ކުޅިވަރު

ޖެހިޖެހިގެން 8 ވަނަ މެޗުން މޮޅުވެ ޔުވެންޓަސް ދެވަނަ އަށް

އިޓާލިއަން ލީގުގައި ޖެހިޖެހިގެން 8 ވަނަ މެޗުން މޮޅުވެ ޔުވެންޓަސް ލީގުގެ ދެވަނަ އަށް ކުރިއަށް ޖެހިލައިފި އެވެ.

މި ސީޒަން ޔުވެންޓަސް ފެށީ ދަށްކޮށެވެ. ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުން ތިންވަނަ ލިބި އެޓީމު ވެއްޓުނީ ޔޫރޮޕާ ލީގަށެވެ. އެ ގްރޫޕުން ދެވަނަ ބުރު ކަށަވަރުކުރީ ޕީއެސްޖީ އާއި ބެންފީކާ އެވެ. ހަ މެޗުން ޔުވެންޓަސް އަށް ލިބުނީ އެންމެ ތިން ޕޮއިންޓެވެ. އަނެއްކޮޅުން ލީގުގެ ކުރީކޮޅު ފޯމު ދަށްވެ އެޓީމު އޮތީ ކުރީގައި އޮތް ޓީމުތަކާ ބޮޑު ފަރަގެއްގަ އެވެ. ނަތީޖާތައް ދަށްވުމުން ކޯޗު މަސިމިލިއާނޯ އަލެގްރީގެ މަގާމާ މެދު ވެސް ސުވާލު އުފެދުނެވެ. އެކަމަކު ފަހަކަށް އައިސް ފޯމު ރަނގަޅުކޮށް އެޓީމު މިހާރު އޮތީ ލީގަށް ވާދަކުރެވޭ ހިސާބުގަ އެވެ.

ލީގުގައި ރޭ އެޓީމު ވަނީ އަމިއްލަ ދަނޑުގައި 0-1 ޔުދިނޭޒީ ބަލިކޮށްފަ އެވެ. މެޗުގެ ހަމައެކަނި ގޯލު 86 ވަނަ މިނެޓުގައި ޖެހީ ބްރެޒިލްގެ ފުލްބެކް ޑެނީލޯ އެވެ. މިއީ ފެޑެރިކޯ ކިއޭސާގެ އެހީގައި ޑެނީލޯ ޖެހި ލަނޑެކެވެ.

ލީގުގައި ޔުވެންޓަސް އަންނަ ހުކުރު ދުވަހު ނުކުންނާނީ ނަޕޯލީއާ ދެކޮޅަށެވެ.

ލީގު ރޭހުގައި އޮތް އިންޓަ މިލާން ރޭ ވަނީ މޮންޒާއާ ވާދަކުރި މެޗު 2-2 އިން އެއްވަރުވެފަ އެވެ. މެޗުގައި އިންޓަ މިލާނުގެ ގޯލުތައް ޖެހީ މަޓެއޮ ޑާމިއާން އާއި ލަޓާރޯ މާޓީނޭޒް އެވެ. މޮންޒާ އިން މެޗުގެ ނަތީޖާ ހަމަހަމަ ކުރި ގޯލު ކާމިޔާބުކުރި އިތުރު ވަގުތުގެ ހަތަރު ވަނަ މިނެޓުގަ އެވެ.

ލީގު ތާވަލަށް ބަލާއިރު ޔުވެންޓަސް ދެވަނައިގައި އޮތީ 17 މެޗުން 37 ޕޮއިންޓް ހޯދައިގެންނެވެ. އެއްވަނައިގައި 41 ޕޮއިންޓާ އެކު އޮތް ނަޕޯލީއާ ޔުވެންޓަސްއާ ދެމެދު އޮތީ ހަތަރު ޕޮއިންޓުގެ ފަރަގެކެވެ. އިންޓަ މިލާން މިހާރު އޮތީ 34 ޕޮއިންޓާ އެކު ހަތަރު ވަނައިގަ އެވެ. ނަޕޯލީގެ އިތުރުން ތިންވަނައިގައި އޮތް އޭސީ މިލާނުން މި ހަފްތާ ކުޅޭ މެޗުތަކަށް ފަހު ލީގު ތާވަލަށް ބަދަލު އައުމުގެ ފުރުސަތު އެބައޮތެވެ.

އިޓާލިއަން ލީގުގައި ރޭ ފިއޮރެންޓީނާ ވަނީ އަމިއްލަ ދަނޑުގައި 1-2 އިން ސަސުލޫ އަތުން މޮޅުވެފަ އެވެ. މޮޅާ އެކު 23 ޕޮއިންޓް ހަމަކޮށް ފިއޮރެންޓީނާ ވަނީ ނުވަ ވަނަ އަށް ކުރިއަށް ޖެހިލާފަ އެވެ. ސަސޮލޫ އޮތީ 16 ޕޮއިންޓާ އެކު 16 ވަނައިގަ އެވެ.