ބޮލީވުޑް

ޕަރިނީތީ ޗޯޕްރާ ރަސްމީކޮށް އެންގޭޖްވެ ފޮޓޯތައް ހިއްސާކޮށްފި

އިންޑިޔާގެ ސިޔާސީ ޕާޓީއެއް ކަމަށްވާ އޭއޭޕީގެ އެމްޕީ ރާގަވް ޗައްޑާ އާއި ބަތަލާ ޕަރިނީތީ ޗޯޕްރާގެ ގުޅުމާ ބެހޭ ގޮތުން ފެތުރެމުންދިޔަ ޚަބަރުތަކަކީ ތެދެއްކަން ޔަގީންވެއްޖެ އެވެ.

ޕަރިނީތީ އާއި ރާގަވްގެ އެންގޭޖްމަންޓް ޕާޓީ ރޭގައި ބާއްވައި ދެ މީހުން އެކަކު އަނެކަކުގެ އިނގިލީގައި ވަނީ އަނގޮޓި އަޅުވާފަ އެވެ. ދިއްލީގައި އޮތް މި ޕާޓީގައި ބައިވެރިވެފައިވަނީ ދެ ފަރާތުގެ އާއިލާގެ މީހުންނާއި ވަރަށް ގާތް އެކުވެރިން އެކަންޏެވެ.

އަދި އެންގޭޖްމަންޓަށް ފަހު ޕަރިނީތީގެ ރަސްމީ އިންސްޓަގްރާމް އެކައުންޓުން އޭނާ ވަނީ އެންގޭޖްމަންޓް ފޮޓޯތައް ޕޯސްޓްކޮށް ފޭނުން ހެއްވާލާފަ އެވެ.

މި އެންގޭޖްމަންޓްގައި ބައިވެރިވުމަށް ޕަރިނީތީގެ ދެބެންގެ ދެދަރި ދައްތަ ޕްރިޔަންކާ ޗޯޕްޅާ އިންޑިޔާ އަށް ދިޔައީ އިއްޔެ އެވެ. ޕްރިޔަންކާގެ އިތުރުން ފެޝަން ޑިޒައިނާ މަނީޝް މަލްހޯތުރާ ވެސް މި އިވެންޓުގައި ބައިވެރިވި އެވެ. އަދި އިންޑިޔާގެ ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ ވަރަށް މަތީ ފެންވަރުގެ ބޭފުޅުން މި އިވެންޓުގައި ބައިވެރިވެފައި ވެއެވެ.

އެންގޭޖްމަންޓަށް ފަހު ވަރަށް އަވަހަށް ކައިވެނީގެ ރަސްމިއްޔާތުވެސް ބާއްވަން ހަމަޖެހިފައިވާ ކަމަށް ޚަބަރުތައް ބުނެ އެވެ.