ބޮލީވުޑް

80 އަހަރުގެ އަމީތާބުގެ ނަމޫނާ ދިރިއުޅުން ވަރަށް އިބުރަތްތެރި

މިއަދަކީ އަމީތާބު ބައްޗަންގެ 80 ވަނަ އުފަން ދުވަހެވެ. އުމުރުން 80 އަހަރު ފުރުނަސް ފިލްމީ ރޮނގުން ބަލާއިރު މިހާރުގެ އެންމެ ޒުވާން ކުދިން ނުކުރާ ވަރަށް އަމީތާބު އެބަ މަސައްކަތް ކުރެ އެވެ. އެއްފަހަރާ ތިން ހަތަރު ފިލްމުގެ ޝޫޓިންގްގައި ބައިވެރިވަމުން ޓީވީ ޝޯ އެއް ވެސް އެބަ ހޯސްޓް ކުރެ އެވެ.

އަމީތާބަކީ ހިންދީ ފިލްމު އިންޑަސްޓްރީގައި މިހާތަނަށް އުފެދުނު އެންމެ މޮޅު އެއް އެކްޓަރު ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ. "ޒަންޖީރް"، "ދީވާރް"، "ޝޯލޭ" އަދި "ކޫލީ" ފަދަ ފިލްމުތަކުގައި އޭނާ ކުޅެފައިވާ އާދަޔާޚިލާފު މޮޅު ރޯލުތަކުގެ ސަބަބުންނެވެ.

އަމީތާބުގެ ފިލްމީ ކެރިއަރު 50 އަށް ވުރެ ގިނަ އަހަރު ތަކަކަށް ދެމިގެން ގޮސްފައިވާއިރު އޭނާއާ އެކު އެކި ދުވަސްވަރު ފިލްމު ކުޅުނު އެކްޓަރުންނާއި އަމީތާބު ތަފާތުވާ އެއް ކަމެއް އެބައޮތެވެ. އަދި އެމީހުންނަށް ވުރެ ދިގު މުއްދަތެއްގައި އޭނާއަށް ފިލްމީ މަސައްކަތުގައި ދެމި ހުރެވުމުގެ ސިއްރުތަކެއް ވެސް އެބަހުއްޓެވެ. އެއީ އެހެން މީހުންގެ ލައިފްސްޓައިލާއި އަމީތާބުގެ ލައިފްސްޓައިލްގައި ހުރި ތަފާތެވެ.

އޭނާގެ ދިރިއުޅުމުގެ އާދަތައް ބަހައްޓާ ގޮތަކީ އެހެން އެކްޓަރުންނަށް އަދި އެންމެންނަށް ވެސް އިބުރަތެކެވެ.

އަމީތާބުގެ ލައިފްސްޓައިލްގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ ގަވާއިދުން ޖިމް އަށް ގޮސް ކަސްރަތު ކުރުމެވެ. އުމުރުން 80 އަހަރުވީއިރުވެސް ޖިމަށް ދިއުމަކީ އަމީތާބު އާދަކޮށް މިހާރުވެސް ކުރާ ކަމެކެވެ.

އެންމެ ކުރިން އަމީތާބަށް ކަސްރަތުކުރުމުގެ މުހިއްމު ކަމެއް އެހާ ބޮޑަކަށް ނުވިސްނެ އެވެ. އެހެންވެ ކުރީކޮޅު އޭނާ ކަސްރަތެއް ނުކުރެ އެވެ. ނަމަވެސް ކަސްރަތުގެ މުހިއްމުކަން އެނގުނު ހިސާބުން އޭނާ ޖިމަށް ދާން ފެށި އެވެ. އަދި އޭގެ ފަހުން ގަވާއިދުން ކޮންމެ ދުވަހަކު ހެނދުނު ހޭލައިގެން ފުރަތަމަ ކުރާ ކަމަކަށް ކަސްރަތު ކުރުން ހެދި އެވެ.

