ސުޝާންތު ސިންގް ރާޖްޕޫތު މަރުވިއިރު ރައްޓެހި ވެގެން އުޅުނު ރިއާ ޗަކްރަބަތީ ފިލައިގެން އުޅޭ ކަމަށް އިންޑިޔާގެ ނޫސްތަކުން ބުނެފި އެވެ.
ސުޝާންތުގެ ބައްޕަ ވަނީ ރިއާ އާ ދެކޮޅަށް ފުލުހުންނަށް މައްސަލަތަކެއް ހުށަހަޅާފަ އެވެ. ސުޝާންތުގެ ބައްޕަ ހުށަހެޅި މައްސަލަތަކުގައި އޭނާ ވަނީ ސުޝާންތުގެ މަރުގެ ޒިންމާ ރިއާގެ ބޮލުގައި އަޅުވާފަ އެވެ. އަދި ސުޝާންތުގެ އެތައް ކްރޯޑު ރުޕީސް އެއް ރިއާ އެކި އެކައުންޓްތަކަށް ބަދަލު ކޮށްފައިވާ ކަމުގެ ތުހުމަތު ވެސް ސުޝާންތުގެ ބައްޕަ ރިއާއަށް ކުރެ އެވެ.
މިހާ ބޮޑެތި ތުހުމަތުތަކެއް ރިއާގެ މައްޗަށް ކޮށް މުމްބާއި ފުލުހުން އޭނާ ހޯދަން ފެށުމުން ފިލުމަކީ އޭނާއަށް ހެދޭނެ އެންމެ ބޮޑު ގޯސް ކަމަށް އިންޑިއާގެ މީޑިއާ އިން ބުނެ އެވެ. ސަބަބަކީ ފިލުމަކީ އޭނާ އަމިއްލައަށް ކުށްވެރިއެއް ކަމަށް ގަބޫލުކުރާތީ ރިއާ ކުރި ކަމެއް ކަމަށް ބެލެވޭނެ ފުރުސަތު އޮތީމަ އެވެ.
ރިއާ އާއި ސުޝާންތުގެ އެކުވެރިޔަކު ބުނި ގޮތުގައި އޭނާ ވެސް ރިއާއަށް ގުޅަން އުޅެ އުޅެ އެއްގޮތަކަށް ވެސް ގުޅޭ ގޮތެއް ނުވި އެވެ. އަދި ރިއާ އަމިއްލައަށް ފުލުހަށް ހާޒިރުވެ އޭނާގެ ކުށެއް ނެތް ކަން ސާބިތު ކޮށްދިނުން ބުއްދި ވެރިކަމަށް އޭނާގެ އެކުވެރިޔާ ވެސް ބުންޏެވެ.
އަދި ރިއާ އާ ގާތް ގުޅުމެއް އޮންނަ ކަމަށް އިންޑިއާގެ ނޫސްތަކުން ބުނާ ޑައިރެކްޓަރު މަހޭޝް ބަޓް ވެސް އަލުން ޕަޓްނާ ޕޮލިސް ސްޓޭޝަނަށް ހާޒިރު ކުރާނެ ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ. ސުޝާންތުގެ ބައްޕަ މައްސަލަ ހުށަހަޅާފައި ވަނީ ޕަޓްނާ ޕޮލިހުންނަށެވެ.
ރިއާގެ ގާނޫނީ ވަކީލުން މިހާރު ވަނީ މައްސަލަ ޕަޓްނާ އިން މުމްބައި ޕޮލިސް އަށް ބަދަލު ކޮށްދިނުމަށް އެދި ސުޕްރީމް ކޯޓުގައި އެދިފަ އެވެ.
ސުޝާންތުގެ މަރުގެ މައްސަލައިގައި ރިއާ އަށް ފިލްމު އިންޑަސްޓްރީގެ ސަޕޯޓް ލިބޭލެއް ވަރަށް ކުޑަ އެވެ. އެންމެން ކަހަލަ ގޮތަކަށް މިހާރު ސުޝާންތުގެ މަރުގެ ޒިންމާ ރިއާގެ ބޮލުގައި އަޅުވާ ކަހަލަ އެވެ. އަދި މި މައްސަލައިގައި ރިއާގެ ކުށެއް ނެތް ކަމަށް ސާބިތުވެ އޭނާ ސަލާމަތް ވިޔަސް އަލުން ފިލްމީ ކެރިއަރެއް ބިނާ ކުރުމަކީ ދެން ރިއާއަށް ކުރެވިދާނެ ކަމެއް ކަމަކަށް ނުބެލެވެ އެވެ.
