ބޮލީވުޑް

ސުޝާންތު ދިޔަ މަގުން އަމިތު ހިނގައިދާނެތީ ސްމިރުތީ ބިރުން

މީގެ ދެ އަހަރު ކުރިން މަރުވި އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތުގެ ހަޔާތުގެ އެންމެ ފަހު ދުވަސްތަކުގައި އޭނާ އުޅުނު ހާސްކަމާއި ހިތްދަތިކަން އެންމެ ކައިރިން ފެނިފައިވަނީ ކުރީގެ ޓީވީ ބަތަލާ އަދި އިންޑިޔާގެ ސިޔާސީ މައިދާނުގެ އެންމެ ކުރީގައި އުޅުއްވީ އަންހެން ޕޮލިޓީޝަން ސްމިރްތީ އިރާނީ އަށެވެ. އަދި ސުޝާންތު ކޮށްފާނެ ކަމަކާ މެދު އޭރުވެސް ސްމިރްތީ ވަރަށް ބިރުގަތެވެ.

އިންޑިޔާގެ ވިމެން އެންޑް ޗައިލްޑް ޑިވެލޮޕްމަންޓް މިނިސްޓަރުކަމުގެ މަގާމުގައި މިހާރު ހުންނެވި ސްމިރްތީ ވިދާޅުވި ގޮތުގައި ސުޝާންތުގެ ހާލު ފެނިފައި އޭނާ އަމިއްލަ ފުރާނަ ނަގާލަން ކޮންމެވެސް ކަމެއް ކޮށްފާނެ ކަމަށް އެކަމަނާ އަށް ޝައްކުވި އެވެ. އަދި އެކަމާ ގުޅޭ ގޮތުން ސުޝާންތަށް ވަރަށް ވަރުގަދަ އިންޒާރުތައް ދީ އެފަދަ ކަމެއް ނުކުރުމަށް އެދިވަޑައިގަތެވެ.

ސުޝާންތު މަރުވި ޚަބަރު ސްމިރްތީ އަށް ލިބުނީ ވީޑިއޯ ކޮންފްރެންސިން އެއްގައި އިންނަވަނިކޮށެވެ. މި ޚަބަރު ލިބުމުން ވީ ދެރައިން ވަގުތުން އެ ކޮންފަރެންސް ސްމިރްތީ ހުއްޓާލެއްވި އެވެ.

އެންމެ ފަހު ވަގުތު އަމިއްލައަށް ފުރާނަ ދުއްވާލުމުގެ ކުރިން އެންމެ ފަހަރަކު ނަމަވެސް ސުޝާންތު އެކަމަނާއާ ގުޅާލިނަމަ ހާދަ ރަނގަޅޭ މިއަދު ވެސް ސްމިރްތީ ހިތްޕުޅަށް އަރާ ވަޑައިގަނެ އެވެ.

"އަހަރެން ހިތަށް އެރި ސުޝާންތު ކީއްވެހޭ އަހަންނަށް ނުގުޅީ އެންމެ ފަހު ވަގުތު. އަހަރެން އެތައް ފަހަރަކު ބުނިން އޭނާ ކައިރީ އަމިއްލައަށް މަރު ނުވައްޗޭ،" ޓީވީ ޝޯއެއްގައި ވާހަކަ ދައްކަމުން ސްމިރްތީ ވިދާޅުވި އެވެ.

ސުޝާންތުގެ ހާލަތާ މެދު ސްމިރްތީ ކަންބޮޑުވެ ވަޑައިގަތް ގޮތަށް ޓީވީ އެކްޓަރު އަމިތު ސަދު އާ މެދު ވެސް މިހާރު ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށް ސްމިރުތީ ވިދާޅުވި އެވެ.

"އަމިތު ވެސް އެކަހަލަ މޮޔަ ކަމެއް ކޮށްފާނެތީ އަހަރެން ވަރަށް ކަންބޮޑުވޭ އެބަ،" ސްމިރްތީ ވިދާޅުވި އެވެ.

