ލައިފްސްޓައިލް

ބައްޕަ އަހަންނަށް ފިލްމެއް ޕްރޮޑިއުސެއް ނުކޮށްދޭ: އަބީޝެކް

ނެޕޮޓިޒަމް އަކީ ހިންދީ ފިލްމު އިންޑަސްޓްރީގައި މިހާރު އެންމެ ހޫނުކޮށް ބަހުސްކުރަމުންދާ އެއް މައުލޫ އެވެ. ނެޕޮޓިޒަމްގެ މައުލޫގައި އެންމެ ހޫނުކޮށް ދެކެވޭ ވާހަކައަކީ ފިލްމު އިންޑަސްޓްރީއާ ގުޅުން ހުރި މީހުންނާއި ބޭރުން އައިސް އިންޑަސްޓްރީ އާ ގުޅޭ މީހުންނާ ދެމެދު އިންޑަސްޓްރީގެ މީހުން ގެންގުޅޭ ތަފާތުކުރުންތަކުގެ ވާހަކަ އެވެ.

މި ބަހުސާ ގުޅިގެން ބޮލީވުޑްގެ ފުންނާބުއުސް ގިނަ ބަޔަކަށް ބޮޑެތި ތުހުމަތުތައް ކޮށް އެމީހުންނަށް މަލާމާތާއި ފުރައްސާރަ ކުރުމުގެ އޮއިވަރެއްގެ ވެސް ދާދި ފަހަކާ ޖެހެންދެން އޮތެވެ. މި މައުލޫއަކީ ގިނަ ފިލްމީ ތަރިން ސޯޝަލް މީޑިއާގައި އެހާ ބޮޑަށް ވާހަކަ ދައްކަން ބޭނުންވާ މައުލޫއެއް ނޫނެވެ.

ހާއްސަކޮށް އިންޑަސްޓްރީއާ ގުޅުންހުރި އެކްޓަރުންނެވެ. މިކަމާ ދެކޮޅަށް ވާހަކަ ދައްކާ މީހުންގެ މަލާމާތް ރައްދުވާތީ އެވެ. ނަމަވެސް އެކްޓަރު އަބީޝެކް ބައްޗަން ވަނީ މިކަމުގައި އޭނާގެ ތަޖުރިބާ ހިއްސާ ކޮށްފަ އެވެ. އަދި އޭނާއަށް ބޮލީވުޑުން ޖާގަ ލިބުނީ ބައްޕަގެ އެހީގައި ކަމަށް ހީކުރާ ގިނަ ބަޔަކަށް ޖަވާބު ދީފަ އެވެ.

އިންޑިޔާގެ އޮންލައިން ނޫހަކަށް ދީފައިވާ އިންޓަވިއު އެއްގައި އަބީޝެކް ބުނީ އޭނާއަށް ފިލްމީ ކެރިއަރުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ބައްޕަ އަމީތާބް ބައްޗަން އެންމެ ފިލްމެއް ވެސް ޕްރޮޑިއުސް ކޮށްދީފައެއް ނެތެވެ. އޭގެ ބަދަލުގައި ބައްޕައަށް އޭނާ ފިލްމެއް ޕްރޮޑިއުސް ކޮށްދީފައި ވާނެ ކަމަށެވެ. އެއީ އާރް. ބާލްކީ ޑައިރެކްޓްކުރި "ޕާ" އެވެ.

"އެއްވެސް މީހަކު ގުޅިޔަސް އޭނަ (ބައްޕަ) ފޯނެއް ނުނަގާނެ. އަދި އަހަންނަކަށް އެންމެ ފިލްމެއް ވެސް ޕްރޮޑިއުސް ކޮށެއް ނުދޭ. އޭގެ ބަދަލުގައި އަހަރެން ބައްޕައަށް ފިލްމެއް ޕްރޮޑިއުސްކޮށްދިނީ،" އަބީޝެކް ބުންޏެވެ.

އަބީޝެކް ކުޅެމުންދާ ފިލްމުތަކުގެ ތެރެއިން އެންމެ އަވަހަށް ރިލީޒްކުރަން ހަމަޖެހިފައިވަނީ ޑައިރެކްޓަރު އަނުރާގް ބާސޫގެ "ލޫޑޯ" އެވެ.