ބޮލީވުޑް

ޝްވޭތާ ތިވާރީގެ ދަރިފުޅު ޕަލަކް ބަތަލާއެއްގެ ގޮތުގައި ތައާރަފްވަނީ

ޝްވޭތާ ތިވާރީ އަކީ ޓީވި ސިލްސިލާތައް ބަލާ މީހުންގެ މެދުގައި މަޝްހޫރު ބަތަލާ އެކެވެ. "ކަސޯޓީ ޒިންދަގީ ކޭ"ގެ ފުރަތަމަ ސީޒަންގައި ޕްރޭރްނާގެ ރޯލު އަދާކޮށްގެން ޝްވޭތާ ވަނީ ވަރަށް ގިނަ މީހުންގެ ހިތުން ވަރަށް މަތީ މަގާމެއް ހޯދާފަ އެވެ. މިހާރު ޝްވޭތާގެ ދަރިފުޅު ޕަލަކް ތިވާރީ ބޮޑުވެ ފިލްމު ކުޅެން ވަނީ ފަށާފަ އެވެ. އެގޮތުން ޕަލަކް ބޮލީވުޑަށް ތައާރަފްވާނީ "ރޯޒީ – ދަ ސެފްރޮން ޗެޕްޓާ" ކިޔާ ބިރުވެރި ފިލްމަކުންނެވެ.

މިއީ އިންޑިޔާގެ ގުރުގްރާމްގައި ހިނގި ހަގީގީ ހާދިސާތަކެއްގެ މައްޗަށް ކުޅޭފައިވާ ހޮރޯ-ތުރިލާ ފިލްމެކެވެ. ބައިބަޔަށް ތައްޔާރުކުރަން ހަމަޖެހިފައިވާ މީގެ ފުރަތަމަ ފިލްމު ބިނާ ކޮށްފައިވަނީ ސެފްރޮން ބީޕީއޯ އަށެވެ. މިތަނަކީ ގުރުގުރަމްގައި މިހާރު ހުރި އެންމެ ނާމާން ތަން ކަމަށް ވެއެވެ.

މި ފިލްމުގެ ވާހަކަ ބިނާކޮށްފައިވަނީ ބީޕީއޯގައި މަސައްކަތްކުރާ ރޯޒީ ނަމަކަށް ކިޔާ އަންހެންކުއްޖަކަށް ދިމާވާ ހާދިސާ ތަކެއްގެ މައްޗަށެވެ.
މި ފިލްމު ހުށަހަޅަނީ މަންދިރާ އެންޓަޓައިންމަންޓާއި ވިވެކް އާނަންދު އޮބްރޯއީގެ އޮބްރޯއީ މެގާ އެންޓަޓައިންމަންޓް އާއި ޕްރޭރްނާ ވީ އަރޯރާ ގުޅިގެންނެވެ. ވިޝާލް މިޝްރާ ޑައިރެކްޓްކުރާ މި ފިލްމުގެ ފުރަތަމަ ޕޯސްޓަރު މިހާރު ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފައިވާއިރު މި ޕޯސްޓަރުގައި ރޯޒީގެ ގޮތުގައި ޕަލަކް ދައްކާލާފައި ވެއެވެ.

ފިލްމުގެ އެއް ޕްރޮޑިއުސަރު ޕްރޭރްނާ ބުނި ގޮތުގައި ރޯޒީގެ ރޯލަށް އޭނާ ބޭނުންވީ ވަކި ކަހަލަ ސިފަތަކެއް ހުރި ބަތަލާ އެކެވެ. މިއީ ހަގީގީ ހާދިސާ ތަކަކަށް ބިނާކޮށްފައިވާ ފިލްމަކަށް ވާތީ އެންމެ ކުރިން ވެސް ބޭނުންވީ މުޅިން އާ ވަރަށް ޒުވާން، ތާޒާ މޫނެއް މި ފިލްމުގައި ރޯޒީގެ ރޯލަށް ލާށެވެ. އަދި ރޯޒީގެ ރޯލަށް ޕަލަކް ނަގާފައިވަނީ ވަރަށް ގިނަ އޮޑިޝަންތަކަށްފަހު ކަމަށް ވެސް ޕްރޮޑީއުސަރު ބުންޏެވެ. އަދި އޭނާގެ ހޮވުމަށް ވިވެކް ވެސް ފުރިހަމައަށް ތާއީދުކުރި ކަމަށް ޕްރޭރްނާ ބުންޏެވެ.

ޑައިރެކްޓަރު ވިޝާލް ބުނީ މިއީ އޭނާއަށް ވަރަށް މަގްބޫލު ފިލްމެކެވެ. ސަބަބަކީ ބޮލީވުޑްގައި އުފައްދާފައި ހުރި ފިލްމުތަކާ ތަފާތުކޮށް މި ފިލްމު އުފައްދާފައި ވާތީ އެވެ. ރޯޒީގެ ރޯލަށް ޕަލަކް ވަރަށް ފިޓްކަމަށް ޑައިރެކްޓަރު ވެސް ގަބޫލު ކުރެ އެވެ.

ޕަލަކް ބުނީ މިފަދަ ވާހަކައެއް ކިޔައިދިނުމުގެ ފުރުސަތު އޭނާއަށް ލިބުމަކީ ވަރަށް ނަސީބު ރަނގަޅުކޮށް ދިމާވި ކަމެއް ކަމަށެވެ. އަދި ރޯޒީގެ ރޯލަށް އޭނާއަށް ފުރިހަމައަށް އިންސާފު ކުރެވޭނެ ކަމަށް ޑައިރެކްޓަރާއި ޕްރޮޑިއުސަރުން ގަބޫލު ކުރި ކަމީ ހަގީގަތުގައި ވެސް ލިބުނު ވަރަށް ބޮޑު ފަޚުރެކެވެ.
އަލަށް ތައާރަފްވާ ފިލްމަށް ވާތީ ވަރަށް ހާސްކަމާއި ކަންބޮޑުވުން ހުރި ކަމަށް ވެސް ޕަލަކް ބުންޏެވެ. ނަމަވެސް ޕްރޭރްނާ އާއި ފިލްމު އުފެއްދުމުގައި އުޅޭ އެންމެން އޭނާގެ އަތުގައި ހިފައިގެން މަގު ދައްކައިދީ އެހީތެރިކަން ފޯރުކޮށްދިން ކަމަށް ޕަލަކް ބުންޏެވެ.

ފިލްމުގެ ލީޑް ރޯލު ޕަލަކް އާ އެކު ކުޅޭނެ ހުނަރުވެރި އާ އެކްޓަރެއް ހޯދުމުގެ ބޮޑު މަސައްކަތެއް ވެސް އިއްޔެ މި ފިލްމު އުފައްދާ ފަރާތުން ވަނީ ފަށާފަ އެވެ.

މި ފިލްމު މިއަހަރު ފަހުކޮޅު ޝޫޓިން ފަށައިއ އަންނަ އަހަރުގެ ތެރޭގައި ރިލީޒްކުރުމަށް ވަނީ ރާވާފަ އެވެ.