ކުރިސްޓިއާނޯ ރޮނާލްޑޯ އުޑިނޭޒީ ކޮޅަށް ޖެހި ދެ ލަނޑާއެކު، ފުޓްބޯޅައިގެ ތާރީހްގައި ދެ ވަނަ އަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމަށް ޖެހިލައިފި އެވެ.
ކުރިން މި ރެކޯޑް އޮންނަނީ، ބުރެޒިލްގެ މަޝްހޫރު ޕެލޭ އަތުގަ އެވެ. ބުރެޒިލްގެ ފުޓްބޯޅަ ލެޖެންޑް ވަނީ އޭނާގެ ކެރިއަރުގައި 757 ގޯލް ޖާހަފަ އެވެ. ރޭ ކާމިޔާބު ކުރި ދެ ލަނޑާއެކު ރޮނާލްޑޯ ވަނީ، 758 އަށް ޖެހިލާފަ އެވެ.
ރޮނާލްޑޯއަށް ވުރެ ކުރީގައި އޮތީ، މިދިޔަ ގަރުނުގެ މެދުތެރޭގައި ފުޓްބޯޅަ ކުޅުނު ޗެކްރޕަބްލިކްގެ ޖޯސެފް ބީކަން އެވެ. ރިޕޯޓްތައް ބުނާ ގޮތުން 1931 ން 1955 ށް ފުޓްބޯޅަ ކުޅުނު ބިކާން ވަނީ، އޭނާގެ ކެރިއަރުގައި 759 ގޯލް ޖާހަފަ އެވެ. އޭނާގެ ރެކޯޑް މުގުރާލައި ފުޓްބޯޅައިގެ ތާރީހްގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގަމަށް ކުރިއަށް ހުރި މެޗުތަކުގައި ރޮނާލްޑޯ ޖެހިލެވޭނެ އެވެ.
ރޮނާލްޑޯ އާއި ޕެލޭގެ ފަހަތުން، ލިސްޓްގެ ހަތަރު ވަނައިގައި އޮތީ، ބާސެލޯނާގެ ކެޕްޓަން ލިއޮނެލް މެސީ އެވެ. އޭނާ ވަނީ 742 ލަނޑު ޖާހަފަ އެވެ. މެސީ ވަނީ ދާދި ފަހުން، އެއް ކުލަބަކަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ގޮތުގައި ޕެލޭ ހަދާަފައިވާ ރެކޯޑް މުގުރާލާފަ އެވެ. މެސީ ވަނީ ބާސެލޯނާ އަށް 644 ގޯލް ޖަހައިދިފަ އެވެ. ބުރެޒިލްގެ ސަންޓޯސް އަށް ޕެލޭ ވަނީ 643 ލަނޑު ޖހާފަ އެވެ.
ރޭ ގެ މެޗުން މޮޅުވެ ޔުވެންޓަސް ވަނީ ތާވަލުގެ ފަސް ވަނަ އަށް ޖެހިލާފަ އެވެ. އުޑިނޭޒީގެ މައްޗަށް 4-1 ން މޮޅުވި މެޗުގައި އެ ޓީމުގެ އަނެއް ދެ ލަނޑު ކާމިޔާބު ކުރީ ފެޑެރީކޯ ޗިއެސާ އަދ ޕައުލޯ ޑިބާލާ އެވެ.
ބެނެވެންޓޯގެ މައްޗަށް 2-0 ން ކާމިޔާބު ހޯދައި މިލާން ވަނީ އަލުން ތާވަލުގެ އެއް ވަނަ އަށް ޖެހިލާފަ އެވެ. މިލާންގެ ފުރަތަމަ ލަނޑު ލިބުނު ޕެނަލްޓީ އަކުން ކާމިޔާބު ކުރީ ކުރީ ފްރޭންކް ޔަނިކް ކެސީ އެވެ. އެ ޓީމުގެ އަނެއް ލަނޑު ކާމިޔާބު ކުރީ ރަފޭލް ލެއާައޯ އެވެ.
މިލާން އެއް ވަނައިގައި އޮތީ ވާދަވެރި އިންޓަ މިލާަން އަށް ވުރެ އެއް ޕޮއިންޓް ކުރީގައި އޮތުމުންނެވެ.