ދީން

އެންމެ މާތް، އެންމެ ބޮޑު ދުވަސް

ދުނިޔެ ދެކޭނެ އެންމެ މާތް ދުވަހަކީ ހައްޖު މަހުގެ ނުވަ ވަނަ ދުވަހެވެ. އަރަފާތު ދުވަސް ނުވަތަ ހައްޖު ދުވަހެވެ. މިއީ ހައްޖުގެ އެންމެ މުހިންމު ރުކުން ކަމުގައިވާ، އަރަފާތުގައި ހުރުމުގެ އަޅުކަން އަދާ ކުރެވޭ ދުވަހެވެ. މިއަދުގެ މެންދުރު ފަހުގެ ވަގުތަކީ، ﷲ ސުބުހާނަހޫ ވަތައާލާ ދުނިޔޭ އުޑަށް ފައިބާ ވޮޑިގެން، އަރަފާތު ބިމުގައިވާ އަޅުތަކުންނާމެދު ފަހުރުވެވޮޑިގެންވާ ދުވަހެވެ.

އަރަފާތު ބިމަށް ޖަމާވެފައިތިބޭ ހައްޖުވެރިންގެ ފާފަ މާތްﷲ ފުއްސަވައި ދެއްވައެވެ. މިއީ ފާފަ ފުއްސެވުމާއި އަފޫ ކުރެއްވުމުގެ ދުވަސް ކަމަށް އިލްމުވެރިން ވިދާޅުވެ އެވެ. ނަރަކައިން ދިންނަވާ މުއްތި ކުރައްވާ ދުވަސްމެ އެވެ. ހަމަ އެހެންމެ މިއީ މާތްﷲ އެކަލާންގެ އަޅުތަކުންގެ ކިބައިން، އެކަނލާންގެ އިލާހުވަންތަ ކަމަށް އަހުދު ކަށަވަރު ހިއްޕެވި ދުވަހެވެ. އަދި އިސްލާމްދީން ފުރިހަމަ ކުރެއްވި ދުވަސްވެސްމެއެވެ.

މާތް ﷲ އަލްމާއިދާ ސޫރަތުގެ ތިންވަނަ އާޔަތް ބާވާއްލެއްވި ހައްޖު ދުވަހު މާތް ރަސޫލާ ހުތުބާ ދެއްވި ފަހުންނެވެ. އެ އާޔަތުގެ މާނާގައިވެއެވެ. "މިއަދު ތިމަން ރަސްކަލާނގެ ތިޔަބައިމީހުންނަށްޓަކައި ތިޔަބައި މީހުންގެ ދީން ފުރިހަމަ ކުރައްވައިފީމު އެވެ. އަދި ތިޔަބައިމީހުންގެ މައްޗަށް ތިމަން ރަސްކަލާނގެ ނިއުމަތްތައް ފުރިހަމަ ކުރައްވައި އިސްލާމްދީނަކީ ތިޔަބައިމީހުންގެ ދީން ކަމުގައި ރުހިވޮޑިގެންފީމު އެވެ."

މިފަދަ އެތައް ސަބަބަކާއި ގުޅިގެން އަރަފާތު ދުވަސް ހިމެނިފައިވަނީ އެންމެ މާތް ދުވަހުގެ ގޮތުގައެވެ.

ކީރިތި ރަސޫލާ صلى الله عليه وسلم ގެ ޙަދީޘް ކުރެއްވިއެވެ. "مَا مِنْ أَيَّامٍ أَعْظَمُ عِنْدَ اللهِ وَلَا أَحَبُّ إِلَيْهِ الْعَمَلُ فِيهِنَّ مِنْ هَذِهِ الْأَيَّامِ الْعَشْرِ، فَأَكْثِرُوا فِيهِنَّ مِنَ التَّهْلِيلِ وَالتَّكْبِيرِ وَالتَّحْمِيدِ " رواه أحمد މާނައީ: "ހައްޖު މަހުގެ ދިހަ ދުވަހަށްވުރެ، މާތް ﷲ ގެ ހަސްރަތުގައި، ވަކީން ބޮޑަށް މަތިވެރި ވެގެންވާ ދުވަސްތަކެއް އަދި ހެޔޮ އަމަލު ކުޅައުމަށް އެއިލާހު ލޯބިވެވޮޑިގަންނަވާ ދުވަސްތަކެއް ނުވެއެވެ. ފަހެ އެދުވަސްތަކުގައި ތަހުލީލު ތަކުބީރު އަދި ތަހްމީދު ކިޔުން ގިނަކުރާށެވެ!"

