ބޮލީވުޑް ބަތަލާ ޕަރިނީތީ ޗޯޕްޅާ އާއި އިންޑިއާގެ ސިޔާސީ ޕާޓީއެއް ކަމަށްވާ އާމު އާދްމީ ޕާޓީ (އޭއޭޕީ)ގެ މެމްބަ އޮފް ޕާލިމެންޓް (އެމްޕީ) ރާގަވް ޗަދާގެ މެދުގައި ހާއްސަ ގުޅުމެއް އޮންނަކަމުގެ ވާހަކަތައް މިދުވަސްވަރު ވަރަށް ގަދަޔަށް ދަނީ ދެކެވެމުންނެވެ.
ޕަރިނީތީ އާއި ރާގަވް އެކުގައި މެންދުރާއި ރޭގަނޑުގެ ކެއުންތަކަށް އެކި ރެސްޓޯރަންޓްތަކަށް ގޮސް އުޅެނިކޮށް ނަގާފައިވާ ފޮޓޯ ތަކާއި ވީޑިއޯ ތަކުން މުޅި ސޯޝަލް މީޑިއާ ފުރާލާފައިވާއިރު އެ ގައުމުގެ ގާނޫނީ ހަދާ މަތީގެ ރާޖްޔަ ސަބާގައި ވެސް މިހާރު އެއް އަޑަކުން މެމްބަރުންތައް ގޮވަނީ "ޕަރިނީތީ"ގެ ވާހަކަ އެވެ.
މިދުވަސްވަރު ޕަރިނީތީއޭ ކިޔައިގެން ރާގަވް އާ ދިމާކުރުމަކީ މަޖިލިސް މެމްބަރުންގެވެސް އެންމެ ބޮޑު އެޖެންޑާއަށް ވަނީ ވެފަ އެވެ.
އެގޮތުން ރާޖްޔާ ސަބާގެ ޗެއާމަން އަދި އިންޑިއާގެ ވައިސް ޕްރެޒިޑެންޓް ޖަގްދީޕް ދަންކަރް ވެސް ވަނީ ޕާލަމެންޓްގައި އެމްޕީ ރާގަވް އާއި ޕަރިނީތީ ގުޅުވައި ވާހަކަތަކެއް ދައްކައި ރާގަވްއާ ދިމާކޮށްފަ އެވެ. އަދި އޭނާ ހަވާލުކުރެއްވި މަސައްކަތަކަށް ރާގަވް އަށް ވަގުތު ނުދެވުނީ މާބިޒީކޮށް އެހެން ކަމަކާ އުޅެން ހަދައިގެން ކަމަށް ދޭހަވާ މޭރުމުން ޗެއާމަން ވާހަކަފުޅު ދައްކަވާފައި ވެއެވެ.
ރާގަވް ޕާލަމެންޓުން ނުކުންނަވަނިކޮށް ރިޕޯޓަރުންވެސް ޕަރިނީތީއާ ގުޅޭ ސުވާލުތައް ކޮށްފައިވެ އެވެ.
މި ސުވާލުތަކުގެ ޖަވާބުގައި ވަރަށް ހެވިފައި ހުރެ ރާގަވް ބުނީ ސިޔާސީ ވާހަކަތައް އޭނާ ކައިރީ އެހުމަށާއި ޕަރިނީތީއާ ގުޅޭ ވާހަކަތައް ނޭހުމަށެވެ.
އެވަރުން ވެސް ރިޕޯޓަރުންގެ ސުވާލުތައް ހުއްޓައެއް ނުލި އެވެ. ކައިވެނިކުރަނީ ކޮން އިރަކުންތޯ އަހައި ރިޕޯޓަރަކު ރާގަވްއާ ސުވާލުކުރި އެވެ. ޖަވާބުގައި ރާގަވް ބުނީ ކައިވެނިކުރަންވީމަ އެކަން އެންމެން ކައިރީގައި ވެސް ބުނާނެ ކަމަށެވެ.
ހިންދުސްތާން ޓައިމްސް އަށް ދިން އިންޓަވިއު އެއްގައި ރާގަވް އާއި ޕަރިނީތީގެ ގާތް އެކުވެރިއަކު ބުނި ގޮތުގައި ދެ މީހުންގެ ގުޅުން ވަރަށް ސީރިއަސް އެވެ.