ކުޅިވަރު

އަދަބަށް ފަހު ޔުވެންޓަސް ކުޅުނު ފުރަތަމަ މެޗު އެއްވަރު

މަކަރުހެދުމުގެ ތުހުމަތުގައި އިޓާލިއަން ފުޓްބޯޅަ ފެޑެރޭޝަންގެ އަދަބު ލިބިފައިވާ ޔުވެންޓަސް ލީގުގައި ރޭ އަމިއްލަ ދަނޑުގައި އެޓަލާންޓާއާ ދެކޮޅަށް ކުޅުނު މެޗު 3-3 އިން އެއްވަރުވެއްޖެ އެވެ.

ކުޅުންތެރިން ރަޖިސްޓްރީ ކުރުމުގައި މަކަރުހެދުމާއި، ކްލަބްގެ މާލީ ލިޔެކިއުންތައް އޮޅުވާލާފައިވާކަމަށް ބުނެ ޔުވެންޓަސް އަށް ދިން އެއް އަދަބަކީ 15 ޕޮއިންޓް އުނިކުރުމެވެ. މީގެ އިތުރުން އެޓީމުގެ ޑިރެކްޓަރުންގެ ބޯޑުގައި ކުރިން ތިބި މެމްބަރުންނާއި މިހާރުގެ މެމްބަރުން ވަނީ އެކި މުއްދަތަށް ފުޓްބޯޅައިން ސަސްޕެންޑްކޮށްފަ އެވެ.

ރޭގެ މެޗުގެ ފުރަތަމަ ގޯލު ހަތަރު ވަނަ މިނެޓުގައި ޖެހީ އެޓަލާންޓާގެ އަޑެމޮލާ ލުކްމަން އެވެ. ޔުވެންޓަސް އަށް ނަތީޖާ ހަމަހަމަކޮށްދިން ގޯލު 25 ވަނަ މިނެޓުގައި ޖެހީ އެންހެލް ޑި މާރިއާ އެވެ. އޭގެފަހުން ޔުވަންޓަސްގެ އަކާޑިއުޒް މިލިކް 34 ވަނަ މިނެޓުގައި ޖެހި ގޯލުން އެޓީމުން ލީޑު ނެގި އެވެ.

ދެވަނަ ހާފު ފަށައިގެން ފުރަތަމަ މިނެޓުގައި ޑިފެންޑަރު ޔަކީމް މެހީލްގެ ގޯލުން އެޓަލާންޓާ ނަތީޖާ ހަމަހަމަކުރި އެވެ. އޭގެ އިރުކޮޅެއް ފަހުން ލުކްމަން ވަނީ އިތުރު ގޯލެއް ޖަހައި އެޓަލާންޓާ އަށް ލީޑު ނަގައިދީފަ އެވެ. މިއީ އިނގިރޭސި ލީގުގައި ކުރިން އެވަޓަން އާއި ފުލަމް އަދި ލެސްޓާ ސިޓީ އަށް ކުޅުނު ލުކްމަން މި ސީޒަނުގައި ޖެހި 11 ވަނަ ގޯލެވެ.

އެޓަލާންޓާ ކުރީގައި އޮއްވައި ޔުވެންޓަސް އިން ނަތީޖާ ހަމަހަމަކުރީ 65 ވަނަ މިނެގައި ޑެނީލޯ ޖެހި ގޯލުންނެވެ.

އަދަބަށް ފަހު ހޯދި ފުރަތަމަ މޮޅާ އެކު ޔުވެންޓަސް އަށް 19 މެޗުން ލިބިފައިވަނީ 23 ޕޮއިންޓެވެ. ޕޮއިންޓް ނުކަނޑާއިރު 18 މެޗުން އެޓީމު އޮތީ 37 ޕޮއިންޓް ހޯދާފަ އެވެ.
ލީގުގައި ރޭ ސްޕެޒިއާއާ ވާދަކޮށް ރަށުން ބޭރުގައި 2-0 އިން މޮޅުވެ ރޯމާ ވަނީ ލީގުގެ ހަތަރު ވަނަ އަށް ކުރިއަށް ޖެހިލާފަ އެވެ.