އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތުގެ މަރުގެ މައްސަލަ މުމްބައި ފުލުހުން ތަހުގީގު ކުރަމުންދާއިރު ފިލްމު އިންޑަސްޓްރީގެ ފުންނާބު އުސް ގިނަ ބަޔަކާ ވެސް ދަނީ ސުވާލުކޮށް އެ މީހުންގެ ބަޔާންތައް ވެސް ނަގަމުންނެވެ. އެގޮތުން ޑައިރެކްޓަރު މަހޭޝް ބަޓް ވެސް ހޯމަ ދުވަހު ވަނީ ޕޮލިސް ސްޓޭޝަނަށް ހާޒިރުކޮށް ބަޔާން ނަގާފަ އެވެ. ގާތްގަނޑަކަށް ދެ ގަޑީއެއްހާއިރު ވަންދެން އޭނާ ޕޮލިސް ސްޓޭޝަންގައި ހޭދަ ކޮށްފައި ވެއެވެ.
މަހޭޝް ބަޓް ފުލުހުންނަށް ދިން ބަޔާނުގައި ބުނިކަމަށް އިންޑިޔާގެ ނޫސްތަކުގައި ރިޕޯޓު ކޮށްފައިވާ ގޮތުގައި "ސަޅަކް 2" ގެ އެއްވެސް ރޯލެއް އޭނާ އެއް އިރެއްގައި ވެސް ސުޝާންތަކަށް ހުށައެއް ނާޅަ އެވެ. އަދި މަހޭޝް ބަޓްގެ ފިލްމެއްގައި މަސައްކަތް ކުރުމުގެ ޝައުގުވެރިކަން ސުޝާންތު ފާޅުކޮށްފައިވާ ކަމަށާއި "ސަޅަކް 2" އުފައްދާއިރު ވެސް އޭނާއަށް ރޯލެއް ދިނުމަށް ސުޝާންތު އެދުނު ކަމަށެވެ.
ނަމަވެސް މަހޭޝް ބަޓް ބުނި ގޮތުގައި އޭނާ އަބަދުވެސް ބޭނުންވަނީ "ސަޅަކް 2" ގެ ބަތަލަކަށް ސަންޖޭ ދަތެވެ. ސަބަބަކީ އެއީ އޭނާ މީގެ އެތައް އަހަރެއް ކުރިން އުފެއްދި "ސަޅަކް" ގެ ސީކުއަލް އަކަށް ވާތީ އާއި އެ ފިލްމުގެ ބަތަލަކީ ސަންޖޭ ދަތަށް ވުމުންނެވެ.
މަހޭޝް ބަޓް ބުނީ ސުޝާންތު އާ އޭނާއާ ބައްދަލުވެފައި ވަނީ މުޅި އެކު ދެ ފަހަރަށެވެ. އެއީ 2018 ގައި ސުޝާންތު އޭނާ އާ ބައްދަލު ކުރަން އައި ދުވަހަކު އާއި މި އަހަރުގެ ފެބްރުއަރީ މަހު ސުޝާންތު ބަލިވެ އުޅެނިކޮށް މަހޭޝް ބަޓް އޭނާއަށް ގޮވާލަން އޭނާ ބާންޑްރާގައި ދިރިއުޅޭ ގެޔަށް ދިޔަ ދުވަހު އެވެ.
އެ ދުވަހުގެ ބައްދަލުވުމުގައި ވެސް ވާހަކަ ދެކެވުނީ ސުޝާންތުގެ ޔޫޓިއުބު ޗެނަލްގެ ވާހަކަ އާއި މަހޭޝް ބަޓް ލިޔެފައިވާ ބައެއް ފޮތްތަކުގެ ވާހަކަ ކަމަށާއި އެއްވެސް ފިލްމެއްގެ ވާހަކައެއް އެ ދުވަހު ނުދެކެވޭ ކަމަށް މަހޭޝް ބުނެފައި ވެއެވެ.
ސުޝާންތުގެ މަރުގެ ތަހުގީގަށް ފިލްމު އިންޑަސްޓްރީގެ އެންމެ ވަރުގަދަ ޝަޚްސިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ޕްރޮޑިއުސަރު-ޑައިރެކްޓަރު އަދިތުޔާ ޗޯޕްޅާ އާއި ސަންޖޭ ލީލާ ބާންސާލީ ފަދަ މީހުން ހާޒިރުކޮށް ބަޔާންތައް ވަނީ ނަގާފަ އެވެ. އަދި ފިލްމީ ތަރި ކަންގަނާ ރަނާވަތުގެ ބަޔާން ވެސް ވަރަށް ފަހުން ނަގާފައި ވެއެވެ.
ކަރަން ޖޯހަރްގެ ފިލްމު ކުންފުނި ދަރްމާ ޕްރޮޑަކްޝަންގެ ސީއިއޯ އަޕޫރްވާ މެހެތާ ވެސް ބަޔާން ވެސް ވަރަށް އަވަހަށް ނަގަން ހަމަޖެހިފައިވާ ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.