ލައިފްސްޓައިލް

"ޗެހެރޭ"ގެ ބައެއް މަންޒަރުތައް އަމީތާބު ޑައިރެކްޓް ކޮށްދިން

އަމީތާބު ބައްޗަން މިހާރު ކުޅެމުންދާ "ޗެހެރޭ"ގެ ބައެއް މަންޒަރުތައް ސީދާ އަމީތާބު ޑައިރެކްޓްކޮށްފައިވާ ކަމަށް އެ ފިލްމުގެ ޕްރޮޑިއުސަރު އާނަންދް ޕަންޑިތު ބުނެފި އެވެ. ޕްރޮޑިއުސަރު ބުނި ގޮތުގައި ފިލްމަށް އަމީތާބުގެ ތަނަވަސް ޚިޔާލު ވަރަށް ފުރިހަމައަށް ލިބިފައި ވެއެވެ. އަދި ފިލްމުގެ ބައެއް އެކްޝަން މަންޒަރުތައް އަމީތާބު ޑައިރެކްޓްކޮށްދިނެވެ.

"ޗެހެރޭ"ގެ ޝޫޓިންގްގެ ހަނދާންތައް އުމުރަށް ހުންނާނެކަމަށް ބުނަމުން ޕްރޮޑިއުސަރު ބުނީ ފިލްމުގެ ޝޫޓިން ނިމުނު ދުވަހަކީ ވަރަށް ޖަޒުބާތުން ފުރުނު ދުވަހެއް ކަމަށެވެ.

"ފިލްމުގެ ޝޫޓިން ކުރަމުންދިޔަ ހިސާބުގައި ގިނަ ވަގުތު ފިނިމިން ސުން ޑިގްރީ އަށް ވެއްޓި ޝޫޓިން ކުރިޔަށް ނުގެންދެވޭނެ ކަމަށް ހީވާ ވަގުތު ތަކުގައި ވެސް އެންމެ ފުރަތަމަ ޝޫޓިންގަށް އައިސް ހުންނަނީ އަމީތާބު. މަސައްކަތަށް އަމީތާބު ބަހައްޓާ ފަރުވާތެރިކަމަކީ މިސާލެއް،" ފިލްމުގެ އެންމެ ފަހު ޝެޑިއުލް އަށް ސްލޮވާކިޔާ އަށް ގޮސް ހުރި ޕްރޮޑިއުސަރު ބުންޏެވެ.

ރަމީ ޖެފްރީ ޑައިރެކްޓްކޮށްފައިވާ "ޗެހެރޭ" ގައި އަމީތާބާއެކު އިމްރާން ހާޝިމީ ބައިވެރިވެ އެވެ. ފިލްމު ރިލީޒްކުރަން ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ފެބްރުއަރީ 21 ވަނަ ދުވަހު އެވެ.