ބޮލީވުޑް

"ނާގިން 5"ގެ ލީޑް ރޯލަށް ހީނާ އާއި ދީރަޖް

އެކްތާ ކަޕޫރުގެ ހަރުފަ ސީރީޒްގެ ފަސް ވަނަ ފިލްމު "ނާގިން 5"ގެ ލީޑް ރޯލަށް ހީނާ ޚާން އާއި ދީރަޖް ދޫޕަރް ހަމަޖެހިއްޖެ ކަމަށް އިންޑިޔާގެ ނޫސްތަކުން ބުނެފި އެވެ. މި ސިލްސިލާގެ ފުރަތަމަ ހަތަރު ސީޒަން ނިންމާލާފައިވަނީ ވަރަށް ކާމިޔާބު ކަމާއެކުގަ އެވެ. މި ޝޯ ދައްކާ ދުވަސްވަރެއްގައި އަބަދުވެސް ޓެލެވިޒަން ރޭޓިންގެ އެންމެ ކުރީގައި މި ޝޯ އޮވެ އެވެ. އެހެންކަމުން ފަސް ވަނަ ސީޒަނަށް ވެސް ބެލުންތެރިން މިހާރު ކެތްތެރިކަމެއް ނެތި ދަނީ އިންތިޒާރު ކުރަމުންނެވެ.

މިހާރު މި ޝޯގެ އިޝްތިހާރުތައް ކުޑަކޮށް ދައްކަން ފަށާފައިވާއިރު ފުރަތަމަ އިޝްތިހާރުން ބަތަލާ އަކީ ކާކުކަން މާ ބޮޑަށް ސާފު ނުވިޔަސް ގިނަބަޔަކު ބުނަނީ ހީނާ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

މިފަހަރުގެ ސީޒަންގައި ލީޑް ރޯލުކުޅޭ ބަތަލަކަށް ހަމަޖެހިފައިވަނީ ދީރަޖް ދޫޕަރް އެވެ. އަދި މޯހިތު މަލްހޯތުރާ ވެސް މިފަހަރުގެ ޝޯގައި ބައިވެރިވާނެކަމަށް ބެލެވެ އެވެ.

މޯހިތު އާއި ހީނާ މީގެ ކުރިން ވެބް ސީރީޒް އެއް އެކުގައި ކުޅެފައި ވެއެވެ. އެހެންކަމުން މި ދެ ތަރިން މި ޝޯގައި ބައިވެރިވާނަމަ މިއީ އެމީހުން އެކުގައި ކުޅޭ ދެ ވަނަ ޝޯ އަށް ވާނެ އެވެ.

"ނާގިން" އަކީ ސުޕަނެޗުރަލް ވާހަކަތަކެއް ގެނެސްދޭ ޗޯ އެކެވެ. މި ޝޯގައި އާއްމުކޮށް ފެންނަނީ އިންސާނުންގެ ސިފަޔަށް ބަދަލުވެވޭ ހަރުފަ ތަކެއް ބަދަލު ހިފަން ކުރާ މަސައްކަތް ތަކެކެވެ. ހީނާ އާއި ދީރަޖް ވެސް މި ޝޯގައި ކުޅޭނީ އިންސާނުންގެ ސިފަ ޖެހޭ ހަރުފަ ތަކެއްގެ ރޯލު ކަމަށް ބެލެވެ އެވެ.