އިޓާލިއަން ލީގުގައި ޔުވެންޓަސް ކުޅުނު އެއްވެސް މެޗަކުން މޮޅުނުވެ އެޓީމު ހާސްކަމެއްގެ ތެރެއަށް ވެއްޓިއްޖެ އެވެ.
މި ސީޒަނުގައި އިޓާލިއަން ލީގުގެ ހަތަރު މެޗު ޔުވެންޓަސް ކުޅުނުއިރު އޭގެ ތެރެއިން ދެ މެޗުން އެޓީމު ވަނީ ބަލިވެފަ އެވެ. އަދި އަނެއް ދެ މެޗުން އެޓީމު ވަނީ އެއްވަރު ވެފަ އެވެ.
އޭސީ މިލާނާއި ދެކޮޅަށް ޔުވެންޓަސް ރޭ ކުޅުނު މެޗު ނިމުނީ ކޮންމެ ޓީމެއް ވެސް އެއް ގޯލު ޖަހައިގެންނެވެ. ޔުވެންޓަސްގެ ދަނޑުގައި ކުޅުނު މި މެޗުގައި ފުރަތަމަ ލީޑު ނެގީ ޔުވެންޓަސް އިންނެވެ. މި ގޯލަކީ ވަރަށް ހުސްކޮށް އިދިކޮޅު އޭރިއާ ތެރެއަށް ވަނުމަށްފަހު ކީޕަރުގެ ބޯމަތިން ބޯޅާ ސޮއްސާލައިގެން އަލްވާރޯ މޮރާޓާ ކާމިޔާބު ކުރި ގޯލެކެވެ. މޮރާޓާގެ މި ގޯލަކީ މެޗު ފެށުނުތާ ހަތަރު މިނެޓުގެ ތެރޭ އޭނާ ޖެހި ގޯލެކެވެ.
މޮރާޓާއަށް ގޯލު ޖަހަން އޭގެ ފަހުން ވެސް ރަނގަޅު ފުރުސަތެއް ލިބުނެވެ. އެކަމަކު އޭގެ ބޭނުން އޭނާއަށް ނުހިފުނީ ކީޕަރު ހުށިޔާރު ކަމާއި އެކު އެ ބޯޅަ ދިފާއު ކުރުމުންނެވެ.
މިލާނަށް ގޭމުގެ ތެރެއަށް ވަދެވުނީ ޔުވެންޓަސް އިން ގޯލު ޖެހި ފަހުންނެވެ. އޭގެ ފަހުން އެޓީމުން ވަނީ ކުޅުން ރަނގަޅުކޮށް ގޯލު ޖެހުމަށް ގިނަ ހަމަލާތަކެއް ޔުވެންޓަސްގެ ގޯލަށް ފޮނުވާލާފަ އެވެ. މިލާނުގެ ލަނޑަކީ މަތިމަތިން އައި ކޯނަރެއް ބޮލުން ޖަހައި ގޯލުގެ ތެރެއަށް ފޮނުވާލައިގެން އެންޓީ ރެބިކް ކާމިޔާބު ކޮށްދިން ގޯލެކެވެ.
މި ނަތީޖާ އާއި އެކު މިލާނުން 10 ޕޮއިންޓާއި އެކު ތާވަލުގެ ދެ ވަނައިގައި އޮތްއިރު ޔުވެންޓަސް އޮތީ ދެ ޕޮއިންޓާއި އެކު ތާވަލުގެ 18 ވަނައިގަ އެވެ.
އިޓާލިއަން ލީގުގައި ރޭ ކުޅުނު އެހެން މެޗު ތަކަށް ބަލާއިރު، ލާޒިއޯ އާއި ކަގްލިރީ ކުޅުނު މެޗު ނިމުނީ 2-2 އިން އެއްވަރު ވެގެންނެވެ. އަދި މޮރީނިއޯގެ ރޯމާ އަތުން ވެރޯނާ 3-2 ގެ ނަތީޖާއަކުން މޮޅުވި އިރު، ސެމްޑޯރިއާއިން އެމްޕޮލީ ބަލި ކުރީ 3-0 ގެ ނަތީޖާއަކުންނެވެ. އަދި ވެނީޒިއާގެ މައްޗަށް ސްޕެޒިއާ ކުރި ހޯދީ 2-1 ގެ ނަތީޖާ އަކުންނެވެ.