ތަހުލީލަކީ لاَ إِلهَ إِلاَّ اللهُ އެވެ. ތަހުމީދަކީ الحَمْدُ للهِ އެވެ. އަދި ތަކްބީރަކީ اللهُ أَكْبَرُ އެވެ.

އަހަރުގެ އެހެން ދުވަސްތަކަށްވުރެ، ހައްޖު މަހުގެ ފުރަތަމަ 10 ދުވަސް މާތްވެގެންވާ ސަބަބާމެދު އިލްމުވެރިން ވިދާޅުވެފައެވެ. މިދުވަސްތަކުގައި އަހަރުގެ އެހެން އެއްވެސް ދުވަސްތަކުގައި ނުކުރެވޭނެ އެތައް އަޅުކަމެއް ވަނީ ޖަމާވެފައެވެ. އެގޮތުން، ހައްޖުގެ އަޅުކަމުގެ ތެރެއިން، އަރަފާތުގައި ހުރުމާއި މުޒްދަލިފާގައި ރޭކުރުމާއި މިނާގައި ހުރުމާއި ޖަމަރާތަކަށް ހިލައުކުމާއި ހައްޖާޖީން ހަދުޔު ކަތިލުމާއި އެނޫން މީސްތަކުން އުލްހިޔާ ކަތިލުންފަދަ އަޅުކަންތަކަކީ މިދުވަސްތަކަށް ހާއްސަވެފައިވާ، އަހަރުގެ އެހެން ދުވަސްތަކެއްގައި އަދާނުކުރެވޭނެ އަޅުކަމެވެ.

ބައެއް މީހުން ދެކޭގޮތުގައި އަރަފާތު ދުވަހުގެ ހެޔޮކަން ހޯދޭނީ ހައްޖުވެރިންނަށް އެކަންޏެވެ. ނަމަވެސް ހައްޖުވުމުގެ ފުރުސަތު ނުލިބޭ މީހުންނަށް ވެސް މިއީ ހެޔޮ ކަމުން ފުރިގެންވާ ދުވަހެކެވެ. ރޯދައަށް ހުރުމާއި ކީރިތި ގުރުއާން ކިޔެވުން އަދި ގިނަ ގިނައިން ޒިކުރު ކުރުމަކީ ހެޔޮ ވެގެންވާ ކަންކަމެވެ.

އަރަފާތް ދުވަހުގެ ރޯދަ

އަރަފާތު ދުވަހާމެދު ކީރިތި ރަސޫލާ صلى الله عليه وسلم ހަދީސް ކުރައްވާފައި ވެއެވެ. «مَا مِنْ يَوْمٍ أكْثَرَ مِنْ أَن يَعْتِقَ اللهُ فِيهِ عَبْدًا مِنَ النَّارِ مِنْ يَوْمِ عَرَفَةَ». رواه مسلم މާނައީ: "އަރަފާތު ދުވަހަށްވުރެ ގިންނައި މާތް ﷲ އެކަލާނގެ އަޅުތަކުން ނަރަކައިން މުއްތިކުރައްވާ އެހެން ދުވަހެއް ނުވެއެވެ."

އަރަފާތް ދުވަހުގެ ރޯދައަށް ހާއްސަ ދަރުމަޔާއި ސަވާބެއް ވެއެވެ. އަރަފާތް ދުވަހު ރޯދަ ހިފުމާގުޅޭ ގޮތުން، ރަސޫލާ صلى الله عليه وسلم ގެ އަރިހުގައި ސުވާލު ދެންނެވުނެވެ. އެކަލޭގެފާނު ހަދީސް ކުރެއްވި އެވެ. "އެދުވަހު ރޯދަ ހިފުމަކީ، ފާތިވެދިޔަ އަހަރާއި، އަންނަން އޮތް އަހަރުގެ ކުދި ފާފަތައް ފުއްސެވޭނޭ ކަމެކެވެ."

އަރަފާތް ދުވަހުގެ ދުއާ

އަރަފާތް ދުވަހުގެ ދުއާއަކީ އެންމެ ހެޔޮވެގެންވާ ދުއާއެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ހަދީސް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "އެންމެ ހެޔޮވެގެންވާ ދުއާއަކީ އަރަފާތް ދުވަހު ކުރެވޭ ދުއާއެވެ. އަދި އެދުވަހު ތިމަންކަލޭގެފާނާއި، ތިމަންކަލޭގެފާނުގެ ކުރިން ފޮނުއްވުނު ނަބީބޭކަލުން ވިދާޅުވެފައިވާ އެންމެ ހެޔޮ ބަސްތަކަކީ، "لَا إِلَهَ إِلَّا اللَّهُ وَحْدَهُ لَا شَرِيكَ لَهُ، لَهُ المُلْكُ وَلَهُ الحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ" މި އެވެ.

އެހެން ކަމުން މިއަދު މި ދުއާ ތަކުރާރުކޮށް ކިޔުން ހުއްޓެވެ.

ހައްޖަތުލްވަދާއުގެ ހުތުބާ

ކީރިތި ރަސޫލާގެ ހަޔާތްޕުޅުގައި އެކަލޭގެފާނު ކުރައްވާފައިވަނީ އެންމެ ހައްޖެކެވެ. މާތް ނަބިއްޔާ ހައްޖުގެ އަޅުކަން އަދާ ކުރެއްވުމަށް މުސްލިމުންނާއެކު މަދީނާއިން ނިކުމެވަޑައިގެންވީ ހިޖުރައިން 10 ވަނަ އަހަރު ޒުލްގައިދާ މަހުގެ 25 ވީ ހޮނިހިރު ދުވަހުގަ އެވެ. އެކަލޭގެފާނު ތަލްބިޔާގައި މައްކާއަށް ވަދެޑައިގެންނެވީ ލައްކައަކަށް ވުރެ ގިނަ މުސްލިމުންނާއެކުގައެވެ. އެއްލައްކަ ސާޅީސްހާސް މުސްލިމުން އެކަލޭގެފާނާއެކު ހައްޖުގެ އަޅުކަން އަދާކުރެއްވި ކަމަށް އިލްމުވެރިން ބަޔާން ކުރައްވައެވެ.

އަރަފާތުގައި ހުންނަވާ މާތް ނަބިއްޔާ ވަނީ އަސަރުން ފުރިގެންވާ އިބްރަތްތެރި ހުތުބާއެއް ދެއްވަވާފައެވެ. އެއީ މި އުންމަތަށް އެކަލޭގެފާނު ދޫކުރެއްވި ވަރަށްވެސް އަގުހުރި ހަދިޔާއެކެވެ. މި ހިމަނާލަނީ މާތްރަސޫލާ ދެއްވި ހުތުބާއެވެ.

"އޭ މާތް ﷲގެ އަޅުތަކުންނޭވެ! ﷲ އަށް ތަގުވާވެރިވުމަށް ތިޔަބައިމީހުންނަށް ވަސިއްޔަތް ކުރަމެވެ. އެކަލާނގެ އަށް ކިޔަމަންތެރިވުމަށް ބާރުއަޅުއްވަމެވެ. މީސްތަކުންނޭވެ! ތިމަންކަލޭގެފާނު މި ވިދާޅުވާ އެއްޗެއް ކަނުލައި އަޑުއަހާށެވެ! މި އަހަރަށް ފަހު މި މަގާމުގައި ތިޔަބައި މީހުންނާ ތިމަންކަލޭގެފާނު ބައްދަލު ނުވެދާނެ އެވެ."

މީސްތަކުންނޭވެ! ހަމަކަށަވަރުން ތިޔަބައިމީހުންގެ ލެއާއި މުދަލާއި އަބުރު ވަނީ ﷲ އާއި ބައްދަލުވެއްޖައުމަށް ދާންދެން އެއްބަޔަކު އަނެއްބައެއްގެ މައްޗަށް ހަރާމް ވެގެންނެވެ. އެއީ މި ދުވަސް (ހައްޖު ދުވަސް) އާއި މި މަހާއި (ހައްޖު މަސް) މި ރަށް (މައްކާ) ހުރުމަތްތެރި ކުރެއްވި ފަދައިންނެވެ. އެއްވެސް މީހަކާ އަމާނާތެއް ހަވާލު ކުރެވިފައިވާ ނަމަ އެ އަމާނާތް އޭގެ ވެރި ފަރާތާ ހަވާލު ކުރުން ހުއްޓެވެ. ދަންނާށެވެ! ތިމަން ކަލޭގެފާނު މި ބަސްފުޅު ފޯރުކޮށް ނުދެއްވަމު ހެއްޔެވެ؟ އޭ ހައްދަވާ ބޮޑު ކުރެއްވި ރަސްކަލާކޮ! މި ކަމުގެ މައްޗަށް ހެކިވެވޮޑިގަންނަވާނދޭވެ!

އޭ މީސްތަކުންނޭވެ! ޖާހިލިއްޔަ ޒަމާނުގައި ކުރަމުންދިޔަ އެންމެހާ ރިބަވީ މުއާމަލާތްތައް ބާތިލުވެގެންވެއެވެ. ތިޔަބައިމީހުންގެ މުދަލުގެ ރައުސްމާލު ވަނީ ތިޔައިމީހުންނަށެވެ. އަނިޔާވެރިވުމާއި އަނިޔާ ލިބިގަތުމެއް ނެތް ގޮތުގައެވެ. ތިމަންކަލޭގެފާނު އެންމެ ފުރަތަމަ ބާތިލު ކުރާ ރިބާ އަކީ ބޮޑު ބޭބެ އައްބާސް ބިން އަބްދުލްމުއްތަލިބް ގެ ރިބަވީ މުއާމަލާތެވެ. އެކަންކަން ބާތިލްވެގެން ވެއެވެ. ތިމަން ކަލޭގެފާނު މި ބަސްފުޅު ފޯރުކޮށް ނުދެއްވަމު ހެއްޔެވެ؟ އޭ ހައްދަވާ ބޮޑު ކުރެއްވި ރަސްކަލާކޮ! މި ކަމުގެ މައްޗަށް ހެކިވެވޮޑިގަންނަވާނދޭވެ!

އޭ މީސްތަކުންނޭވެ! ނުޙައްގުން ލޭ އޮހޮރުމާއި އެއްބަޔަކު އަނެއް ބައެއްގެ ކިބައިން ބަދަލު ހިފުން ބާތިލް ވެގެންވެއެވެ. އޭ މީސްތަކުންނޭވެ! މާތް ﷲ ގެ ހަސްރަތުގައި އަހަރަކީ ބާރަ މައްސަރެވެ. އެއިގެ ތެރެއިން ހަތަރު މަހެއް ހުރުމަތްތެރި ވެގެންވެއެވެ. (ޒުލްގައިދާ، ޒުލްހިއްޖާ، މުހައްރަމް، ރަޖަބް) ތިމަންކަލޭގެފާނު މި ބަސްފުޅު ފޯރުކޮށް ނުދެއްވަމު ހެއްޔެވެ؟ އޭ ހައްދަވާ ބޮޑު ކުރެއްވި ރަސްކަލާކޮ! މި ކަމުގެ މައްޗަށް ހެކިވެވޮޑިގަންނަވާނދޭވެ!

