ބޮލީވުޑް

އަހަންނާ ދެކޮޅަށް ބޮލީވުޑްގައި މަސައްކަތްކުރޭ: އޭއާރް ރަހްމާން

އޭއާރް ރަހްމާން އަކީ އިންޑިޔާގައި މިހާތަނަށް އުފެދުނު އެންމެ ކުޅަދާނަ އެއް މިއުޒިކް ޑައިރެކްޓަރެވެ. އެތައް ނެޝަނަލް އެވޯޑަކާއި އޮސްކާ އެވޯޑެއް އޭނާ ހޯދާފައިވުމީ އޭނާ ފަދަ ދެ ވަނަ މިއުޒިކް ޑައިރެކްޓަރެއް ނެތްކަން ޔަގީންވާ ކަމެކެވެ.

ނަމަވެސް ފަހަކަށް އައިސް ރަހްމާންގެ ލަވަތައް ހިންދީ ފިލްމުތަކުގައި ހިމަނާފައި ހުންނަނީ ވަރަށް މަދުންނެވެ. ގިނަ ބަޔަކު ހީކުރަނީ ބައިނަލްއަގުވާމީ ފެންވަރުގެ މިއުޒީޝަނަކަށް ވާތީ މާ ބޮޑަށް ބިޒީ ވެގެން ބޮލީވުޑް ފިލްމުތަކަށް މިއުޒިކް ތައްޔާރުކޮށްދޭނެ ވަގުތު ނުވަނީ ކަމަށެވެ.

މިއީ ހަގީގަތެއް ނޫންކަން ޔަގީންވީ ދާދި ފަހުން އިންޑިއާގެ ރޭޑިއޯ ޗެނަލަކަށް ރަހްމާން ދީފައިވާ އިންޓަވިއު އަކުންނެވެ. މި އިންޓަވިއުގައި އޭނާ ބުނި ގޮތުގައި އޭނާއާ ދެކޮޅަށް ބޮލީވުޑްގައި މަސައްކަތްކުރާ "ގޭންގެއް" އެބައޮތެވެ. އޭނާއަށް އެއްވެސް ފިލްމަކަށް މިއުޒިކް ތައްޔާރު ކުރުމުގެ ފުރުސަތު ނުލިބޭނެ ގޮތް ހެދުމަށް މި ގޭންގުގެ މީހުން މަސައްކަތް ކުރެ އެވެ. އަދި އޭނާ އޭ ކިޔައިގެން ދޮގު ހަދައިގެން ފާޑުފާޑުގެ ޚަބަރުތައް މި މީހުން ފަތުރާ ކަމަށާއި އެކަމާ ހެދި ވެސް އޭނާއަށް ފިލްމުތަކަށް މިއުޒިކް ތައްޔާރު ކުރަން ލިބުން ވަރަށް ބޮޑަށް މަދުވެފައިވާ ކަމަށް ރަހްމާން ބުންޏެވެ.

ކުޅަދާނަ މިއުޒިކް ޑައިރެކްޓަރު ބުނި ގޮތުގައި ރަނގަޅު ފިލްމުތަކަށް މިއުޒިކް ތައްޔާރު ކޮށްދޭން އޭނާ އަބަދުވެސް ތައްޔާރެވެ. ކޮންމެ މީހަކުވެސް އޭނާ ލައްވާ މިއުޒިކް ތައްޔާރު ކުރުވަން އަންނަންވީ އެވެ.

ރޭޑިއޯ މިރްޗީގެ އިންޓަވިއުގައި އޭއާރްރަހްމާން ބުނީ ރަނގަޅު ފިލްމުތަކަށް އޭނާ ނޫނެކޭ ނުބުނާ ކަމަށާއި ނުވެސް ބުނާނެ ކަމަށެވެ.

"އަހަންނަށް ހީވަނީ އަހަރެންނަށް މިއުޒިކް ތައްޔާރު ކުރަން ފިލްމުތައް ނުލިބޭނެ ކަން ޔަގީންކުރަން ބަޔަކު ގޭންގް ހަދައިގެން މަސައްކަތް ކުރާހެން،" ރަހްމާން ބުންޏެވެ.

ދާދިފަހުން ރިލީޒްކުރި ސުޝާންތު ސިންގް ރާޖްޕޫތުގެ އެންމެ ފަހު ފިލްމު "ދިލް ބޭޗާރާ" އަށް މިއުޒިކް ތައްޔާރު ކޮށްދީފައި ވަނީ ރަހްމާނެވެ. އެ ފިލްމުގެ ޑައިރެކްޓަރަކު މުކޭޝް ޗަބްރާ ކައިރީގައި ވެސް ބަޔަކު ވަނީ ރަހްމާން އާއެކު މަސައްކަތް ނުކުރަން ބުނެފަ އެވެ.

"މުކޭޝް އަހަރެން ކައިރިއަށް އައިމަ އަހަރެން ދެ ދުވަސް ތެރޭ އޭނާއަށް ހަތަރު ލަވަ ތައްޔާރުކޮށްފަ ދިނިން. މުކޭޝް ބުނި ސާ އޭ ކިތައް މީހުންހޭ އަހަރެން ކައިރީގައި ބުނީ ސާ އާ އެކު މަސައްކަތް ނުކުރާށޭ. ސާ ކައިރިއަށް ނުދާށޭ މިއުޒިކް ތައްޔާރު ކުރުވަން. އެހެން ކިޔާފަ އެ މީސް މީހުން މުކޭޝް ކައިރީ އަހަރެންނޭ ކިޔައިގެން ދޮގު ހަދައިގެން އެތައް ވާހަކައެއް ދެއްކި ކަމަށް މުކޭޝް ބުނި. އަހަރެން އެއްވެސް އެއްޗެކޭ ނުބުނެ އެ ހުރިހާ ވާހަކައެއް އަޑުއަހަން އިނިން. އެކަމަކު އެ ދުވަހު އަހަންނަށް ޔަގީންވި އަހަންނާ ދެކޮޅަށް މަސައްކަތްކުރާ ބަޔަކު ބޮލީވުޑްގައި ތިބިކަން. އެމީހުންނާ ހެދިކަން އަހަންނަށް މިއުޒިކް ތައްޔާރުކުރަން ލިބޭ ފިލްމުތައް މަދުވަނީ،" އޭ.އާރް ރަހްމާންގެ ރޭޑިއޯ އިންޓަވިއުގައި ބުންޏެވެ.

ރަހްމާން ބުނި ގޮތުގައި އޭނާގެ ލަވަތައް އަޑުއަހަން މީހުން ބޭނުންވެ އެވެ. އެހެންވީމާ އޭނާ ކުރަމުންދާ މަސައްކަތާ މެދު ހިތްހަމަ ޖެހެ އެވެ. ނަމަވެސް މީހުން އެދޭ ވަރަށް އޭނާއަށް ލަވަތައް ތައްޔާރު ނުކުރެވެނީ އޭނާއާ ދެކޮޅަށް މަސައްކަތްކުރާ މި ގޭންގުގެ ސަބަބުންނެވެ.
ރީތި ފިލްމުތައް ތައްޔާރުކުރާ ހަމަ ކޮންމެ މީހަކަށް ވެސް އޭނާ މަރުހަބާ ކިޔާނެ ކަމަށާއި އަދި ބޭނުންވާ ކަހަލަ ރީތި ލަވަތައް ތައްޔާރުކޮށްދިނުމުގައި އަބަދުވެސް ދެމި ހުންނާނެ ކަމަށް ވެސް ރަހްމާން ބުންޏެވެ.