ކުޅިވަރު

ބަހްރޭނުން ޕެރިސް އެފްސީގެ ހިއްސާ ގަނެފި

މެދުއިރުމަތީގެ ގައުމުތަކުން ޔޫރަޕްގެ ފުޓްބޯޅައަށް ކުރަމުންދާ އިންވެސްޓްމެންޓަށް އިތުރު ބޮޅެއް ބަހްރެއިންގެ ސަރުކާރުން ވެސް އިތުރު ކޮށްފި އެވެ.

ބަހްރެއިންގެ ޝާހީ އާއިލާގެ އިސް ނެގުމާއެކު އެ ގައުމުން ވަނީ ފްރާންސްގެ ދެ ވަނަ ޑިވިޝަން ކުލަބު، ޕެރިސް އެފްސީގެ 20 ޕަސެންޓް ހިއްސާ ގަނެފަ އެވެ. ދެ ވަނަ ޑިވިޝަންގައ ވާދަ ކުރި ނަމަވެސް، ޕެރިސް އެފްސީއަކީ ފްރާންސްގެ ގަދަ ބާރު ޕެރިސް ސެއިންޓް ޖާމިއަން (ޕީއެސްޖީ) ގެ ލޯކަލް ވާދަ ވެރިޔާ އެވެ.

ޕީއެސްޖީ އާއި ޕެރިސް އެފްސީގެ ތެރެއިން ތާރީހީ ގޮތުން ދޮށީ ކުލަބަކީ ޕެރިސް އެވެ. ޕެރިސް އުފެއްދީ 1969 ވަނަ އަހަރު އެވެ. އަދި ފްރާންސްގެ އެހެން ކުލަބެއް ކަމަށްވާ ސްޓޭޑް ސެއިންޓް ޖާމިއަން އެކުވެސް ޕެރިސް ސެއިންޓް ޖާމިއަން (ޕީއެސްޖީ) ނަމުގައި 1970 ވަނަ އަހަރު ކުލަބެއް އުފެއްދި އެވެ. އެހެންނަމަވެސް 1973 ވަނަ އަހަރު ޕެރިސް އެފްސީން ވަނީ ޕީއެސްޖީ އާ ވަކިވެ ވަކިން ހިންގަން ފަށާފަ އެވެ.

ބަހްރެއިންގެ ޓާގެޓަކީ ކުރިއަށް އޮތް ތިން އަހަރު ތެރޭ، ޕެރިސް އެފްސީ ލީގް އެކަކަށް ކޮލިފައި ކޮށްދިނުމެވެ. ބަހްރެއިންއިން ކުލަބުގެ ހިއްސާ ގަތުމުން އެ ކުލަބުގެ ބަޖެޓް 30 ޕަސަންޓަށް އުފުލިފައިވާ ކަމަށް އެ ކުލަބުން ބުންޏެވެ. ކުލަބުގެ މެޖޯރިޓީ ހިއްސާ އަދިވެސް އޮތީ އެ ކުލަބުގެ ރައީސް ޕިއާ ފެރާޗީ އަތުގަ އެވެ. އޭނާގެ ނަމުގައި ކުލަބުގެ 77 ޕަސަންޓް ހިއްސާ އެބައޮތެވެ.

ގަތަރުގެ ސްވްރިން ފަންޑުން ވަނީ 2011 ވަނަ އަހަރު ޕީއެސްޖީ ގަނެފަ އެވެ. މެދުއިރުމަތގެ އެހެން ވިޔަފާރިވެރިންވެސް ވަނީ ޔޫރަޕްގެ ބޮޑެތި ލީގްތަކުން ކުލަބުތައް ގަނެފަ އެވެ. އެންމެ ކާމިޔާބު ދެ ޓީމަކީ ޕީއެސްޖީ އާއި އަބޫދާބީ ގުރޫޕުން ގެނަފައިވާ އިންގްލެންޑްގެ މެންޗެސްޓާ ސިޓީ އެވެ.