ބޮލީވުޑް

"ޗިޗޯރޭ"އަށް ލިބުނު ނެޝަނަލް އެވޯޑު ސުޝާންތުގެ ހަނދާނަށް

އިންޑިޔާގައި އުފައްދާ ފިލްމުތަކަށް ސަރުކާރުން ދޭ އެންމެ ޝަރަފުވެރި އެވޯޑު ކަމަށްވާ ނެޝަނަލް އެވޯޑުގެ 67 ވަނަ ރަސްމިއްޔާތު އިއްޔެ ދިއްލީގައި ވަނީ ބާއްވާފަ އެވެ.

މި އެވޯޑު ލިބޭ ފަރާތްތައް މިއަހަރުގެ މާޗް މަހު ވަނީ އިއުލާން ކޮށްފަ އެވެ. އެވޯޑު ލިބުނު ފަރާތްތަކާ އެވޯޑުތައް ހަވާލުކޮށްދެއްވީ ބޮޑުވަޒީރުގެ ނައިބު މ. ވެންކައިއާ ނައިޑޫ އެވެ.

އެންމެ މޮޅު ހިންދީ ފިލްމުގެ ނެޝަނަލް އެވޯޑު މިފަހަރު ލިބިފައިވަނީ ނިތޭޝް ތިވާރީ ޑައިރެކްޓް ކޮށްފައިވާ "ޗިޗޯރޭ" އަށެވެ. މިއީ ސާޖިދު ނަދިއަދްވާލާ ޕްރޮޑިއުސްކޮށްފައިވާ އަދި ސުޝާންތު ސިންގް ރާޖްޕޫތާއި ޝްރައްދާ ކަޕޫރު ލީޑް ރޯލުކުޅެފައިވާ ފިލްމެކެވެ.

ނެޝަނަލް އެވޯޑު ރެޑް ކާޕެޓްގައި ވާހަކަ ދައްކަމުން "ޗިޗޯރޭ"ގެ ޑައިރެކްޓަރު ނިތޭޝް ބުނި ގޮތުގައި ފިލްމަށް ލިބުނު މި ފަޚުރުވެރި އެވޯޑު ޚާއްސަކުރަނީ ސުޝާންތުގެ ހަނދާނަށެވެ.

"ސުޝާންތަކީ ފިލްމުގައި އެންމެ މުހިއްމު ބައި ކުޅުނު އެކްޓަރު. އަދި އޭނާ ދުނިޔޭގައި ނެތަސް އެކަމެއް ބަދަލެއް ނުކުރެވޭނެ. ފިލްމުގެ ހުރިހާ ބައިވެރިން ވެސް މި އެވޯޑާ މެދު ވަރަށް ފަޚުރުވެރިވޭ،" ނިތޭޝް ބުންޏެވެ.

މި ރަސްމިއްޔާތުގައި އިންޑިއާގެ ރައްޔިތުންނަށްދޭ އެންމެ ފަޚުރުވެރި އެއް އެވޯޑު ދާދާ ސާބް ޕާލްކޭ އެވޯޑު ތަމަޅަ ސުޕަސްޓާ ރަޖްނީކާންތަށް ދީފައިވެ އެވެ.

އެންމެ މޮޅު އެކްޓަރުގެ އެވޯޑު މަނޯޖް ބަޖްޕާއީ އާއި ދަނޫޝް އަށް ލިބުނުއިރު އެންމެ މޮޅު ބަތަލާގެ އެވޯޑު ލިބުނީ ކަންގަނާ ރަނާވަތު އަށެވެ.

ބެސްޓް ފީޗާ ފިލްމުގެ އެވޯޑު ލިބުނީ ޕްރިޔަދަރްޝަންގެ މެލެޔާލަމް ފިލްމު "މަރައްކަރް: ލަޔަން އޮފް ދި އަރަބިއަން ސީ" އަށެވެ.