ބާސެލޯނާ

ބާޓޮމެއުގެ އިތުބާރު ނެތްކަމުގެ ވޯޓަށް ހުށަހަޅަނީ

އެފްސީ ބާސެލޯނާގެ ރައީސް ޖޯސެފް މާރިއާ ބާޓޮމެއު އާއި އޭނާގެ ޑައިރެކްޓަރުންގެ ބޯޑުގެ އިތުރުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅަން ބާސާގެ މެންބަރުންގެ ގުރޫޕަކުން ތައްޔާރު ވެއްޖެ އެވެ.

"ކޯ ބަލައުގްރާނާ" ގެ ނަމުގައި ހަރަކާތްތެރިވާ ސަޕޯޓަރުންގެ މިކްސް ގުރޫޕަކުން ހުށަހަޅާ އިތުބާރު ނެތް ކަމުގެ މައްސަލައައިގެ ސަބަބަކީ ކުލަބު މެނޭޖު ކުރުމުގައި ބަލައިގަންނަން އުނދަގޫ ކަންތައްތަކެއް ބާޓޮމެއު އާއި އާއި އޭނާގެ ޑައިރެކްޓަރުންގެ ބޯޑުން ކުރަމުން ދިއުމެވެ.

"ކޯ ބަލައުގްރާނާ" ގެ ނަމުގައި ހަރަކާތްތެރިވާ މޫވްމެންޓަކީ ބާސާގެ އެކިއެކި ސަޕޯޓަރުންގެ ގުރޫޕުތަކުން މެންބަރުން ހިމެނޭ ހަރަކާތެކެވެ. އެ ހަރަކާތުން ޑިމާންޑް ކުރަނީ ބޭނުންވާ ބަދަލު ވަގުތުން ގެނައުމަށެވެ.

އިތުބާރު ނެތް ކަމުގެ މައްސަލަ ރަސްމީކޮށް ހުށަހެޅުމަށް ފަހު 14 ދުވަހުގެ ތެރޭގައި ބާސާގެ މެންބަރުންގެ ތެރެއިން 15 ޕަސަންޓް މެންބަރުންގެ ސޮއި ހޯދަން ޖެހޭނެ އެވެ. އެއީ ގާތްގަނޑަކަށް 17000 މެންބަރުންނެވެ.

ކަނޑައެޅިފައިވާ މުއްދަތުގައި އެ އަދަދަށް ސޮއި ހޯދިއްޖެނަމަ، ހުރިހާ މެންބަރުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓަކަށް ހުޅުވާލެވޭނެ އެވެ. ބާސާގެ 154،000 މެންބަރުންގެ ތެރެއިން ތިންބައި ކުޅަ ދެބައި މެންބަރުން، އިތުބާރު ނެތް ކަމަށް ވޯޓް ދީފިނަމަ ދެ ވަނަ މަރުހަލާއަކީ އާ އިންތިހާބެއް ބޭއްވުމެވެ.

ކޮންމެ ފަސް އަހަރަކުން އެއް އަހަރު ބާއްވާ ކުލަބުގެ އިންތިހާބު އަންނަ އަހަރަށް ވަނީ ތާވަލު ކޮށްފަ އެވެ. ކޯ ބަލައުގްރާނާގެ ފަރާތުން ވާހަކަ ދެއްކި އޮފިޝަލް ބުނީ، ކުލަބުގެ ޑިރެކްޓަރުންގެ ބޯޑު ބަދަލު ކުރުމަށް އެއީ އެންމެ ރީތި ގޮތް ނޫން ކަމަށްވެސް އެ މޫވްމެންޓުން ގަބޫލު ކުރާ ކަމަށެވެ.

"ނަމަވެސް މިނޫން ގޮތެއް މިވަގުތު އަހަރެމެންނަކަށް ނެތް،" ކޯ ބަލައުގްރާނާގެ ފަރާތުން ވާހަކަ ދެއްކި ޖޯސެފް މާރިއޯ ކްރެމާޑޯސް ސްޕެއިންގެ ރޭޑިއޯ ސްޓޭޝަނެއް ކަމަށްވާ 'ކެޑަނާ ސޭރު' އަށް ދިން އިންޓަވިއުގައި ބުންޏެވެ. "ވޯޓާއިގެން ކުރިއަށް ދިއުން ނޫންގޮތެއް ނެތް، ކުލަބުގެ ހިންގާ ގޮތާމެދު އަހަރެމެންނަށް ބަލަން އުނދަގޫ އެހެންވެ އަހަރެމެން ބޭނުންވޭ ވީއެންމެ އަވަހަކަށް ބަދަލު ގެންނަން."