އަމީތާބު

އަމީތާބާ ދަރިފުޅު އަބީޝެކް ކޮވިޑަށް ޕޮޒިޓިވްވެއްޖެ

Jul 11, 2020

ސުޕަ ސްޓާ، އަމީތާބް ބައްޗަން އަދި އޭނާގެ ދަރިފުޅު އަބީޝެކް ބަޗަން ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

އަމީތާބު ވަނީ ޓްވިޓާ މެދުވެރިކޮށް އޭނާގެ ފޭނުންނާ އެކަން ހިއްސާކޮށްފައެވެ. އެ ޓްވީޓްގައި އޭނާ ބުނެފައިވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއެކު ހޮސްޕިޓަލަށް ބަދަލުކޮށް ފަރުވާ ހޯދަމުންދާ ކަމަށެވެ.

އަމީތާބު ވަނީ މިދިޔަ 10 ދުވަސްތެރޭ އޭނާއާ ބައްދަލްވި އެންމެން ކޮވިޑަށް ޓެސްޓް ކުރުމަށްވެސް އެދިފައެވެ.

ހިންދީ ސިނަމާދުށް އެންމެ ކާމިޔާބު އެކްޓަރުގެ އުމުރުން ވަނީ 77 އަހަރުވެފައެވެ. ކޮވިޑްގެ އެންމެ ރިސްކް ބޮޑު މީހުންގެ ތެރޭގައި އުމުރުން ދުވަސްވީ މީހުން ހިމެނެއެވެ.

އަމީތާބު، ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން އޭނާގެ އާއިލާގެ މެންބަރުންނާއި ސްޓާފުންވެސް ވަނީ ކޮވިޑަށް ޓެސްޓް ކޮށްފައެވެ. އަމީތާބުގެ ދަރިފުޅު އަދި ބޮލީވުޑް ތަރި އަބީޝެކްވެސް ވަނީ ޕޮޒިޓިވްވެފައެވެ.

ނަމަވެސް އަބީޝެކްގެ އަންހެނުން އައިޝްވާރިޔާގެ ނަތީޖާ ނެގެޓިވްވެއެވެ. އަދިވެސް ނަތީޖާ ނުލިބޭ ބައެއް ސާމްޕަލްތައްވެއެވެ.