ސެރީ އޭ

މޮޅެއް ނުލިބި ޔުވެންޓަސްއަށް ޕްރެޝަރު

އިޓާލިއަން ލީގުގައި ކުޅުނު ދެ މެޗުން ވެސް މޮޅެއް ނުލިބި ޔުވެންޓަސް އަށް ޕްރެޝަރާ ކުރިމަތިލާން ޖެހިއްޖެ އެވެ.

މިފަހަރުގެ ސީޒަންގައި ކުޅުނު ފުރަތަމަ މެޗުން ޔުވެންޓަސް ވަނީ އެއްވަރުވެފަ އެވެ. އަދި އެމްޕޮލީ އާއި ރޭ ވާދަ ކުރި މެޗުން ޔުވެންޓަސް ވަނީ ބަލިވެފަ އެވެ. ޔުވެންޓަސްގެ އަމިއްލަ ދަނޑުގައި އެ ޓީމު ބަލިވީ 1-0 އިންނެވެ.

މެޗުން ބަލިވި ނަމަވެސް ޔުވެންޓަސްއިން ވަނީ ގޯލު ޖެހުމަށް ގިނަ ފުރުސަތު ތަކެއް ތަނަވަސްކޮށްފަ އެވެ. އެގޮތުން ފުރަތަމަ ހާފުގައި ޔުވެންޓަސްގެ ކިއޭސާ އިދިކޮޅު ގޯލުގެ އަރިމަތިން ފޮނުވާލި ބޯޅަ ކީޕަރު މަތަކުރި އިރު، ތިން ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު އޭރިއާގެ ބޭރުން ތިރީ ކަނަށް ކިއޭސާ ފޮނުވާލި ބޯޅަ ވެސް އެމްޕޯލީގެ ކީޕަރު ވަނީ ދިފާއު ކޮށްފަ އެވެ.

ފުރަތަމަ ހާފުގެ 21 ވަނަ މިނެޓުގައި އެމްޕޯލީ އަށް މިގޯލު ކާމިޔާބު ކޮށްދިނީ ލިއެނާޑޯ މެންކޫސޯ އެވެ. މި ގޯލަކީ އެމްޕޯލީގެ ބަޖްރާމީ ފޮނުވާލި ބޯޅަ އިދިކޮޅު ޑިފެންޑަރު ފައިގައި ޖެހިފައި މެންކޫސޯ އަށް ލިބުމުން އޭނާ ކާމިޔާބު ކުރި ގޯލެކެވެ.

ރޭގެ މެޗަށްފަހު ޔުވެންޓަސްގެ ކޯޗު މެސިމޯ އަލެގްރީ އާއި ގިނަ ސުވާލުތަކެއް އަމާޒުވީ މެޗާއި ގުޅޭގޮތުންނެއް ނޫނެވެ. އޭނާ އަށް ގިނަ ސުވާލުތަކެއް އަމާޒު ވެފައި ވަނީ ޓީމު ދޫކުރި ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ބެހޭގޮތުންނެވެ.

މި ސުވާލު ތަކުގެ ޖަވާބުގައި މެސިމޯ ބުނީ ރޮނާލްޑޯ އަކީ ތިން އަހަރު ޔުވެންޓަސް އަށް ކުޅެދީ އޭގެ ތެރެއިން އެއް އަހަރު އޭނާ އާއި އެކުވެސް މަސައްކަތް ކޮށްފައިވާ މޮޅު ކުޅުންތެރިއެއް ކަމަށެވެ. އަދި ޓީމަށް ގިނަ ގޯލުތަކެއް ޖަހައިދީފައިވާ މުހިންމު ކުޅުންތެރިއެއް ކަމަށެވެ. ނަމަވެސް މިހާރު ޓީމުގައި ރޮނާލްޑޯ ނެތް ކަމަށާއި އެހެންކަމުން ޓީމުގައި ނެތް ކުޅުންތެރިއެއްގެ ވާހަކަ ދައްކަން ބޭނުން ނުވާ ކަމަށެވެ.

އިޓާލިއަން ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، ލާޒިއޯ އާއި ސްޕެޒިއާ ބައްދަލު ކުރި މެޗުން ލާޒިއޯ މޮޅުވީ 6-1 ބޮޑު ތަފާތަކުންނެވެ. ވެރޯނާ އަތުން 3-1 އިން އިންޓާ މިލާން މޮޅުވި އިރު، ފިއޮރެންޓީނާ ވަނީ 2-1 އިން ޓޮރީނޯ ބަލިކޮށްފަ އެވެ. ވެނެޒިއާގެ މައްޗަށް އުދީނޭޒް ކުރިހޯދީ 3-0 އިންނެވެ. ބޮލޮގްނާ އާއި އެޓްލާންޓާ ކުޅުނު މެޗު އެއްވަރުވީ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި އެވެ.