ކްރިސްޓިއާނާ ރޮނާލްޑޯ

ރަންބޫޓްގެ ރޭހަށް އިމްމޯބިލޭ، ރޮނާލްޑޯ ކަޓައިފި

ޔޫރަޕްގެ ރަން ބޫޓް އެވޯޑް ހޯދުމުގެ ފުރުސަތު، ޔުވެންޓަސްގެ ފޯވަޑް ކްރިސްޓިއާނޯ ރޮނާލްޑޯއަށް ގާތްގަނޑަކަށް ގެއްލިއްޖެ އެވެ. މިހާރު ރަންބޫޓް އެވޯޑްގެ ރޭހުގެ އެންމެ ކުރީގައި އޮތީ ލާޒިއޯފެ ފޯވަޑް ޗީރޯ އިމްމޯބިލޭ އެވެ.

ރޭ ކަލިއަރީއާ ދެކޮޅަށް ކުޅުނު މެޗުން ޔުވެންޓަސް ބަލިވީ 2-0 ންނެވެ. ރޭގެ މެޗުގައި ލަނޑު ޖެހުމުގެ ދޮރު ރޮނާލްޑޯއަށް ބަންދުވުމާއެކު އޭނާ އަށް ވަނީ އިމްމޯބިލޭ ބީޓް ކޮށްލުމުގެ ފުރުސަތު މުޅިން ކަހަލަ ގޮތަކަށް ގެއްލިފަ އެވެ. އިމްމްބޯލޭ ވަނީ މިހާތަނަށް 35 ގޯލް ޖާހަފަ އެވެ. ސެރީ އޭ ގައި ކޮންމެ ޓީމަކަށްވެސް ބާކީ އޮތީ އެންމެ މެޗެކެވެ.

ޔުވެންޓަސް އޮތީ، ރޯމާ އާ ދެކޮޅަށް ކުޅޭ މެޗެވެ. އެހެންވެ، މިހާރު އޮތް ހާލަތުން ރޮނާލްޑޯއަށް އިމްމޯބިލޭ އާ ހަމަހަމަ ކުރުންވެސް ވަނީ މުސްތަހިއްލު ކަމަކަށެވެ.

ބުންޑެސް ލީގާގައި އެންމެ ގިނަ ލަނޑު ޖެހި ބަޔާން މިޔުނިކްގެ ރޮބަޓް ލެވަންޑޮސްކީ ވެސް ކާމިޔާބު ކުރީ 34 ގޯލެވެ.

އިމްމޯބިލޭ އަށް ވަނީ، އިޓާލިއަން ލީގްގައި އެއް ސީޒަނެއްގައި އެންމެ ގިނައިން ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑު ހެދުމުގެ ފުރުސަތު ލިބިފަ އެވެ. ގޮންޒާލޯ ހިގުއައިން ނަޕޯލީގައި 2015-16 ސީޒަންގައި ޖެހި 36 ލަނޑު ކާމިޔާބު ކުރުމުގެ ރެކޯޑް އިމްމޯބިލޭަށް މުގުރާލެވި ދާނެ އެވެ. ހޮނިހިރު ދުވަހުގެ ރޭ ނަޕޯލީ އާ ދެކޮޅަށް ލާޒިއޯ ކުޅޭ މެޗުގައި އިމްމޯބިލޭ ދެ ގޯލް ޖަހައިފިނަމަ އެ ރެކޯޑް އޭނާ އަށް މުގުރަލެވުނީ އެވެ.