ހަބަރު

އޮޕަރޭޝަނަށް ޔޫން ފުރައިފި

Jul 29, 2020
2

ފިލްމީ ތަރި، މުހައްމަދު ޔުނާންގެ ތުއްތު ދަރިފުޅު، ޔޫންގެ ހިތުގެ އޮޕަރޭޝަން، ކުރަން ބޭނުންވާ މާލީ ހުރިހާ އެހީއެއް އަމިއްލަ ވިޔަފާރިވެރިޔަކު ދިނުމާއެކު، ސަރުކާރުގެ އެންސްޕާގެ އެހީވެސް ލިބިގެން ޔޫން ގޮވައިގެން މިއަދު އޭނާގެ މަންމަ އާއި ބައްޕަ އިންޑިއާއަށް ފުރައިފި އެވެ.

ޔޫން ގޮވައިގެން ދެމަފިރިން މިއަދު ފުރި އިރު އޮޕަރޭޝަނަށް ބޭނުންވާނެ ހުރިހާ ހަރަދެއް ރާއްޖޭގެ ޒުވާން ވިޔަފާރިވެރިއަކު މިދިއަ ހޮނިހިރު ދުވަހު ވަނީ ދެއްވާފަ އެވެ. އަދި އޭގެ ފަހުން ސަރުކާރުގެ އެންސްޕާގެ އެހީ ވެސް އެ އާއިލައަށް ވަނީ ހަމަޖެހިފައި ވެއެވެ. މީގެ އިތުރުން އާންމުންގެ ވަރަށް ގިނަ ބަޔަކު ވެސް އެކިވަރުގެ އެހީ އެ އާއިލާއަށްވެ ދިންއިރު، ފަހުން އާސައިންދައިން ފްލައިޓް ވެސް ހަމަޖައްސައިދިނެވެ.

ވިޔަފާރިވެރިޔާ އެހީ ފޯރުކޮށްދިންއިރު، ޔުނާންގެ އަށް މަހުގެ އަންހެން ދަރިފުޅުގެ ހިތުގެ އޮޕަރޭޝަން ކުރަން އިންޑިއާއަށް ގެންދަން އާސަންދަ އިން ޖާގަ ނުދީގެން އާއިލާއިން ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދިރިއުޅުއްވާ ރަސްމީ ގެކޮޅު މުލީއާގޭގެ ކަައިރިއަށް ގޮސް ޝުއޫރު ފާޅުކޮށްފައި އެވެ. ސަރުކާރުގެ އެހީ އައީ އޭގެ ފަހުންނެވެ.

އެ ހާދިސާއާ ގުޅިގެން ތުއްތު އެ ކުއްޖާގެ އޮޕަރޭޝަނަށް އެހީތެރިވެ ދިން ވިޔަފާރިވެރިޔާގެ ނަމެއް ވެސް އަދި ހަދިޔާކުރި ފައިސާގެ އަދަދު ވެސް އެ އާއިލާއަކުން ނުބުނެ އެވެ. ނަމަވެސް އަވަސް އަށް އެނގިފައިވާ ގޮތުގައި ޔުނާންގެ އާއިލާއަށް އެހީތެރިވެ ދެއްވީ ފަހަކަށް އައިސް ކިޔަވާ ކުދިންނަށާއި ޔަތީމު މިސްކީނު ކުދިންނަށާއި އެހީއަށް ބޭނުންވެފައިވާ އާއިލާތަކަށް ވަރަށް ބޮޑު އެހިތެރި ކަމެއް ވެދެއްވަމުން ވަޑައިގަންނަވާ ޒުވާން ވިޔަފާރިވެރިއެކެވެ. ކޮވިޑްގެ ލޮކްޑައުންގައި ވެސް އެ ފަރާތުން އެކި ފަރާތްތަކަށް ބޮޑެތި އެހީތަކެއް ވެދެއްވާފަ އެވެ.

