ކްރިސްޓިއާނާ ރޮނާލްޑޯ

ރޮނާލްޑޯ ޔުވެންޓަސްގައި އިތުރު ދެއަހަރު މަޑުކޮށްފާނެ

ޔުވެންޓަސްގައި އިތުރަށް މަޑު ނުކޮށް އެހެން ކްލަބަކަށް ބަދަލުވާން އުޅޭ ކަހަލަ މަންޒަރު ތަކަކަށް ފަހު މިހާރު ފެންނަނީ ރޮނާލްޑޯ ޔުވެންޓަސްގައި އިތުރަށް މަޑުކޮށްފާނެ ފަދަ މަންޒަރުތަކެވެ.

މިހާރު ފެންނަމުންދާ މަންޒަރު ތަކަށް ބަލައި 2023 އާއި ހަމައަށް ކޮންޓްރެކްޓް އާކޮށް ދެ އަހަރުގެ ކޮންޓްރެކްޓަކާއެކު ޔުވެންޓަސްގައި ރޮނާލްޑޮ މަޑުކުރުން ވަރަށް ކައިރި އެވެ.

ގިނަ ބަޔަކަށް އުންމީދު ކުރެވުނު ގޮތުގައި ރޮނާލްޑޯ ފުރަތަމަ ކުޅުނު ސްޕޯޓިން ލިސްބަން ނުވަތަ އޭނާ ވިދާލި މެންޗެސްޓާ ޔުނައިޓެޑަށް މި ފަހަރުގެ ސަމާ ޓްރާންސްފާގައި އޭނާ ބަދަލު ވާނެ އެވެ. ނޫނީ ފުޓްބޯޅަ ކުޅުމުން ރިޓަޔާ ވުމުގެ ކުރިން މުޅިން އާ ދަތުރެއް ފަށައި ޕީއެސްޖީއަށް އޭނަ ބަދަލު ވެދާނެ ކަމުގެ ވާހަކަތަކެއް ވެސް ދެކެވުނެވެ. ނަމަވެސް މިހާރު ހިސާބަކަށް މަންޒަރު ބަދަލު ވެއްޖެ އެވެ.

އިޓަލީގެ ކުޅިވަރު ނޫސްތަކުން ބުނަނީ އެލިއެންޒް ސްޓޭޑިއަމްގައި އޭނާ އިތުރު ދެ އަހަރަށް މަޑުކުރާނެ ކަމަށެވެ. އެގޮތުން ލަގެޒެއްޓާ ޑެލޯ ސްޕޯޓްސް އާއި ސްޕޯޓްސް މީޑިއާސެޓް އިން ބުނާ ގޮތުން މި ހަފުތާގެ ތެރޭގައި އިތުރު ދެ އަހަރު ދުވަހުގެ މުއްދަތަކަށް ރޮނާލްޑޯ ޔުވެންޓަސް އާއެކު އެއްބަސްވުމުގައި ސޮއި ކުރާނެ އެވެ.

ޔުވެންޓަސްއިން ރޮނާލްޑޯއާއެކު މިގޮތަށް ކޮންޓްރެކްޓެއް ހެދުމުގެ ފޮރުވިފައިވާ އެޖެންޑާއެއް އޮތުން ވަރަށް ގާތެވެ. އެކްލަބުގެ ބޭނުމަކީ 2023 އާއި ހަމައަށް އެއްބަސްވުމެއް ހަދައި، 2022 ގެ ޓްރާންސްފާ މާކެޓުގައި ރޮނާލްޑޮ ފްރީ އެޖެންޓެއްގެ ގޮތުގައި ދޫވެގެން ދިޔަ ނުދިނުން ކަމަށް ވެދާނެ އެވެ. އޭރުން ރޮނާލްޑޯ އެހެން ޓީމަކަށް ބަދަލުވަން ބޭނުން ވެއްޖެ ނަމަ އެ ޓީމަކުން ބޮޑު އަދަދެއް ޔުވެންޓަސްއަށް ދައްކަން ޖެހޭނެ އެވެ. މިއީ މާލީ ގޮތުން ޔުވެންޓަސްއަށް ލިބޭ ބޮޑު ފައިދާ އަކަށް ވާނެ އެވެ.

މި ހުށަހެޅުން ރޮނާލްޑޯ ގަބޫލު ނުކޮށްފާނެ ސަބަބެއް އެބައޮތެވެ. އެއީ މި ކޮންޓްރެކްޓް ހަމަވާއިރު ރޮނާލްޑޯއަށް 38 އަހަރު ވާނެ އެވެ. އެހެން ކަމުން އޭގެ ފަހުން މެންޗެސްޓާ ޔުނައިޓެޑް ނުވަތަ ސްޕޯޓިން ލިސްބަން އަށް އޭނާ ކުޅުން ވަރަށް ދުރެވެ.

ޔުވެންޓަސްގައި އޭނާގެ ފުޓްބޯޅާ ކެރިއާ ނިންމާލުމުގެ ބަދަލުގައި މެންޗެސްޓާ ޔުނައިޓެޑް ނުވަތަ ސްޕޯޓިން ލިސްބަންގައި އަލުން ކުޅެލުމަށް ފަހު އޭނާގެ ފުޓްބޯޅަ ބޫޓު ބަހައްޓާނެ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ.