ސެރީ އޭ

ޔުވެންޓަސް އެއްވަރުވެ ރޮނާލްޑޯ ލަދެއްގައި ބެދިއްޖެ

އިޓާލިއަން ލީގުގައި ކުޅުނު ފުރަތަމަ މެޗުން ޔުވެންޓަސް އެއްވަރު ވެއްޖެ އެވެ.

އުދިނޭޒީގެ ފްރިއުލީ ސްޓޭޑިއަމްގައި ކުޅުނު މި މެޗުން ޔުވެންޓަސް އާއި އުދިނޭޒީ އެއްވަރުވީ 2-2 ގެ ނަތީޖާއަކުންނެވެ.

އާދީއްތަ ދުވަހުގެރޭ ކުޅުނު މި މެޗުގައި ޔުވެންޓަސްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ފުރަތަމަ 11 ގައި ކުޅެން ނުކުމެފައެއް ނުވެ އެވެ. އަޑު ފެތުރިފައިވާ ގޮތުގައި އޭނާ ފުރަތަމަ 11 އިން ނުފެނުނީ އޭނާގެ މުސްތަގުބަލާ މެދު ގޮތެއް ނިންމަން ކްލަބަށް އެންގުމަށް ފަހު އެވެ. ނަމަވެސް މެޗަށް ފަހު އޮތް ޕްރެސް ކޮންފަރެންސްގައި ޔުވެންޓަސްގެ ކޯޗު މެސިމޯ އަލެގްރީ އެ ވާހަކަތައް ދޮގު ކުރި އެވެ. ޔުވެންޓަސްގެ ދެ ގޯލު ވެސް ފެނިގެން ގޮސްފައިވަނީ ރޮނާލްޑޯ ކުޅެން އެރުމުގެ ކުރިން ފުރަތަމަ ހާފުގެ ކުރީ ކޮޅުގަ އެވެ.

މެޗު ނިމެން ދިޔައިރު ދެޓީމުން ވެސް އޮތީ ދެގޯލު ޖަހައި އެއްވަރު ކޮށްފަ އެވެ. ޔުވެންޓަސް އަށް މޮޅެއް ހޯދައިދިނުމަށް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުން ރޮނާލްޑޯ ވަނީ ފަހު ވަގުތުގައި ގޯލެއް ޖަހާފަ އެވެ. ގޯލު ސެލެބްރޭޓް ކުރުމަށް ރޮނާލްޑޮ އޭނާގެ ޖޯޒީ ބޭލުމުން ރެފްރީ އޭނާއަށް ރީންދޫ ކާޑު ދެއްކި އެވެ. އަދި ވީއޭއާރު ބެލުމަށްފަހު ރޮނާލްޑޯ އޮފްސައިޑް ޕޮޒިޝަނެއްގައި ހުރުމުން ރެފްރީ ނިންމީ އެއީ ގޯލެއް ނޫން ކަމަށެވެ. މިއާއެކު ގިނަ ބައެއްގެ ފާޑު ކިއުން ވަނީ ރޮނާލްޑޯއަށް އަމާޒުވެފަ އެވެ.

ފުރަތަމަ ހާފުގައި ޔުވެންޓަސްއަށް ލީޑު ނަގައިދިނީ ޓީމުގެ ކެޕްޓަނެއްގެ ގޮތުގައި ރޭ ކުޅެން ނިކުން ޕައުލޯ ޑީބަލާ އެވެ. މިއީ ރޮޑްރިގޯ ބެންޓެންކުރް ދިން ޕާހަކުން ޑިބަލާ ކާމިޔާބު ކުރި ގޯލެކެވެ. އޭގެ ފަހުން ޔުވެންޓަސްއަށް ލީޑު ފުޅާ ކޮށްދިނީ ޑީބަލާ ދިން ޕާހަކުން އިދިކޮޅު ޑިފެންޑަރު ވަރަށް ރީއްޗަށް ބީޓު ކޮށްލުމަށް ފަހު ހުއާން ކުއަޑްރާޑޯ އެވެ. ފުރަތަމަ ހާފު ނިމުނީ 2-0 އިން ޔުވެންޓަސް ކުރީގައި އޮވެގެންނެވެ.

އުދިނޭޒީގެ ދެގޯލު ފެނުނީ ދެވަނަ ހާފުގަ އެވެ. ފުރަތަމަ ގޯލަކީ ޔުވެންޓަސްގެ ކީޕަރު ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީ އަކުން ރޮބާޓޯ ޕެރޭރާ ކާމިޔާބު ކުރި ގޯލެކެވެ. މެޗުގެ 83 ވަނަ މިނެޓުގައި އުދިނޭޒީއަށް ދެވަނަ ގޯލު ޖަހައިދިނީ ޖެރާޑް ޑެލޮފޭއު އެވެ.

އިޓާލިއަން ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، ވެނެޒިއާ އަތުން ނަޕޯލީ މޮޅުވީ 2-0 އިންނެވެ. އަދި ފިއޮރެންޓީނާ އަތުން 3-1 އިން ރޯމާ މޮޅުވި އިރު، ބޮލޮގްނާއިން ސަލެރްނިޓާނާ ބަލި ކުރީ 3-2 ގެ ނަތީޖާ އަކުންނެވެ.

ލީގުގައި މިރޭސަމްޕްޑޯރިއާ ވާދަ ކުރާނީ އޭސީ މިލާންއާ އެވެ. އަދި ކަގްލިއާރީއާއި ސްޕެޒިއާ ބައްދަލު ކުރާ މެޗުވެސް މިރޭ އޮންނާނެ އެވެ.