މިއަހަރު ހައްޖުގެ އަޅުކަން އަދާކުރުމަށް ދެ މިލިއަން މީހުންނަށް ފުރުސަތު ދޭނެ ކަމަށް ސައުދީ ސަރުކާރުގެ ހައްޖާއި އުމްރާގެ ކަންކަމާބެހޭ ވަޒީރު، ޑރ. ތައުފީގު އަލްރަބީއު ވިދާޅުވެއްޖެ އެވެ.
ޑރ އަލްރަބީއު މިހެން ވިދާޅުވެފައި މިވަނީ އަލްޖީރިއާއަށް އެމަނިކުފާނު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅެއްގަ އެވެ. އެގޮތުން އަލްޖީރިއާއަށްވެސް 41،300 ހައްޖާޖީންނަށް މިއަހަރު ފުރުސަތު ދެއްވާނެ ކަމަށް ވިދާޅުވެފައިވެ އެވެ.
ސައުދީ ސަރުކާރުން ބުނެފައިވަނީ ކޮވިޑް އާލަމީ ވަބާގެ ކުރިން ސައުދީން ހައްޖުގެ އަޅުކަން އަދާކުރުމަށް މުސްލިމުންނަށް ފުރުސަތު ދެމުން އައި މިންވަރަށް މިއަހަރު ހައްޖުގެ އަޅުކަން އަދާކުރުމަށް ފުރުސަތު ދޭނެ ކަމަށެވެ.
ޑރ އަލްރަބީއު ވިދާޅުވެފައިވަނީ ހައްޖާޖީންގެ އެންމެހާ ސިއްހީ ކަންކަމާއި އަދި ބޭނުންވާނެ އެންމެހާ އެހީތެރިކަމެއް ވީހާވެސް ފަސޭހަ ގޮތެއްގައި ލިބިދެވޭނެ ގޮތަށް ސައުދީގެ ކަމާގުޅެ އެންމެހާ އޮފީސްތަކެއް ގުޅިގެން މަސައްކަތް ކުރަމުން މިވަގުތު އަންނަ ކަމަށެވެ.
ހައްޖާޖީން ސައުދީއަށް ކުރާ ދަތުރުތައް އެއީ ވީހާވެސް ހިތްހަމަޖެހޭ ގޮތަށް، ސައުދީގެ ތަޖުރިބާ އެންމެ ފުޅާކޮށް ކުރެވޭ ގޮތަށް ފަރުމާކުރެވޭ ދަތުރަކަށް ހެދުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް ޑރ. އަލްރަބީއު ވިދާޅުވި އެވެ. މިގޮތުން އުމްރާ އެއް ކުރުމަށް ކުރިން ދީފައިވާ މުއްދަތު 30 ދުވަހުން 90 ދުވަހަށް އިތުރުކޮށް އަދި އިންޝުއަރެންސް ޚަރަދު ލުއިކުރުމާއެކު ހުރިހާ ވައްތަރެއްގެ ވިސާއަކަށް ވެސް އުމުރާގެ އަޅުކަން އަދާކުރެވޭނެ މަގު ފަހިކޮށްފައިވެ އެވެ.
ސައުދީގެ ވަޒީރު އަލްޖީރިއާގެ ސަރުކާރުގެ ވަރަށް ގިނަ އިސް ފަރާތްތަކަކާއި ހޯމަ ދުވަހު ވަނީ ބައްދަލުކުރައްވާފަ އެވެ.
ސައުދީ ވަޒީރުގެ މި ދަތުރުފުޅަކީ އަލްޖީރިއާ އާއި ސައުދީއާ ދެމެދު އޮންނަ ސްޓްރެޓެޖިކް ގުޅުމުގެ ތެރެއިން ދެ ގައުމުގެ ދެމެދުގައި އެއްބަސްވާ ދާއިރާތަކުން ކުރިއަށް ދިއުމުގައި ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ.
ސައުދީ ވަޒީރު ވިދާޅުވީ އެކި ގައުމުތަކުގައި ތިބި މުސްލިމުން ވީއެންމެ ގިނަ އަދަދަކަށް އުމްރާގެ އަޅުކަން އަދާކުރުމަށާއި މުސްލިމުންގެ މާތް ހަރަމްތަކަށް ޒިޔާރަތް ކުރުމަށް ސައުދީ އަށް ދަތުރުކުރެވޭނެ މަގުފަހިކުރުމަށް ގާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެންނަމުންދާ ކަމަށެވެ.
ސައުދީ ވަޒީރު ޑރ އަލްރަބީއު، އަލްޖީރިއާގެ ރިލިޖަސް އެފެއާޒް އަދި އެންޑް އެންޑޯވްމަންޓް ވަޒީރު -- ޑރ. ޔޫސުފް ބިލްމަހުދީއާ އެކު ބޭއްވި ނޫސްވެރިންގެ މިބައްދަލުވުމުގައި މާތް ދެ ހަރަމްފުޅުން ލިބޭ ހިދުމަތްތައް ފުޅާކުރުމަށް ސައުދީއަށް ގެންނަމުންދާ އުމްރާނީ ތަރައްގީއާއި މަޝްރޫއުތަކުގެ ވާހަކަވެސް ވިދާޅުވެ ދެއްވި އެވެ. އެގޮތުން މުސްލިމުންގެ އެންމެ މާތް ދެ ހަރަމްފުޅު ތަރައްގީކުރުމަށް ހިންގާ 200 ބިލިއަން ޑޮލަރުގެ މަޝްރޫއާއި މައްކާއާއި މަދީނާ ގުޅުވާލެވޭ ދެގަޑިއިރުން ދެވޭނެ ހަރަމައިން އެކްސްޕްރެސް ޓްރޭން ގާއިމުކުރުމުގެ މަސައްކަތުގެ މައުލޫމާތު ހިއްސާކުރެއްވި އެވެ.