ބޮލީވުޑް

ބޮލީވުޑް ފަންނާނުންނަށް އޮސްކާ އެވޯޑު "މަރު" ފަދަ އެއްޗެއް!

އޭއާރް. ރަހްމާނަކީ ހިންދީ ސިނަމާގައި މަސައްކަތްކުރާ ފަންނާނުންގެ ތެރެއިން އޮސްކާ އެވޯޑު ލިބުނު މަދު މީހުންގެ ތެރޭގައި ހިމެނޭ ފަންނާނެކެވެ. އާއާރް ރަހްމާން އެނގެނީ ހަމައެކަނި އިންޑިޔާ މީހުންނަކަށް ނޫނެކެވެ. ބައިނަލްއަގުވާމީ ދުނިޔޭގައި ވެސް އޭނާ ނުދަންނަ މީހަކު މަދެވެ. އެހާވެސް އޭނާ މަޝްހޫރެވެ. ހޮލީވުޑް ފިލްމު "ސްލަމްޑޯގް މިލިނިއާ" އަށް އޭނާ ތައްޔާރު ކޮށްދިން މިއުޒިކަށް ލިބުނު ދެ އޮސްކާ އެވޯޑާއެކު ރަހްމާންގެ ކެރިއަރަށް އިތުރު ކުރިއެރުންތައް ލިބޭނެ ކަމަށް އެންމެން ވެސް ގަބޫލު ކުރި އެވެ. ނަމަވެސް ކަންވީ އެހެނެއް ނޫނެވެ. އޭނާގެ މިއުޒިކް ކެރިއަރުގައި ދުވަހަކު ވެސް ނުވެއްޓޭ ވަރުގެ ވަޅުގަނޑަކަށް އޭނާ ވެއްޓުނީ އެވެ. ސަބަބެއް ކަމަށް ރަހްމާން ބުނަނީ އޭނާއާ ދެކޮޅަށް މަސައްކަތްކުރާ ބަޔަކު ފިލްމު އިންޑަސްޓްރީގައި ތިބެގެން އޭނާއޭ ކިޔައިގެން ދޮގު ވާހަކަތައް ފަތުރައި އޭނާގެ އަބުރަ ކަތިލަމުން ދިއުމެވެ.

ރަހްމާން ބުނާ ގޮތުގައި އޭނާއަށް މިއުޒިކް ތައްޔާރު ކުރަން ފިލްމުތައް ނުދޭން ކެމްޕެއިންކުރާ ބަޔަކުވެސް އެބަ ތިއްބެވެ. އެހެންވެ މިހާރު އޭނާއަށް މިއުޒިކް ތައްޔާރުކުރަން ފިލްމުތައް ލިބެނީ ވަރަށް މަދުން ކަމަށް ރަހްމާން ބުނުމުން ވަރަށް ގިނަ ބަޔަކަށް ހައިރާންކަން ލިބުނެވެ. އަދި މިއީ ގިނަ ބަޔަކަށް ގަބޫލު ކުރަން ވެސް ދަތި ކަމަކަށް ވިއެވެ.

ނަމަވެސް އޭއާރް ރަހްމާން މި ވާހަކަ ދެއްކިތާ މާ ގިނަ ދުވަސްތަކެއް ނުވެ އޮސްކާ ލިބުނު ބޮލީވުޑް އެހެން ފަންނާނެއް ވެސް ހަމަ މި މޭރުމުން ވާހަކަ ދައްކާފައި ވެއެވެ. ސައުންޑް ޑިޒައިނާ ރެސުލް ޕޫކުއްޓީ އެވެ. އޭނާވެސް ބުނީ އޮސްކާ އެވޯޑު ލިބުމާއެކު ބޮލީވުޑްގެ ދޮރުތައް އޭނާއަށް ބަންދުވެއްޖެ ކަމަށެވެ.

ރެސުލް ކުރި ޓުވީޓެއްގައި މިހެން ބުނީ އޭއާރް ރަހްމާން ދެއްކި ވާހަކައަށް ޑައިރެކްޓަރު ޝޭކާރް ކަޕޫރު ކުރި ޓުވީޓެއްގައި ދައްކާފައިވާ ވާޙަކަތަކަކަށް ޖަވާބު ދެމުންނެވެ.

ޝޭކަރް ބުނެފައިވަނީ ބޮލީވުޑް ފަންނާނަކަށް އޮސްކާ އެވޯޑު ލިބުމަކީ އޭނާގެ ފިލްމީ ކެރިއަރަށް "މަރުގެ ހުކުމް" އިއްވުން ފަދަ ކަމެއް ކަމަށެވެ.

"އޭ އާރް ރަހްމާން އަށް އެނގޭތަ މައްސަލައަކީ ކޮބައިކަން؟ ބޮލީވުޑުން މަސައްކަތް ނުލިބެނީ ކީއްވެކަން؟ އެއީ އޮސްކާ އެވޯޑު ލިބުނީމަ ދިމާވި ކަމެއް. އޮސްކާ ލިބުމަކީ ބޮލީވުޑް ކެރިއަރަށް އިއްވޭ 'މަރުގެ ހުކުމް' އެއް ފަދަ އެއްޗެއް. އޭގެ މާނައަކީ އެމީހަކީ ބޮލީވުޑަށް ކުޅަދާނަ ވާވަރަށް ވުރެ މާ ހުނަރުވެރިއެކޭ ތިޔައީ،" އޭ އާރް. ރަހްމާން ދެއްކި ވާހަކަތަކަށް ޖަވާބު ދެމުން ޝޭކަރް ކުރި ޓުވީޓެއްގައި ލިޔެފައި ވެއެވެ.

ރެސުލް ވެސް ޖަވާބުދިނީ ޝޭކަރްގެ މި ޓުވީޓަށެވެ. ރެސުލް ބުނީ ޝޭކަރް ބުނެފައިވަނީ ވަރަށް ރަނގަޅު ވާހަކައެއް ކަމަށެވެ. އޮސްކާ އެވޯޑަށް ފަހު އޭނާއަށް ހިންދީ ސިނަމާ އިން ވެސް އަދި ރީޖަނަލް ސިނަމާ އިން ވެސް މަސައްކަތެއް ނުލިބި މީހާ ހަލާކުވާން ކައިރިވެފައިވާ ކަމަށެވެ.

"ބައެއް ޕްރޮޑަކްޝަން ހައުސްތަކުން ސީދާ މަށާ ދިމާލަށް ބުނެފަ އެބަހުރި 'އަހަރެމެން ކަލެޔެއް ބޭނުމެއް ނޫނޭ'. ނަމަވެސް އަހަރެން އަދިވެސް މި އިންޑަސްޓްރީ ދެކެ ލޯބިވޭ، ރެސުލްގެ ޓުވީޓްގައި ބުނެފައި ވެއެވެ.