މީސްތަކުންނޭވެ! ތިޔަބައިމީހުންގެ އަނބިންނާ މެދު ތިޔަބައިމީހުންގެ މައްޗަށް ވާޖިބު ތަކެއްވެއެވެ. އަދި ތިޔަބައިމީހުންނާ މެދު އެކަނބަލުންގެ މައްޗަށް ވެސް ވާޖިބު ތަކެއްވެއެވެ. އެކަނބަލުން ތިޔަބައިމީހުންނަށް ވަފާތެރިވުން ވާޖިބުވެގެންވެއެވެ. ފިރިން ނޫން ބަޔަކާ އެއްދާން ކުރުމެއް ނެތެވެ. އަދި ފިރިން ނުރެހޭ މީހުން އެކަނބަލުންނާ މުއާމަލާތު ކުރުމެއްވެސް ނެތެވެ. ފިރިން ނުރެހޭ މީހުން ފިރިންގެ އިޒުނައެއް ނެތި ގެއަށް ވެއްދުމެއް ވެސް ނެތެވެ. އެފަދަ ކަމެއް އެކަނބަލުން ކޮށްފި ނަމަ އެކަނބަލުންނާ ވަކިވެ ދުރުވުމަށް ތިޔަބައިމީހުންނަށް މާތް ﷲ އިޒުނަ ދެއްވާފައިވެއެވެ. އެކަނބަލުން ތެދުވެރިކަމާއެކު ވާ ނަމަ އެކަނބަލުންނަށް ހެޔޮކޮށް ހިތައި ހެޔޮ ގޮތުގައި ހަރަދު ބަރަދު ދިނުން ހުއްޓެވެ.

އޭ މީސްތަކުންނޭވެ! އަނބިންނަށް ހެޔޮކޮށް ހިތާށެވެ! އެކަނބަލުންނަކީ ތިޔަބައިމީހުންނާ ﷲ ހަވާލުކުރައްވާފައިވާ އަމާނާތެކެވެ. ތިޔަބައިމީހުން އެކަނބަލުންނާ ކައިވެނިކޮށްފައިވަނީ ﷲގެ ކަލިމަފުޅުގެ މައްޗަށެވެ. މިހެންކަމުން، އެކަނބަލުންނާމެދު ﷲ އަށް ބިރުވެތިވާށެވެ. އެކަނބަލުންނަށް ހެޔޮކޮށް ހިތުމަށް ތިމަންކަލޭގެފާނު ތިޔަބައިމީހުންނަށް ވަސިއްޔަތް ކުރަމެވެ. ތިމަން ކަލޭގެފާނު މި ބަސްފުޅު ފޯރުކޮށް ނުދެއްވަމު ހެއްޔެވެ؟ އޭ ހައްދަވާ ބޮޑު ކުރެއްވި ރަސްކަލާކޮ! މި ކަމުގެ މައްޗަށް ހެކިވެވޮޑިގަންނަވާނދޭވެ!

އޭ މީސްތަކުންނޭވެ! އެންމެހާ މުސްލިމުންނަކީ އަހުންނެވެ. އެކަކު އަނެކެއްގެ މުދާ އަހާގެ ރުހުމެއްނެތި ކެއުން ހުއްދަވެގެން ނުވެއެވެ. ތިމަން ކަލޭގެފާނު މި ބަސްފުޅު ފޯރުކޮށް ނުދެއްވަމު ހެއްޔެވެ؟ އޭ ހައްދަވާ ބޮޑު ކުރެއްވި ރަސްކަލާކޮ! މި ކަމުގެ މައްޗަށް ހެކިވެވޮޑިގަންނަވާނދޭވެ!

މީސްތަކުންނޭވެ! ތިމަންކަލޭގެފާނު ދުނިޔެ ދޫކުރެއްވުމަށް ފަހު، ތިޔަބައިމީހުންގެ ދީން ދޫކޮށް އެއްބަޔަކު އަނެއްބަޔަކާ ހަނގުރާމަ ނުކުރާށެވެ. ތިމަން ކަލޭގެފާނު ވަކިވެގެން ދަނީ ދެ އެއްޗެއް ދޫކުރައްވާފަ އެވެ. އެއީ ﷲ ގެ ފޮތާއި ތިމަންކަލޭގެފާނުގެ ސުންނަތެވެ. އޭގައި ބާރަށް ހިފަހައްޓާށެވެ. އޭގައި ހިފަހައްޓައިފި ނަމަ ތިޔަބައި މީހުން ގެއްލެނިވެގެން ނުދާނެއެވެ. ތިމަން ކަލޭގެފާނު މި ބަސްފުޅު ފޯރުކޮށް ނުދެއްވަމު ހެއްޔެވެ؟ އޭ ހައްދަވާ ބޮޑު ކުރެއްވި ރަސްކަލާކޮ! މި ކަމުގެ މައްޗަށް ހެކިވެވޮޑިގަންނަވާނދޭވެ!

