާއުގައި ތެދުވުމަށް އެދި ނަސޭހަތްތެރިވަމުންނެވެ. އެ ކުޑަކުއްޖާ އަށް ހަތިމް ލިބުމާއެކު މެޔާ ކައިރި ކޮށްލާ ދިރިހުރިހާ ހިނދަކު އިސްލާމް ދީން ހިމާޔަތް ކުރާނެ ކަމަށް ނިންމި އެވެ. އަދި ލޭ އޮހޮރުވައިގެން އެތައް ފަހަރެއް މަތިން މި ފަަސްގަނޑު ހިމާޔަތް ކާބަފަައިން ފަދައިން ގައުމަށް ދިމާވާ ކޮންމެ ކަމެއްގައި ތެދުވާނެ ކަމަށް ނިންމި އެވެ.
ފޮޓޯ ސްޓޯރީ އެއް ގޮތަށް އިހަވަންދޫގެ ކާސްޓުންނާއެކު، އޭއެސްޕީ ސްޓޫޑިއޯގެ ފޮޓޯގްރާފަރުން ދިން މި މެސެޖު ގިނަ ބަޔަކަށް ކަމުދިޔަ އެވެ. އަދި މިއަދު މިއީ ވިސްނާލަން ޖެހިފައި އޮތް ކަމެއް ކަމުގައިވެސް މީހުން ދެކެ އެވެ.