ބޮލީވުޑް

އަހަންނަށް 47 އަހަރު، އާންޓީ އޭ ގޮވިޔަސް ހެޔޮ: އުރުމިލާ

ފެބްރުއަރީ 4 ވަނަ ދުވަހަކީ ބަތަލާ އުރުމިލާ މަޓޯންޑްކަރްގެ 47 ވަނަ އުފަން ދުވަހެވެ. އުމުރުން ދުވަސްވަމުން ދިއުމަކީ އުރުމިލާއަށް މައްސަލައެއް ނޫން ކަމަށް އޭނާ ބުނެ އެވެ.

އުރުމިލާގެ އުމުރުން ދުވަސްވުމުން މައްސަލައަކަށް ވެގެން އުޅެނީ ސޯޝަލް މީޑިއާގައި އުޅޭ ބައެއް މީހުނަށެވެ. އޭގެ ތެރެއިން ބައެއް މީހުން އޭނާއަށް ޓްރޯލްކޮށް ހަދަ އެވެ. އާންޓީ އެކޭ ކިޔާ މަލާމާތް ކުރެ އެވެ.

އެފަދަ މީހުންނަށް އުރުމިލާ ދެއަތް ޖޯޑުކޮށްފައި ޖަވާބު ދެނީ މުސްކުޅިވާ ކަމުގެ އިހްސާސް އޭނާއަށް ކުރުވައިގެން އޭނާ ދެރަ ކުރަން އުޅޭ އެއްވެސް މީހަކަށް އެކަން ކާމިޔާބު ނުވާނެ ކަމަށް ބުނަމުންނެވެ.

"އަހަރެން ގަބޫލުކުރާ ގޮތުގައި ހަޔާތަށް އިތުރުވާ ކޮންމެ އަހަރަކާއެކު ވަރަށް ގިނަ ތަޖުރިބާތަކެއް ވެސް އިތުރުވާނެ. އަހަރެންނަކީ ކޮންމެ ދުވަހަކު ވެސް ވަރަށް ބިޒީކޮށް އުޅެ އެ ދުވަހެއްގެ ބޭނުން އެންމެ ފުރިހަމައަށް ކުރަން މަސައްކަތް ކުރާ މީހެއް. ވީމާ އުމުރުން ދުވަސްވިޔަސް އެއީ މައްސަލައެއް ކަމަކަށް ނުދެކެން،" އުރުމިލާ ބުންޏެވެ.

އުފަން ދުވަސް ފާހަގަ ކުރަން އުރުމިލާ ބޭނުމެއް ނުވެ އެވެ. ނަމަވެސް އެ ދުވަހު ނިކަމެތިންނަށް އެހީތެރިވުމުގެ ގޮތުން ހަދިޔާ ބެހުމަކީ އޭނާ އާއްމުގޮތެއްގައި ކުރާ ކަމެކެވެ.

އުރުމިލާ ވަނީ 2016 ގައި މުހްސިން ހާން ނަމަކަށް ކިޔާ ވިޔަފާރިވެރިއަކާ ކައިވެނިކޮށްފަ އެވެ. މި ފަހަކަށް އައިސް އުރުމިލާ ބޮޑަށަ ހަރަކާތްތެރިވަމުން ދަނީ އިންޑިޔާގެ ސިޔާސީ މައިދާނުގަ އެވެ. އެގޮތުން 2019 ގައި ފުރަތަމަ ގުޅުނީ ކޮންގްރެސް ޕާޓީ އެވެ. ނަމަވެސް ފަހުން އެ ޕާޓީން ވަކިވެ މިހާރު އުޅެނީ ޝިވް ސޭނާ ޕާޓީގަ އެވެ.

ސޯޝަލް މީޑިއާގައި ގިނަ ބަޔަކު އޭނާއާ އެހާ ބޮޑަށް ދިމާކުރަނީ ސިޔާސީ މައިދާނުގައި އުޅޭތީ ކަމަށް ގަބޫލު ކުރެވެ އެވެ.