އިޓަލީގެ ކުރީގެ ބޮޑުވަޒީރު ސިލްވިއޯ ބާލުސްކޯނީގެ ކްލަބް މޮންޒާ އިން ގަދަފަދަ ޔުވެންޓަސް ބަލިކޮށްފި އެވެ.
ރޭ އަމިއްލަ ދަނޑުގައި އެޓީމު ކުޅުނު މެޗުގައި ޔުވެންޓަސް އަތުން މޮޅުވީ 0-1 އިންނެވެ. މިއީ އިޓަލީ ލީގަށް މުޅިން އަލަށް ޕްރޮމޯޓްވެ މޮންޒާގެ ތާރީހުގައި އިޓާލިއަން ލީގުގައި އެ ކްލަބުން ހޯދި ފުރަތަމަ މޮޅެވެ.
މޮންޒާގެ އޯނަރަކީ އިޓަލީގެ ބޮޑުވަޒީރުކަން ކުރިން ކުރެއްވި މަޝްހޫރު ބާލުސްކޯނީ އެވެ. ބާލުސްކޯނީ އަކީ އޭސީ މިލާން ކުރިން ހިންގެވި ބޭފުޅެކެވެ. ބެންކްރަޕްޓްވި އޭސީ މިލާން ބާލުސްކޯނީ ގަތީ 1986 ވަނަ އަހަރު އެވެ. ބާލުސްކޯނީގެ ދައުރުގައި އޭސީ މިލާނަކީ ޔޫރަޕްގެ އެންމެ ވަރުގަދަ ޓީމެވެ. އެ ދުވަސްވަރު އޭސީ މިލާނުން ޔޫރަޕްގެ ޗެމްޕިއަންކަން ފަސް ފަހަރު ހޯދައި އިޓާލިއަން ލީގު އަށް ފަހަރު ހޯދި އެވެ. އޭރު ޔޫރަޕްގައި އެންމެ ވިދުން ގަދައީ ވެސް އޭސީ މިލާނުގެ ކުޅުންތެރިންނެވެ.
ބާލުސްކޯނީ މޮންޒާގެ 95 ޕަސެންޓް ހިއްސާ ބައްލަވައިގަތީ އެ ކްލަބް ތިން ވަނަ ޑިވިޝަނުގައި އޮއްވަ އެވެ. އޭގެ ފަހުން އެޓީމަށް ކުރިއެރުން ހޯދައިދީ މި ސީޒަނުގައި އިޓާލިއަން ލީގަށް ކޮލިފައި ކޮށްދިނެވެ. އޮޓަމެޓިކް ޕްރޮމޯޝަންގެ ފުރުސަތު ގެއްލުމުން މި ސީޒަނުގެ އިޓާލިއަން ލީގަށް އެޓީމު ކޮލިފައިވީ ޕްލޭއޮފް ކުޅެގެންނެވެ.
މަތީ ފަންތީގެ ފުޓްބޯޅަ އަށް އަލަށް އެރުމަށް ފަހު އެޓީމުން ވަނީ ފެންވަރު ރަނގަޅު ކުޅުންތެރިން ޓީމަށް އިތުރުކޮށްފަ އެވެ. އޭގެތެރޭގައި އާސެނަލްގެ ލޯނު އުސޫލުން އެޓީމަށް ކުޅެމުން އަންނަ ޕަބްލޯ މާރީ އާއި އިޓަލީގެ ގައުމީ ޓީމުގައި ހިމެނޭ މަޓެއޮ ޕެސީނާ އާއި ސްޓެފާނޯ ސަންސީ ހިމެނެ އެވެ.
ރޭގެ މެޗުގައި މޮންޒާގެ ހަމައެކަނި ގޯލު 74 ވަނަ މިނެޓުގައި ޖެހީ ކްރިސްޓިއަން ގިކްޖާ އެވެ. ލީގުގައި ހޯދި ތާރީހީ ފުރަތަމަ މޮޅާ އެކު މޮންޒާ ވަނީ ހަތް މެޗުން ހަތަރު ޕޮއިންޓް ހަމަކޮށް 18 ވަނަ އަށް ކުރިއަށް ޖެހިލާފަ އެވެ.
މެޗުގެ 40 ވަނަ މިނެޓުގައި ޔުވެންޓަސްގެ އެންހެލް ޑި މާރިއާ އަށް ރެފްރީ ވަނީ ރަތް ކާޑު ދައްކާފަ އެވެ. މިއީ ފުޓްބޯޅަ ކެރިއަރުގައި ޑި މާރިއާ އަށް ދެއްކި 10 ވަނަ ރަތް ކާޑެވެ.
މި ސީޒަން ދަށް ފޯމެއްގައި ފެށި ޔުވެންޓަސް އޮތީ ހަތް މެޗުން ލިބުނު 10 ޕޮއިންޓާ އެކު އަށް ވަނައިގަ އެވެ. ލީގުގައި ކުޅުނު ހަތް މެޗުގެ ތެރެއިން އެޓީމަށް މޮޅުވެވުނީ އެންމެ ދެ މެޗުންނެވެ. އަދި ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ ދެ މެޗުން ވެސް ޔުވެންޓަސް ވަނީ ބަލިވެފަ އެވެ. ސީޒަށް ދަށްކޮށް ފެށުމާ އެކު ޔުވެންޓަސްގެ ކޯޗު، މަސިމިލިއާނޯ އަލެގްރީ އަށް ވަނީ ޕްރެޝަރުވެފަ އެވެ.