ޓްރާންސްފާ ޑީލްތަކުގައި މަކަރުހެދުމާއި، ކްލަބްގެ މާލީ ކަންކަމުގައި ލިޔެކިއުން އޮޅުވާލުމުގެ ތުހުމަތުގައި އިޓަލީގެ މަޝްހޫރު ކްލަބް، ޔުވެންޓަސް އަތުން 15 ޕޮއިންޓް އުނިކުރަން އިޓަލީގެ ފުޓްބޯޅަ ފެޑެރޭޝަނުން ނިންމުމުން އެ ކްލަބް ލީގުގެ 10 ވަނަ އަށް ވެއްޓިއްޖެ އެވެ.
އަދަބު ދިނުމުގެ ކުރިން ޔުވެންޓަސް އޮތީ 18 މެޗުން ލިބުނު 37 ޕޮއިންޓާ އެކު ތާވަލުގެ ތިން ވަނައިގަ އެވެ. އެކަމަކު 15 ޕޮއިންޓް އުނިކުރުމުން އެޓީމަށް މިހާރު ލިބިފައިވަނީ 22 ޕޮއިންޓެވެ. ކުރިން ފަސް ވަނައިގައި އޮތް ލާޒިއޯ މިހާރު ވަނީ ހަތަރު ވަނަ އަށް ކުރިއަށް ޖެހިލާފަ އެވެ. މި އަދަބާ ގުޅިގެން އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ފުރުސަތު ހޯދަން ޔުވެންޓަސް އަށް އުނދަގޫވާނެ އެވެ.
ޔުވެންޓަސް އިން މަކަރުހެދި މައްސަލަ ބެލުމުން ފާހަގަކުރެވުނީ ކުޅުންތެރިން ކްލަބަށް ގެނައުމަށް ފަހު ރަޖިސްޓްރީ ކުރުމުގެ ތެރެއިން އިމޭޖްރައިޓްސްގެ އާމްދަނީ އޮޅުވާލިކަމާއި، މާލީ ހިސާބުތައް އޮޅުވާލި ކަމެވެ. މިގޮތުން، ނުކުރާ މުއާމަލާތްތައް ހިސާބުގެ ތެރެއަށް ވައްދައި ފޭކް އިންވޮއިސްތަކެއް ހެދިކަމަށް ވަނީ ސާބިތުވެފަ އެވެ.
ޔުވެންޓަސްގެ މައްސަލައިގެ ތަހުގީގު ކުރިއަށް ދަނިކޮށް ކްލަބުގެ ބޯޑު އޮފް ޑިރެކްޓަރުން އެއްފަހަރާ މިދިޔަ ނޮވެމްބަރު މަހު ވަނީ އިސްތިއުފާދީފަ އެވެ. އޭގެތެރޭގައި ކްލަބުގެ ކުރީގެ ރައީސް އަންދްރޭ އަގްނެލީ އާއި ކުރީގެ ނައިބު ރައީސް ޕަވެލް ނެޑްވެޑް ހިމެނެ އެވެ.
ޔުވެންޓަސް އަށް ދިން އަދަބާ ގުޅިގެން ކްލަބުން ވަނީ އެޕީލްކުރަން ނިންމައިފަ އެވެ. ޔުވެންޓަސް އިން ނެރުނު ބަޔާނުގައި ބުނީ ދިން އަދަބާ ގުޅިގެން ސްޕޯޓް ގެރެންޓީ ބޯޑް އޮފް ދަ އިޓާލިއަން އޮލިމްޕިކް ކޮމިޓީގައި މައްސަލަ އަށް އެޕީލްކުރާނެ ކަމަށެވެ.
ޔުވެންޓަސްގެ މައްޗަށް ކުށް ސާބިތުވުމުން ކޯޓުގެ ރިކުއެސްޓަކީ ނުވަ ޕޮއިންޓް އުނިކުރުމެވެ. އެކަމަކު އިޓަލީގެ ފުޓްބޯޅަ ފެޑެރޭޝަނުން ދިން އަދަބުގައި އުނިކުރި ޕޮއިންޓް 15 އަށް އިތުރުކުރި އެވެ.