ބޭރު ގައުމެއްގައި ދިރިއުޅޭ ސުޝާންތުގެ ދައްތައަށް އޭނާ އެންމެ ފަހުން ގުޅައި ވާހަކަ ދެއްކި ދުވަހު ވެސް ރިއާ އޭނާއަށް ބިރުދައްކާ ފައިސާ އަތުލަމުންދާ ކަމަށް ބުނި ކަމަށް ސުޝާންތުގެ ދައްތަ ބުނެފައި ވެއެވެ. އަދި ސުޝާންތުގެ ކުރީގެ މެނޭޖަރު އަމިއްލައަށް މަރުވި މައްސަލައިގައި ވެސް ސުޝާންތު ޒިންމާ ނަގަން ޖެހޭނެކަމަށް ބުނެ ރިއާ އޭނާއަށް ބިރު ދައްކައި އަދި ސުޝާންތު ޑޮކްޓަރަށް ދައްކާފައި ހުރި ލިޔުންތައް މީޑިއާއަށް ލީކު ކޮށްލައި ސުޝާންތަކީ މޮޔައެއް ކަމަށް ބުނެ ފަލީހަތް ކޮށްލާނެ ކަމުގެ އިންޒާރު ވެސް ރިއާ ދީފައި ކަމަށް ސުޝާންތުގެ ދައްތަ ބުނި ކަމަށް މިހާރު އިންޑިއާގެ ބައެއް ނޫސްތަކުން ވަނީ ބުނެފަ އެވެ.
ސުޝާންތުގެ ފައިސާތައް އަމިއްލަ އެކައުންޓްތަކަށް ބަދަލުކޮށް ރިއާ ފިލައިގެން ޔޫއޭއީއަށް ހިނގައްޖެ ކަމުގެ ޚަބަރުތަކެއް ވެސް މިހާރު ދަނީ ފެތުރެމުންނެވެ.
މުމްބައި ފުލުހުން ބުނި ގޮތުގައި ސުޝާންތުގެ މަރާ ގުޅިގެން އޭނާގެ ބައްޕަ އާއި ދައްތަ ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ދީފައިވާ ބަޔާނުގައި ރިއާގެ މައްޗަށް އެއް ވެސް ތުހުމަތެއް ކޮށްފައެއް ނެތެވެ. ނަމަވެސް އޭގެ މާ ފަހުން މިފަދަ ވާހަކަތަކެއް ދައްކަން ފެށީ ކީއްވެތޯ މުމްބައި ފުލުހުން ސުވާލު އުފައްދަ އެވެ.
ނަމަވެސް ރިއާ އާ މެދު ސުޝާންތުގެ އާއިލާއިން އެންމެ ކުރިން ވެސް ހިތްހަމަނުޖެހޭކަން ވަރަށް ބޮޑަށް ވަނީ ޔަގީން ކުރެވިފަ އެވެ. ސުޝާންތުގެ ޖަނާޒާގައި ރިއާ ބައިވެރި ނުކުރަން ސުޝާންތުގެ އާއިލާއިން ވަނީ ނިންމާފަ އެވެ.
އަދި ރިއާ އެތަނަށް ދިޔަ ނަމަވެސް އޭނާއަށް ޖަނާޒާގައި ބައިވެރިވުމުގެ ފުރުސަތު ސުޝާންތުގެ އާއިލާއަކުން ނުދެ އެވެ. ވީމާ ކުރިންސުރެ ވެސް ރިއާ އަށް އެމީހުންގެ ހިތުގައި ކޮންމެވެސް ކަހަލަ ޝައްކު ތަކަކާއި ހިތްހަމަނުޖެހުންތަކެއް އޮތްކަން ޔަގީން ކުރެވެ އެވެ.