އަމިތު އަކީ ސުޝާންތު އާއެކު "ކައި ޕޯ ޗޭ"ގައި މަސައްކަތްކޮށްފައިވާ އެކްޓަރެކެވެ. އަދި ދެ މީހުންނަކީ ވަރަށް ގާތް ދެ އެކުވެރިންނެވެ. އަމިތުގެ އެކުވެރިން ބުނާ ގޮތުގައި އަމިތު އަށް ވެސް މިހާރު އުޅެނީ ސުޝާންތު އަށް ދިމާވި ކަހަލަ ކަންތައްގަނޑެއް ދިމާވެގެންނެވެ.

"އަމިތުއާ މެދު އަހަރެންނާ ގަންނާ ކުރައްވާ ބިރުން އޭނައަށް ގުޅާފަ އެހިން ކީއްކުރަންހޭ ތިއުޅެނީ. އެއްވެސް ގަޑުބަޑެއް ނަހަދައްޗޭ. އޭނަ ވެސް ބުނަނީ ދިރިއުޅުމުގެ އުންމީދު ކެނޑިފައިވާ ވާހަކަ. އަނެއްކާ މީނަ ކީއްކުރަން މިއުޅެނީ؟" ސްމިރްތީ ބުންޏެވެ.

ފަހުން އަމިތު ވަނީ ސްމިރްތީ އޭނާ އަށް ގުޅުއްވައި ހަ ގަޑިއިރު ވަންދެން ވާހަކަ ދެއްކެވި ކަމަށް ބުނެފަ އެވެ.
"ސްމިރްތީ އަކީ އަހަރެންގެ ދައްތައެއް ފަދަ ބޭފުޅެއް. އަހަރެންނަށް މައްސަލަތަކެއް ދިމާވެގެން އުޅޭކަން މީހެއްގެ ފަރާތުން އެނގިގެން ސްމިރްތީ ގުޅާފައި ހައެއްކަ ގަޑިއިރު ވަންދެން ވާހަކަ ދެއްކި. އަހަރެން ބުނިން އެކްޓިން އިންޑަސްޓްރީ ދޫކޮށްލާށޭ ގަސްތުކުރަނީ. މި އިންޑަސްޓްރީ ދެކެ އަހަރެން މުޅިން ފޫހިވެއްޖޭ. ކޮވިޑްގެ ފަހުން ވަރަށް މާޔޫސްވާ ކަހަލަ ކަންތައްތަކެއް ދިމާވީ. ތިން މަސް ވަންދެން އަހަރެން ދިރިއުޅުނީ ފަރުބަދަ މަތީގައި،" އަމިތު ބުންޏެވެ.

އަމިތު އަކީ ވެސް ސުޝާންތު ގޮތަށް ޓީވީ ސިލްސިލާތަކުގެ ލީޑް ރޯލު ކުޅެމުން ގޮސް ބޮލީވުޑަށް ވަދެފައިވާ ޓީވީ އެކްޓަރެކެވެ.

ސްމިރްތީގެ ނަސޭހަތް ގަބޫލުކޮށް ސުޝާންތު ހިނގި މަގުން އަމިތު ނުހިނގާނެ ކަމަށް ސްމިރްތީ އުންމީދު ކުރެ އެވެ.

ސުޝާންތު އާއި ސްމިރްތީ އެކުގައި އެއްވެސް ސިލްސިލާއެއްގައި މަސައްކަތެއް ނުކުރެ އެވެ. ނަމަވެސް ޖެހިޖެހިގެން ހުރި ދެ ސެޓެއްގައި ވަރަށް ގިނަ ދުވަހު ދެ މީހުން މަސައްކަތް ކުރި އެވެ. އެތަނުން ދިމާވެ އެކުވެރިކަން އުފެދުނެވެ. ކުރިން ސްމިރްތީ އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިން މިނިސްޓަރަކަށް ހުންނެވިއިރު އެކަމަނާ މެދުވެރިވެގެން ޝޭކަރް ކަޕޫރުގެ މާސްޓަކްލާހެއްގައި ސުޝާންތު ބައިވެރި ކުރުވި އެވެ.