އިންޑިއާގެ ސިޔާސީ ޕާޓީއެއް ކަމަށްވާ އާމް އާދްމީ ޕާޓީ (އޭއޭޕީ)ގެ ލީޑަރު ރާގަވް ޗައްދާ އާއި ފިލްމީ ބަތަލާ ޕަރިނީތީ ޗޯޕްރާގެ ކައިވެނި ވަރަށް އަވަހަށް ކުރަން ހަމަޖެހިފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފި އެވެ.
ލޯކް ސަބާގެ މެމްބަރުކަން ވެސް ކުރާ ރާގަވްއާ އެކު ގާނޫނު ހަދާ މަތީ ގޭގައި މަސައްކަތްކުރާ ބައެއް ޕާލަމެންޓް މެމްބަރުން ސޯޝަލް މީޑިއާގައި ގެންދަނީ ރާގަވް އާއި ޕަރިނީތީ ކައިވެނިކުރަން ތައްޔާރުވަމުންދާތީ އެކަމަށް މަރުހަބާ ކިޔަމުންނެވެ. އަދި ޕަރިނީތީގެ އެކުވެރިޔާ އަދި ލަވަކިޔުންތެރިޔާ ހާޑީ ސަންދޫ ވެސް ޕަރިނިތީ އަށް މަރުހަބާ ކިޔައި ސޯޝަލް މީޑީއާގައި މެސެޖެއް ހިއްސާ ކޮށްފައިވެ އެވެ.
ހާޑީ ސަންދޫ ބުނި ގޮތުގައި ޚުދް އޭނާ ޕަރިނީތީ އަށް ފޯނުން ގުޅާފައި ވެސް މަރުހަބާ ކީ ކަމަށެވެ.
"އެންމެ ފަހުން ޕަރިނީތީ ވެސް ކައިވެނި ކުރާތީ ވަރަށް އުފާވެއްޖެ. ޕަރިނީތީއަށް ބާއްޖަވެރި ކައިވެންޏަކަށް އެދެން،" ހާޑީ ސަންދޫ ފަހުން ދީފައިވާ އިންޓަވިއު އެއްގައި ބުނެފައި ވެއެވެ.
ޕަރިނީތީއާ އެކު ހާޑީ ވަނީ 2022: ސްޕައި-ތުރިލާ ކޯޑް ނޭމް: ތިރަންގާ"ގައި މަސައްކަތް ކޮށްފަ އެވެ. އަދި މި ފިލްމުގެ ޝޫޓިންގްގައި ޕަރިނީތީ އާއި އޭނާ ވަރަށް ގިނައިން ކައިވެނީގެ ވާހަކަތައް ދައްކާފައިވާ ކަމަށްވެސް ހާޑީ ބުންޏެވެ.
"ޕަރިނީތީ އޭރު ބުނި އަހަރެން ކައިވެނިކުރާނީ އަހަރެންނަށް ރަނގަޅު ކަހަލަ މީހަކު ލިބުނީމައޭ،" ހާޑީ ބުންޏެވެ.
ކައިވެނީގެ ވާހަކަތަކުގެ އަޑުގަދަވެފައި ވަނިކޮށް ރާގަވް އާއި ޕަރިނީތީ ދިއްލީ އެއާޕޯޓުގައި ތިއްބާ ޕަޕަރާޒީން ފޮޓޯ ނަގާފައި ވެއެވެ. ފޮޓޯ ނަގާ ކަން އެނގިގެން ޕަރިނީތީ ވަނީ ވަރަށް އަވަހަށް ކާރަށް އަރާފަ އެވެ.
އިންޑިއާގެ ބައެއް ނޫސްވެރިން ޕަރިނީތީ، ކައިވެނިކުރަންތޯ އުޅެނީ ރާގަވްއާ ސުވާލު ކޮށްފައިވެ އެވެ. ޖަވާބުގައި އޭނާ ބުނީ ރާޖްނީތީ (ސިޔާސީ ކަންކަމާ ގުޅޭ) ސުވާލުތައް ކުރުމަށާއި ޕަރިނީތީގެ ވާހަކަ ނޭހުމަށެވެ.