ޔޫންއަކީ ހިތުގެ މައްސަލަތަކެއް ކުރިމަތިވެފައިވާ "ވަން އަމްބިލިކަލް އާޓްރީ ބޭބީ" އެކެވެ. އޭގެ ސަބަބުން ބަނޑުގައި ކުއްޖާ އޮންނައިރު އޮކްސިޖަން އާއި ލޭ ފޯރު ކޮށްދިނުމަށް ހުރަސް އަޅައެވެ. އަދި އެނޫން ވެސް ކުއްޖާ ހެދި ބޮޑުވުމަށް އެތައް ގޮތަކުން ހުރަސް އަޅައެވެ. އެހެންވެ ކުއްޖާ އުފަންވަނީ ސިއްހީ އެތައް މައްސަލަތަކަކާއެކުގަ އެވެ. މީގެ ކުރިން އިންޑިއާގެ އަމްރިތާ ހޮސްޕިޓަލްގައި ވެސް ވަނީ ޔޫންގެ ބޮޑު އޮަޕަރޭޝަނެއް ކޮށްފަ އެވެ.

އެ އޮޕަރޭޝަންގައި ސަބަބުން ޔޫންއަށް ކޮންމެވެސް ވަރެއްގެ ފަރުވާއެއް ލިބިފައި ވެއެވެ. ނަމަވެސް އަނެއްކާވެސް ޔޫންއަށް ވަނީ ހިތުގެ މައްސަލަތައް ކުރިމަތިވެ ހިތުގެ ވާތްފަޅި އާދަޔާ ހިލާފަށް ބޮޑުވެފަ އެވެ.

ޔޫންގެ އޮޕަރޭޝަން ކުރިން ވެސް ކުރި ޑޮކްޓަރަށް ދައްކަން ރާއްޖެއިން ޔޫންއަށް ފަރުވާދިން ޑޮކްޓަރުން ވަނީ ލަފާ ދީފައި ވެއެވެ. އެއީ އިންޑިއާގައި ވަރަށް މަޝްހޫރު ޑޮކްޓަރެއް ކަމަށްވާ ޑރ. ސުނިލް އެވެ. އޭނާ މިހާރު މަސައްކަތް ކުރައްވަނީ އަމްރިތާ ހޮސްޕިޓަލަކު ނޫނެވެ. އެ ޑޮކްޓަރު މިހާރު މަސައްކަތް ކުރަމުން އަންނަނީ ލިސީ ނަމަކަށް ކިޔާ ހޮސްޕިޓަލެއްގަ އެވެ.

ޔޫންގެ ފަރުވާގެ ކަންކަމަށް ބޮޑު ހަރަދެއް ހިނގާއިރު އޮޕަރޭޝަނަށް 6،000 ޑޮލަރު (ގާތްގަނޑަކަށް 92،000ރ.) އަރަ އެވެ.

މިއަދު ފުރުމުގެ ކުރިން އެއާޕޯޓްގައި ހުރެ ޔޫންގެ މަންމަ ރިހުލާ ބުނީ ދަރިފުޅުގެ އޮޕަރޭޝަނަށްޓަކައި އެހީތެރިވެ ދީ، ހިތްވަރު ދިން ހުރިހާ ފަރާތްތަކަށް ވަރަށް ބޮޑަށް ޝުކުރު އަދާ ކުރާ ކަމަށެވެ.

ދަތުރުގެ އަޕްޑޭޓެއް

ޔޫން ގޮވައިގެން މިއަދު 11:00 ޖެހި އިރު ދަތުރު ފެށި މޯލްޑިވިއަންގެ ފްލައިޓް ވަނީ އަނބުރާ ވެލާނާ އިންޓަނޭޝަނަލަށް ޖައްސާފަ އެވެ. އަވަސް އަށް އެނގިފައިވާ ގޮތުގައި އެ ފްލައިޓް ޖެއްސީ އެ ބޯޓްގައި އިން މީހަކު ކޮވިޑަށް ޕޮޒިޓިވްވެގެނެވެ. އެ ފްލައިޓް ދެން ފުރާނީ ބޯޓް އަލުން ޑިސް އިންފެކްޓް ކުރުމަށްފަހު އެވެ.