އަމީތާބުގެ ދިރިއުޅުމުން ދެން އެންމެ ބޮޑު އިބުރަތެއް ލިބެނީ އޭނާ ހެދުން އެޅުމުގެ ސްޓައިލާއި އެހެން މީހުންނަށް އޭނާ ފެންނައިރު އަބަދުވެސް ރީތިވެލައިގެން ހުރުމެވެ. އޭނާ ހޯސްޓްކުރާ "ކޯން ބަނޭގާ ކްރޯޅްޕަތީ"ގައި އަމީތާބު ހެދުން އަޅާ ގޮތަށް ބަލާލި ނަމަވެސް ތަފާތު ކުލަ ކުލައިގެ ވަރަށް ސްޓައިލްކޮށް ހުންނަ ހެދުން އެޅުމަށް އޭނާ ސަމާލުކަން ދޭކަން ހާމަވެ އެވެ.

ތިންވަނަ ކަމަކީ އޭނާގެ ކެއުމުގެ އާދަ އެވެ. އަމީތާބަކީ އެއްވެސް ކަހަލަ މަހުގެ ބާވަތެއް ކާ މީހެއް ނޫނެވެ. އޭނާ އަކީ ވެޖިޓޭރިއަން ޑައިޓެއް ބޭނުންކުރާ މީހެކެވެ. އަދި އެއްގޮތަކަށް ވެސް ތައްޔާރީ ކާނާ ނުކަ އެވެ. ގޭގައި ކައްކާ ތާޒާ ކާއެއްޗެތި ކެއުމަށް އަމީތާބު ލޯބި ކުރެ އެވެ.

ހަތަރުވަނަ ކަމަކީ ގަޑިއަށް ފަރުވާތެރި ވުމެވެ. އަމީތާބަށް ވުރެ މާ ޅަ އުމުރުގެ އެކްޓަރުން ވެސް ގިނަ ފަހަރަށް ޝޫޓިންތަކަށް ދަނީ ވެސް އެ ދާން އޮންނަ ގަޑިއެއް ފާއިތުވެ ހަތަރު ފަސް ގަޑިއިރު ވާ ފަހުންނެވެ. ނަމަވެސް އަމީތާބަށް ތަނަކަށް ދާން ގަޑި ކިޔާފައި އޮތްނަމަ އެ ތަނަކަށް އޭނާ ގަޑިޖެހުމުގެ މާކުރިން ދާނެ އެވެ.

ޝޫޓިން އޮތީ ދަންވަރު ނަމަވެސް ހެނދުނު ހެނދުނާ ނަމަވެސް އެ އޮންނަ ގަޑިއެއް ޖެހުމުގެ ކުރިން އަމީތާބު ހުންނާނީ އެ ތަނަކަށް ގޮހެވެ. އެއްގޮތަކަށް ވެސް ގަޑި ނުޖެހޭ އެކްޓަރެއްގެ ގޮތުގައި ގިނަ ބަޔަކު އަމީތާބު އަބަދުވެސް ފާހަގަ ކުރެ އެވެ. އަދި އޭނާ ކުޅޭ ފިލްމުތަކުގެ ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުން އަދި އެކްޓަރުން ވެސް އަމީތާބު ގޮތަށް ގަޑިއަށް ޝޫޓިންގަށް ދެވޭތޯ ގަދައަޅާ މަސައްކަތް ކުރެ އެވެ. ގަޑި ޖެހުމުގެ ކުރިން އެތަނުގައި އަމީތާބު ހުންނާނެކަން ޔަގީންވާތީ އެވެ.

އުމުރުން މިހާ ދުވަސްވީއިރުވެސް ސިއްހަތު ރަނގަޅުކޮށް ވަރަށް ހަރަކާތްތެރި ދިރިއުޅުމެއް އަމީތާބަށް އުޅެވުމުގެ އަސްލަކީ އޭނާގެ ލައިފްސްޓައިލެވެ.