މީސްތަކުންނޭވެ! ތިޔަބައިމީހުން އެންމެންގެ ވެރި ރައްބަކީ ﷲ އެވެ. ތިޔަބައިމީހުން އެންމެންގެ ބައްޕައަކީ އާދަމުގެފާނެވެ. އާދަމްގެފާނު އުފެއްދެވީ މަށިންނެވެ. ﷲގެ ހަސްރަތުގައި އެންމެ މާތް މީހަކީ ތިޔަބައިމީހުންގެ ތެރެއިން އެކަލާނގެ އަށް ތަގުވާވެރިވި މީހާއެވެ. ތަގުވާވެރިކަމުން މެނުވީ އަރަބީންގެ މީހަކަށް އަޖަމީންގެ މީހެއްގެ މައްޗަށް ވަކި މަތިވެރި ކަމެއް ނެތެވެ. އެންމެނަކީ ހަމަހަމަ ބައެކެވެ. ތިމަން ކަލޭގެފާނު މި ބަސްފުޅު ފޯރުކޮށް ނުދެއްވަމު ހެއްޔެވެ؟ އޭ ހައްދަވާ ބޮޑު ކުރެއްވި ރަސްކަލާކޮ! މި ކަމުގެ މައްޗަށް ހެކިވެވޮޑިގަންނަވާނދޭވެ!

އޭ މީސްތަކުންނޭވެ! މާތް ﷲ ވަނީ ތަރިކަ މުދާ ބަހަންވީ ގޮތް ކަނޑައަޅުއްވާފައެވެ. ކޮންމެ ވާރިސަކަށް އޭނާގެ ހައްގު ލިބުން ހުއްޓެވެ. ވާރިސަކަށް މުދަލުން ވަސިއްޔަތެއް ނެތެވެ. މުދަލުގެ ތިންބައިކުޅަ އެއްބަޔަށް ވުރެ ބޮޑު އަދަދަކުން ވަސިއްޔަތް ކުރުމެއް ވެސް ނެތެވެ. ޒިނޭކުރި އަންހެނާގެ ދަރިލައްވާހުށީ ތައްމައްޗަށެވެ. އޭނާއަށް ވަނީ ﷲ ކަނޑައަޅުއްވާފައިވާ އުގޫބާތެވެ. އަމިއްލަ ބައްޕަ ނޫން މީހަކަށް ނަސަބު ނިސްބަތްކޮށްފި މީހާއަށް ﷲ އާއި މަލާއިކަތުންނާއި އެންމެހާ މީސްތަކުންގެ ފަރާތުން ލައުނަތް ހުއްޓެވެ. ވައްސަލާމް!

އަރަފާތް ދުވަހުގެ ހެޔޮ ކަމަކަމަކީ ހަމައެކަނި ހައްޖުވެރީންނަށް ހާއްސަކަމެއް ނޫނެވެ. މިއަދުގެ މެންދުރު ފަހުގެ ވަގުތުގައި ދުއާކުރުމާއި ޒިކުރު ކުރުމުގައި ވަގުތު ހޭދަކުރުމަކީ ހައްޖާޖީން ނޫން މީހުންގެ ކިބައިންވެސް އެދިވެގެންވާ ކަމެކެވެ. ވީމާ އިރުއޮއްސުމާއި ހަމައަށް ގިނަގިނައިން ދުއާ ކުރުމާއި ހެޔޮ އަމަލުތަކުގައި ވަގުތުތައް ހޭދަކުރައްވާށެވެ. އެންމެ މާތް، އެންމެ ބޮޑު ދުވަހުގެ ހެޔޮ ކަމާއި ދަރުމައާ ސަވާބު ލިބިގަތުމަށް ގަދައަޅައި މަސައްކަތް ކުރާށެވެ.

  • އަހުމަދު ހަމީދު އާދަމްގެ އެކުލަވައިލުމެއް
  • އެހީ: ޝައިހު ހަސަން މޫސާ ފިކުރީ، ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު