ކުޅިވަރު

ނަޕޯލީއާ ޖެހުމުން ޔުވެންޓަސް ބަލިވެއްޖެ

އިޓާލިއަން ލީގުގައި ފަހަކަށް އައިސް ރަނގަޅު ފޯމެއްގައި އޮތް ޔުވެންޓަސްއާ ދެކޮޅަށް ކުޅުނު މެޗު 1-5 އިން ނަޕޯލީ ކާމިޔާބުކޮށްފި އެވެ.

ނަޕޯލީގެ ޑިއޭގޯ އަރްމާންޑޯ މަރަޑޯނާ ސްޓޭޑިއަމްގައި ކުޅުނު މެޗަށް ނުކުތްއިރު ޔުވެންޓަސް އޮތީ ލީގުގައި ރަނގަޅު ރެކޯޑެއްގަ އެވެ. ނަޕޯލީ މެޗުގެ ކުރިން ލީގުގައި ކުޅުނު އަށް މެޗުން ޖެހިޖެހިގެން މޮޅުވީ ބައިކޮޅަށް ގޯލެއް ވެސް ނުވަދެ އެވެ. އަނެއްކޮޅުން ރޭގެ މެޗު ކާމިޔާބު ކޮށްގެން ނަޕޯލީއާ ދެމެދު އޮތް ފަރަގު ކުޑަކުރަން ޔުވެންޓަސް އިން އަމާޒު ހިފި އެވެ. އެކަމަކު ނަޕޯލީ އިން ތަފާތު މޮޅު ކުޅުމެއް ދައްކައި މެޗުން ފުރިހަމަ މޮޅެއް ހޯދީ އެވެ.

މެޗުގެ ފުރަތަމަ ހާފު ނިމުނީ 1-2 އިން ނަޕޯލީ ކުރީގައި އޮވެގެންނެވެ. ފުރަތަމަ ގޯލު 14 ވަނަ މިނެޓުގައި ޖެހީ ވިކްޓާ އޮސީމެން އެވެ. އޭގެފަހުން 39 ވަނަ މިނެޓުގައި ކްވިޗާ ކްރަވަޝްކޭލިއާ ވަނީ އިތުރު ގޯލެއް ޖަހައި ފަރަގު ބޮޑުކޮށްފަ އެވެ. އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން ޔުވެންޓަސްގެ އެންހެލް ޑި މާރިއާ ޖެހި ގޯލާ އެކު އެޓީމަށް އުއްމީދެއް ލިބުނެވެ.

ދެވަނަ ހާފުގައި ނަޕޯލީ ފެނުނީ މާ ވަރުގަދަކޮށެވެ. މި ހާފުގައި ލިބުނު ފުރުސަތުތަކުގެ ބޭނުންހިފައި އިތުރު ތިން ގޯލު އެޓީމުން ޖެހި އެވެ. 55 ވަނަ މިނެޓުގައި އެޓީމުގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދިނީ އާމިރު ރަހްމާނީ އެވެ. 65 ވަނަ މިނެޓުގައި ނަޕޯލީގެ ހަތަރު ވަނަ ގޯލު ޖެހީ ފުރަތަމަ ގޯލު ޖެހި އޮސީމަން އެވެ. ނަޕޯލީ އިން ސްޓައިލްގައި މެޗު ނިންމާލީ 72 ވަނަ މިނެޓުގައި އެލިފް އެލްމާސް ޖެހި ގޯލުންނެވެ.

ރޭގެ މެޗަކީ 1993 ވަނަ އަހަރުގެ މެއި މަހުގެ ފަހުން އިޓަލީ ލީގުގައި ޔުވެންޓަސް ކޮޅަށް މެޗެއްގައި ފަސް ގޯލު ވަން ފުރަތަމަ ފަހަރެވެ.

މޮޅާ އެކު ނަޕޯލީ އަށް ވަނީ ލީގުގެ އެއްވަނައިގައި 10 ޕޮއިންޓުގެ ލީޑެއް ލިބިފަ އެވެ. އެޓީމަށް 18 މެޗުން 47 ޕޮއިންޓް ލިބިފައިވާއިރު ދެވަނައިގައި އޮތް އޭސީ މިލާން އާއި ތިން ވަނައިގައި އޮތް ޔުވެންޓަސް އަށް ވަނީ 37 ޕޮއިންޓް ލިބިފަ އެވެ. ހަތަރު ވަނައިގައި އޮތީ 34 ޕޮއިންޓް ލިބިފައިވާ އިންޓަ މިލާން އެވެ.

ނަޕޯލީ އަށް އިޓާލިއަން ލީގު އެންމެ ފަހުން ލިބުނީ 1990 ވަނަ އަހަރު އެވެ. އޭރު އެޓީމަށް ލީގު ހޯދައިދިނުމުގައި މުހިއްމު ދައުރެއް އަދާކުރީ ފުޓްބޯޅަ ލެޖެންޑް މަރަޑޯނާ އެވެ.