ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ލައިފްސްޓައިލް

ފަންޑު ފޮށި ނުހުޅުވަނީ ފައިސާ ދޭން ކިޔަން ލަދުން: އަމީތާބު

ކޮވިޑް-19 އިގެ ބިޔަ ބޮޑު ރާޅުގައި އިންޑިޔާ ޖެހިފައިވާއިރު ވަރަށް ގިނަ ފަންނާނުން މިހާރު ގެންދަނީ ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް ފަންޑު ފޮށިތައް ހުޅުވައިގެން ފައިސާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. ނަމަވެސް މިއިން އެއްވެސް ފަންޑެއް ހޯދުމަށް ކުރާ އެއްވެސް ކަމެއްގައި ބޮލީވުޑްގެ އެންމެ ބޮޑު ސުޕަސްޓާރު އަމީތާބު ބައްޗަން ބައިވެރި ނުވާތީ ސޯޝަލް މީޑިއާގައި ވަރަށް ގިނަ ބަޔަކު ދަނީ އޭނާއަށް ފާޑު ކިޔަ އެވެ. އަދި އޭނާއަކީ "ދަހި" އެކްޓަރެއްގެ ގޮތުގައި މީހުން ސިފަ ކުރެ އެވެ.

މީހުންގެ ފާޑުކިޔުންތައް މާ ބޮޑަށް އަމާޒުވާން ފެށުމުން އަމީތާބު ވަނީ މިކަމުގައި އޭނާ ދެކޭ ގޮތް ހާމަ ކޮށްފަ އެވެ. އަމީތާބުގެ ބްލޮގުގައި ލިޔެފައިވާ ލިޔުމެއްގައި އޭނާ ބުނި ގޮތުގައި ފަންޑް ހޯދަން މަސައްކަތް ކުރާ މީހުންގެ މަސައްކަތަށް އޭނާ ވަރަށް ބޮޑަށް ތަރުހީބު ދެއެވެ. ނަމަވެސް އޭނާ މިފަދަ ގޮތަށް ފަންޑް ހޯދުމުގެ މަސައްކަތެއް ނުފަށާނެ އެވެ. ސަބަބަކީ މީހުން ކައިރީ ފައިސާއަށް އެދުމަކީ އޭނާ "ލަދުގަންނަ" ކަމަށް ވާތީ އެވެ.

ފަންޑު ހޯދަން މަސައްކަތް ނުކުރިޔަސް އޭނާއަށް ވެވުނު އެހީތެރި ކަމެއް ފޯރު ކޮށްދެމުން ދާ ކަމަށް އަމީތާބު ބުންޏެވެ. އަދި އޭނާގެ ޗެރިޓީ މަސައްކަތްތައް ކުރިޔަށްދާ ގޮތުގެ އަޕްޑޭޓްސް އަބަދު ދެނީ މީހުންގެ ތައުރީފު ބޭނުން ވެގެން ނޫންކަމަށް ވެސް އަމީތާބު ބުންޏެވެ.

އޭނާ އެގޮތަށް ކަންތައް ކުރަނީ އެހީވާނެ ކަމަށް ވައުދުވާ އެންމެން ވެސް އެހީވޭކަން ޔަގީން ކުރަން ކަމަށާއި އެމީހުން މަޝްހޫރު ވާން ހުސް ވައުދެއް ވަނީ ނޫންކަން ބަލަން ބޭނުންވާތީ ކަމަށް އަމީތާބު ބުންޏެވެ.

"އެހީ ދެވެން އޮތް ހުރިހާ ތަނަކަށް ވެސް އަހަންނަށް ވީވަރަކުން އެހީ ފޯރު ކޮށްދެން،" އަމީތާބު ބުންޏެވެ.

އަމީތާބު ބުނީ އާންމުން ހޭލުންތެރި ކުރުވުމަށް ތައްޔާރުކުރާ އިޝްތިހާރުތަކުގައި ވެސް ބައިވެރި ވެދެނީ ވެސް މީހުންނަށް އެހީތެރިކަން ފޯރު ކޮށްދިނުމުގެ ގޮތުން ކަމަށެވެ. އަދި އެ ފަދަ އިޝްތިހާރުން ފައިސާ ހޯދަން އޭނާ މަސައްކަތް ނުކުރާ ކަމަށެވެ.

"ފަންޑް ހޯދަން ކުރާ އެކި މަސައްކަތްތަކަކީ ހަމަ ކުރަން ރަނގަޅު ކަންކަން. ނަމަވެސް އަހަރެން އެ ކަހަލަ ކަންކަމެއް ނުކުރާނަން. އަހަރެން ފަންޑް ހޯދަން މީހުން ކައިރީގައި ނޭދޭނަން. އަހަރެންގެ އަތުގައި އޮތް އެއްޗެއް އަހަރެން ދޭނީ،" އަމީތާބުގެ ބްލޮގްގައި އޭނާ ލިޔެފައި ވެއެވެ.

އަމީތާބު ދޭ އެހީތަކުގެ ވާހަކަ ނުދައްކާނެ ކަމަށް އޭނާ ބުނެފައި ވެއެވެ. ނަމަވެސް އޭނާ ވެދިން އެހީތަކުގެ އަގު ގާތްގަނޑަކަށް 25 ކްރޯޑު ރުޕީސް އަށް އަރާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ބުނެފައި ވެއެވެ. އަދި އޭނާ އެހީތެރިން ޗެރިޓީތަކުގެ ނަންތަކާއި އެ ތަންތަނަށް ވެ ދިން އެހީތަކުގެ އަދަދުގެ ލިސްޓެއް ފަހުން އަމީތާބު ހާމަ ކުރުމުން ގިނަ ބަޔެއްގެ ފާޑުކިއުމާ އަމިތާބަށް އިތުރަށް ކުރިމަތިލާން ޖެހުނެވެ.

ކޮވިޑް-19 އިގެ ދެ ވަނަ ރާޅުގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވާން ބަތަލާ އަނުޝްކާ ޝަރުމާ އާއި އޭނާގެ ފިރިމީހާ އަދި މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ ވިރާޓް ކޯލީ ވަނީ ފަންޑް ރެއިޒިން ޕްރޮގްރާމެއް ކުރިޔަށް ގެންގޮސްފަ އެވެ. އަދި މިހާތަނަށް މި ފަންޑަށް 11 ކްރޯޑު ރުޕީސް ލިބިފައި ވެއެވެ. އަދި ވިރާޓު އާއި އަނުޝްކާ ވަކިން މި ފަންޑަށް ދެ ކްރޯޑު ރުޕީސް ހަދިޔާ ކޮށްފައި ވެއެވެ.

ޕްރިޔަންކާ ޗޯޕްޅާ ވެސް ފަންޑް ހޯދުމުގެ ޕްރޮގްރާމެއް ކުރިޔަށް ގެންގޮސް ގިނަ އަދަދެއްގެ ފައިސާ ހޯދާފައި ވެއެވެ. އަދި މި ނޫނަސް ވަރަށް ގިނަ ފަންނާނުން އެމީހަކަށް ވެވުނު ގޮތަކުން ފައިސާ ހޯދައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީ ފޯރު ކޮށްދޭން ދަނީ މަސައްކަތް ކުރަމުންނެވެ.