ކްލަބުގެ އިތުރުން ޔުވެންޓަސްގެ ބޯޑުގައި ހިމެނުނު ކުރީގެ މެމްބަރުންނަށް ބޮޑެތި އަދަބުތަކެއް ވަނީ ދީފަ އެވެ. މިގޮތުން ޔުވެންޓަސްގެ ކުރީގެ އަދި މިހާރުގެ މެމްބަރުން ހިމެނޭހެން 11 މީހަކަށް އަދަބު ލިބުނެވެ.
އެޓީމުގެ ކުރީގެ ސްޕޯޓްސް ޑިރެކްޓާ ފަބިއޯ ޕަރަޓިސީ ވަނީ 30 މަހަށް ފުޓްބޯޅައިން ސަސްޕެންޑް ކޮށްފަ އެވެ. އެކަމަކު އޭނާ މިހާރު ހުރީ އިނގިރޭސި ކްލަބް ޓޮޓެންހަމް ހޮޓްސްޕާގެ މެނޭޖިން ޑިރެކްޓާ އޮފް ފުޓްބޯޅައިގެ މަގާމްގަ އެވެ.
ކުރީގެ ރައީސް އަގްނެލީ އާއި ކުރީގެ ޗީފް އެގްޒެކެޓިވް މައުރީޒިއޯ އެރިވަބީން ވަނީ ދެ އަހަރުގެ މުއްދަތަކަށް ސަސްޕެންޑްކޮށްފަ އެވެ. އަދި މިހާރުގެ ސްޕޯޓްސް ޑިރެކްޓަރު ފެޑެރިކޯ ޗެރުބިނީ އަށް 16 މަހުގެ ސަސްޕެންޝަނެއް ވަނީ ދީފަ އެވެ. ކުރީގެ މަޝްހޫރު ފުޓްބޯޅަ ތަރި ނެޑްވެޑަށް ދިން އަދަބަކީ އަށް މަހަށް ފުޓްބޯޅައިން ސަސްޕެންޑް ކުރުމެވެ.
އިޓަލީ ފުޓްބޯޅަ ފެޑެރޭޝަނުން ބުނީ އެ އަދަބު މުޅި ދުނިޔޭގައި ތަންފީޒު ވާނެ ގޮތް ހަދާނެ ކަމަށެވެ. މިގޮތުން ފީފާ އާއި ޔޫއެފާގައި އެދިގެން އެހެން ގައުމެއްގައި މަސައްކަތް ނުކުރެވޭ ގޮތް ހެދުމުގެ މަސައްކަތް އިޓަލީ ފުޓްބޯޅަ ފެޑެރޭޝަނުން މިހާރު އަންނަނީ ކުރަމުންނެވެ.
މަކަރު ހެދުމުގެ ތުހުމަތުގައި 2006 ވަނަ އަހަރު ވެސް ޔުވެންޓަސް އަށް ވަނީ އަދަބު ލިބިފަ އެވެ. އެފަހަރު އެޓީމަށް ދިން އަދަބަކީ ދެވަނަ ޑިވިޝަނަށް ރެލިގޭޓް ކޮށްލުމުގެ އިތުރުން އެ މުއްދަތުގައި ހޯދި ލީގު ޗެމްޕިއަން ކަމުގެ ދެ ތަށި އަތުލުމެވެ.
އޭގެފަހުން އެނބުރި އައިސް އަގްނެލީގެ 13 އަހަރުގެ ރައީސްކަމުގައި އިޓާލިއަން ލީގުގެ ޗެމްޕިއަންކަން ޖެހިޖެހިގެން ނުވަ ފަހަރު ޔުވެންސް ހޯދި އެވެ. އެކަމަކު މިދިޔަ ސީޒަނުގައި އެޓީމު ލީގު ނިންމާލީ ހަތަރު ވަނައިގަ އެވެ.
އަދަބަށް ފަހު ޔުވެންޓަސް ލީގުގައި ކުޅޭ ފުރަތަމަ މެޗުގައި އާދީއްތަ ދުވަހު އަމިއްލަ ދަނޑުގައި ނުކުންނާނީ އެޓަލާންޓާ ދެކޮޅަށެވެ.